19 ޖޫން 2022 - 05:48

ދެ ކެމްޕަހެއްގެ ގޮތުގައި ހިންގާ ނ. ހޮޅުދޫ މޭނާ ސްކޫލްގެ ޖާގައިގެ ދަތިކަން ހައްލުކުރަން ބޮޑު ކެމްޕަހެއް ހަދައިދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

އެ ސްކޫލްގެ 75 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އަތޮޅުގެ ތައުލީމީ ދާއިރާއަށް ބަލައިލިއަސް މޭނާ ސްކޫލަކީ އެފަދަ ދެ ވަނައެއް ނެތް ވަރުގަދަ ތަނބެއް ކަމަށެވެ. އެ އަތޮޅުގައި މަތީ ސާނަވީގައި މެދުކެނޑުމެއް ނެތި ދެ ސްޓްރީމަށް ކިޔަވައިދޭ ހަމައެކަނި ތަނަކީ ވެސް މޭނާ ސްކޫލް ކަމަށް ރައީސް ވިދާޅުވި އެވެ.
ސާނަވީ އަދި މަތީ ސާނަވީ މަރުޙަލާގައި އެ ސްކޫލްގެ ދަރިވަރުން އަންނަނީ ރާއްޖެއާ ދުނިޔޭގެ އެކި ވަނަތައް ހޯދަމުންނެވެ. ނަމަވެސް ކިޔަވައިދިނުމުގައި އެ ސްކޫލަށް ޖާގައިގެ ދަތިކަން ދިމާވެފައިވާތީ، ދެ ކެމްޕަހެއްގައި ހިންގަމުން އަންނަ ސްކޫލު، އެއް ކެމްޕަހަކަށް ބަދަލުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އެކަމަށް އޮތް ހައްލަކީ ޒުވާނުންގެ މަރުކަޒު އެ ހުރި ބިމުގައި ސްކޫލްގެ އާ އިމާރާތް ބިނާކޮށް ދެ އިމާރާތް ގުޅުވައިލުން. ސްކޫލުން ބޭނުންވެފައި އެ އޮތް ގޮތަށް 22 ކްލާސް ރޫމާއި އިދާރީ ކަންތައްތައް ކުރުމަށް ބޭނުންވާ އިމާރާތާއެކު އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެ މަސައްކަތް ކޮށްދޭނަން. އަދި ބާ ސްކޫލްގެ ކެމްޕަހަށް ޒުވާނުންގެ މަރުކަޒު ބަދަލުކޮށް އިންޑޯ ކުޅިވަރުތަކާއި އެކަށީގެންވާ ވަސީލަތްތަކާއެކު ޒުވާނުންގެ މަރުކަޒެއް އެ ތަނުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގާއިމްކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.
ގައުމެއްގެ ރައްޔިތުން ތަރައްގީގައި ކުރިއަށް ދާ އިރެއްގައި އެންމެ އަވަހަށް ބަދަލުވެ ތަރައްގީވާނީ ތައުލީމީ ދާއިރާ ކަމަށާއި ރާއްޖޭގެ ސްކޫލްތައް ތަރައްގީކުރުމަށް ގިނަ މަޝްރޫއުތަކެއް ހިންގަނީ ވެސް އެ ސަބަބަށްޓަކައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސްކޫލެއްގެ ހަޔާތުން 75 އަހަރަކީ ކުރު މުއްދަތެއް ނޫން ކަމަށެވެ. ނަމަވެސް އެ ސްކޫލެއްގެ ކާމިޔާބީ ވަޒަންކުރާ ތިލަފަތަކީ ހާސިލްކުރާ ނަތީޖާ ކަމަށާއި އެ މިންގަނޑުން ބަލާއިރު މޭނާ ސްކޫލަކީ ރާއްޖޭގެ ތައުލީމީ ހަޔާތުގައި ވަރަށް މަތީ މަގާމެއް ހާސިލްކޮށްފައިވާ ސްކޫލެއްކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
އެ ސްކޫލްގެ އެންމެ ބޮޑު ކާމިޔާބަކީ ގައުމަށް ހިދުމަތްކުރާ މޮޅެތި ދަރިންތަކެއް އެ ސްކޫލުން ބިނާކޮށްދީފައިވުން ކަމަށް ރައީސް ވިދާޅުވި އެވެ.
މި ވަގުތަކީ ހަމައެކަނި މާޒީގެ ކާމިޔާބީއާ މެދު ފަހުރުވެރިވާންވީ މުނާސަބަތު ނޫން ކަމަށާއި މިއީ ކުރިމަގު އުޖާލާކުރުމުގެ އަޒުމް އާ ކުރަންވީ ވަގުތު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"މިއީ މާ ދުރު މުސްތަގުބަލަކަށް ނަޒަރު ހިންގައި މާދަމާގެ މަންޒިލަށް ދަތުރު ފަށަންވީ ވަގުތު. މިއީ ކޮންމެ ދަރިވަރަކާއި ކޮންމެ ބެލެނިވެރިއެއް އަދި ކޮންމެ މުދައްރިސަކު ވެސް ތައުލީމީ ދާއިރާގެ ކުރިމަގާ މެދު އާ ވިސްނުންތަކެއް އުފަންކުރަންވީ ވަގުތު،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑަށް ވިސްނޭ ގޮތުގައި އެންމެ ކާމިޔާބު ސްކޫލަކީ ފަންނީ މަސައްކަތްތަކަށް އަހުލުވެރިވެފައިވާ ހުނަރުވެރި ކުދިން އުފެއްދޭ ސްކޫލްތައް. މޭނާ ސްކޫލަކީ އެފަދަ ސްކޫލެއްކަން އަޅުގަނޑަށް ޔަގީން،" އެމަނިކުފާނު ވިދާޅުވި އެވެ.
އެ ސްކޫލުން އޯ ލެވެލް ނިންމި ދަރިވަރުންގެ ތެރެއިން ރާއްޖޭގެ ގަދަ 10 ގައި 39 ދަރިވަރަކު ހިމެނިފައިވެ އެވެ. އޭ ލެވްލެ ޓޮޕް ޓެންގައި 31 ދަރިވަރުން އަދި ބިޒްނަސްއާ އެކައުންޓިންގައި ދުނިޔޭގެ ފެންވަރުގެ ވަނަތައް މޭނާ ސްކޫލްގެ ދަރިވަރުން އަންނަނީ ހޯދަމުންނެވެ. އެ ކާމިޔާބީތަކާ ހެދި، މޭނާ ސްކޫލަކީ ހޮޅުދޫ ރައްޔިތުންގެ ފަހުރާއި ޝަރަފް ކަމަށް ރައީސް ވިދާޅުވި އެވެ.