ކަރަންގެ އަތުން ފައިސާ ފޭރެން ގޭންގަކުން އުޅުނު
ކަރަންގެ އަތުން ފައިސާ ފޭރެން ގޭންގަކުން އުޅުނު

ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ކަރަން ޖޯހަރްގެ އަތުން ފައިސާ ފޭރެން އުޅުނު ކަމަށް ލޯރެންސް ބިޝްނޯއީ ގޭންގުން ބުނެފި އެވެ.

ބިޝްނޯއީ ގޭންގަކީ ސަލްމާން ޚާނަށް މަރުގެ އިންޒާރުދިން ގޭންގެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ސަލްމާނަށް ފަހު އެ ގޭންގްގެ ޓާގެޓަކަށް އޮތީ، ކަރަންގެ އަތުން ފަސް ކްރޯޑް ރުޕީސް ބިރުދައްކައިގެން ފޭރުމަށެވެ. އެ މައުލޫމާތު ފުލުހުންނަށް ހިއްސާކޮށްފައި ވަނީ ސިދޭޝް ކަމްބަލް ނަމަކަށް ކިޔައި އެ ގޭންގުގެ މެމްބަރެކެވެ.

އޭނާ ފުލުހުން ގާތު ބުނެފައިވާ ގޮތުގައި ގޭންގްސްޓާ ގޯލްޑީ ބްރާރްގެ ބޭބެ ވިކްރަމް ބްރާރް ވަނީ އިންސްޓަގްރާމް ކަހަލަ އެޕްތައް މެދުވެރިކޮށް އޭނާއާ އެކު އެކަހަލަ މަޝްވަރާތަކެއް ކޮށްފަ އެވެ. އެކަމަކު އެކަން ކަށަވަރުނުކުރެވޭ ކަމަށް ފުލުހުން ބުނެ އެވެ.

ސިދޭޝް އަކީ ޕަންޖާބުގެ ލަވަކިޔުންތެރިޔާ ސީދޫ މޫސްވާލާ މަރާލިކަމުގެ ތުހުމަތުކުރެވޭ ސަންތޯޝް ޖާދަވްއާ ވެސް ގާތް ގުޅުމެއް އޮންނަ މީހެކެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެ މަރާ ގުޅިގެން ވެސް ސިދޭޝް ވަނީ ގިނަ މައުލޫމާތުތަކެއް ފުލުހުންނަށް ދީފަ އެވެ.

ސީދޫ މަރާލިތާ މާ ގިނަ ދުވަސްތަކެއް ނުވެ ވަނީ ސަލްމާނާއި އޭނާގެ ބައްޕަ އަށް ވެސް މަރުގެ އިންޒާރު ދީފަ އެވެ. އެ މައްސަލައިގެ ތެރެއިން، ފެންމަތިވި ގޮތުގައި، މީގެ ކުރިން ބިޝްނޯއީ ގޭންގުން ވަނީ ސަލްމާން މަރާލުމަށް އެ ގޭ ދޮށުގައި ފާރަ އަށް މަޑުކޮށްފަ އެވެ. އެކަމަކު އެ ގޭގެ ދޮށުގައި ފުލުހުން ތިބުމުން ޕްލޭން ކެންސަލް ކުރީ އެވެ.