ހޮޅުދޫގެ މީހުންނަށް ހޮޅުމީދޫގައި 30 ހައުސިން ޔުނިޓް އިމާރާތްކޮށް، ރަށް އާބާދުކުރަނީ
ހޮޅުދޫގެ މީހުންނަށް ހޮޅުމީދޫގައި 30 ހައުސިން ޔުނިޓް އިމާރާތްކޮށް، ރަށް އާބާދުކުރަނީ

ނ. ހޮޅުދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސާފައިވާ ހޮޅުމީދޫގައި 30 ހައުސިން ޔުނިޓް އިމާރާތްކޮށް، އެ ރަށް ތަރައްގީކުރަން ނިންމައިފި އެވެ.

ހޮޅުދޫ މޭނާ ސްކޫލްގެ 75 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އެ ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލަ އަށް އަވަސް ހައްލެއް ހޯދަންޖެހިފައިވާ ކަމަށެވެ. ނަމަވެސް ރަށުގެ ފަޅުގައި ޖާގަ ނެތުމުން އިތުރަށް ބިން ހިއްކެން ނެތް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެހެންވެ ހޮޅުދޫގައި އިމާރާތްކުރަން ނިންމި 30 ހައުސިން ޔުނިޓް، އެ ރަށުގެ އިހުތިސާސްގައި ހިމެނޭ ހޮޅުމީދު އަށް ބަދަލުކުރަން ނިންމާފައިވާކަން ސަރުކާރުން ވަނީ ރަސްމީކޮށް އިއުލާންކޮށްފަ އެވެ.

"މި ރަށުގެ ރައްޔިތުން ބޭނުންވަނީ މި ރަށުގައި އަޅަން ސަރުކާރުން މި ވަގުތަށް ނިންމާފައި އޮތް 30 ހައުސިން ޔުނިޓް، މި ރަށުގެ ބައެއްގެ ގޮތުގައި އަޅުގަނޑުމެން ހަމަޖެއްސި ހޮޅުމީދު އަށް ބަދަލުކޮށް، އެ ރަށް އާބާދުކުރަން. އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑުމެން އެގޮތަށް ކޮށްދޭނަން،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ހޮޅުމީދޫގައި މީހުން އާބާދުކުރަން ފަށާއިރު އެ ރަށަށް ބޭނުންވާ އަސާސީ ހިދުމަތްތައް ވެސް ގާއިމްކޮށްދޭނެ ކަމަށެވެ.

ސަރުކާރުގެ އެ ނިންމުމާ ގުޅިގެން ހޮޅުދޫގެ ކައުންސިލްގެ މެމްބަރަކު "މިހާރު" އަށް މިއަދު ވިދާޅުވީ އެ ރަށުގެ ތަރައްގީ އަށް މި ވަގުތު އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ ބިމުގެ ދަތިކަން ކަމަށެވެ. އެ ސަބަބުތަކާ ހެދި 28 ހެކްޓަރުގެ ހޮޅުމީދޫ ތަރައްގީވުމަކީ އުފަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ހޮޅުދުން ހޮޅުމީދު އަށް ފެރީއެއްގައި ތިން ވަރަކަށް މިނެޓުން ދެވޭނެ އެވެ.

ބިމުގެ ދަތިކަމާ ހެދި ހޮޅުމީދޫގެ މީހުންގެ އެދުމާ އެއްގޮތަށް އެ ރަށުގެ ބައެއްގެ ގޮތުގައި އެންމެ ފުރަތަަމަ ކަނޑައެޅީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2002 ވަނަ އަހަރެވެ. އެކަމަކު ރަސްމީ އެއްވެސް ލިޔުމަކުން އެކަން ހަމަޖައްސާފައިނުވާތީ، ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ނެރުނު ގަރާރަކުން އެކަން ރަސްމީކޮށް ހަމަޖެހުނީ އެވެ.

ނަމަވެސް ލާމަރުކަޒީ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުތަކުގައިވާ ގޮތުން ހޮޅުދޫގެ އިހުތިސާސްގައި ހޮޅުމީދޫ ނުހިމެނެ އެވެ.

އެ ގާނޫނު ބުނާގޮތުން ކައުންސިލްގެ އިހްތިސާސަކީ އެ ރަށާއި ރަށުގެ އުރަފަތުން ފެށިގެން 700 މީޓަރެވެ. ހޮޅުދު އާއި ހޮޅުމީދުއާ ދެމެދު ހުންނަނީ 750 މީޓަރެވެ.

އެހެންވެ، ސެޕްޓެމްބަރު، 2020 ގައި ރައީސް ނެރުއްވި ގަރާރުން ވަނީ ހޮޅުދޫގެ ބައެއްގެ ގޮތުގައި އަލުން ހޮޅުމީދޫ ހިމަނުއްވައިފަ އެވެ.

ކައުންސިލުން ބުނީ ސަރުކާރުން އެންމެ ފުރަތަމަ އެދުނީ ރޯ ހައުސިން އަޅާނެ ބިން ދިނުމަށެވެ. ނަމަވެސް އެ ކަމަށް ބިން ނެތް ފާސްކޮށްފައި ނެތް ކަމަށް ބުނުމުން ފަހުން އެދުނީ ފްލެޓު އަޅާނެ ބިން ދިނުމަށެވެ. އޭގެ ފަހުން އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާން ކުރުމާއި ސާމާނު ބަހައްޓާނެ ބިން ވެސް ކައުންސިލުން ހަމަޖައްސައިދިނެވެ.

އެކަމަކު، ވަކި ހިސާބަކުން މަސައްކަތް ހުއްޓުނީ އެވެ.

"މުޅި ރަށުގައި ވެސް ހުސް ބިމުގެ ގޮތުގައި އޮތީ ފަސް ވަރަކަށް ބިން. އެއީ 9،000 އަކަފޫޓު. ހޮޅުދޫގައި ބިން ފުރިފައި މިހާރު އޮތީ. އެއްވެސް ކަމަކަށް ނެތް ޖާގައެއް،" އާބާދީގައި 2،222 މީހުން ދިރިއުޅޭ ކައުންސިލްގެ މެމްބަރު ވިދާޅުވި އެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ކުޅިވަރު ކުޅޭނެ ދަނޑުތަކާއި މައިޒާންތައް ތަރައްގީކުރަމުން ދިޔަ ނަމަވެސް ހޮޅުދޫގައި އެއިން އެއްވެސް މަސައްކަތެއް ނުކުރެވެނީ ބިން ނެތުމުންނެވެ. އެ ރަށުގައި މިހާރު ހުރީ ފުޓްބޯޅަ ދަނޑަކާއި ޒުވާނުންގެ މަރުކަޒެއް އެކަންޏެވެ.