18 ޖޫން 2022 - 22:35

މިއަދު ހަވީރު އޮއްފު އެފްސީގެ މައްޗަށް ސީދާ ތިން ސެޓުން ކިުރި ހޯދައި، ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގެ ފައިނަލުގެ ފުރަތަމަ ޖާގަ ސްޕޯޓްސް ކްލަބް ސިޓީން ހޯދައިފި އެވެ.

މުބާރާތުގެ ގަވާއިދުގައިވާ ގޮތުން، ފައިނަލުގެ ފުރަތަމަ ޖާގަ ލިބޭނީ ރައުންޑް ރޮބިން އުސޫލުން ކުޅޭ ގުރޫޕް ސްޓޭޖުގެ އެއްވަނަ ހޯދާ ޓީމަކަށެވެ. ގުރޫޕް ސްޓޭޖުގައި ބާކީ އެއް މެޗު ސިޓީ އަށް އޮތްވައި އެޓީމު ފައިނަލަށް ދަތުރު ކުރީ މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން އެންމެ މަތިން ޕޮއިންޓް ހޯދައިގެންނެވެ. ދެން އެހެން ޓީމަކަށް އެޓީމު އަތުން އެއްވަނަ ހޯދޭކަށް ނެތެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ދެ ސެޓް ސިޓީން ފަސޭހަ ކަމާއެކު ކާމިޔާބު ކުރި އެވެ. އެ ދެ ސެޓް އެ ޓީމުން ގެންދިޔައީ 25-12 އަދި 25-13 އިންނެވެ. ފަހު ސެޓުގައި އޮއްފު އެފްސީން ނަތީޖާ ބަދަލު ކޮށްލަފާނެ ހެން ވެސް ހީވި އެވެ. ވާދަވެރިކަން ބޮޑުވި އެ ސެޓުގެ ސިޓީން ހޯދީ 27-25 ންނެވެ.
އަންނަ ބުރާސްފަތި ދުވަހުގެ ރޭ ކުޅޭ ފައިނަލް މެޗުގެ ދެވަނަ ޖާގަ އަށް ވާދަ ކުރާނީ ލީގު އުސޫލުން ކުޅޭ ގުރޫޕް ސްޓޭޖުގެ ދެވަނަ އަށް ދާ ޓީމާއި ތިންވަނަ އަށް ދާ ޓީމުގެ ދެމެދުގައި ކުޅޭ ސެމީ ފައިނަލު މެޗުންނެވެ.
އެންމެ ފަހުގެ ރަނަރަފް ޕޮލިސް ކްލަބް ބަލިކޮށް، ވެމްކޯ މިރޭ ވަނީ ފައިނަލްގެ ދެވަނަ ޖާގަ ޔަގީން ކޮށްފަ އެވެ. ވެމްކޯއިން މެޗު ކާމިޔާބު ކުރީ 3-1 ސެޓުންނެވެ. މިއީ ޕޮލިސް ކްލަބް ބަލިވި ވިދިވިދިގެން ދެވަނަ މެޗެވެ. ރޭ ސިޓީ އަތުން ވެސް އެޓީމު ވަނީ ބަލި ވެފަ އެވެ.
މިރޭގެ މެޗުގެ ފުރަތަމަ ސެޓް 25-20 ކާމިޔާބު ކުރީ ޕޮލިހެވެ. އެކަމަކު އެ ޓްރެކް އެގޮތުގައި ކުރިއަކަށް ނުގެންދެވުނެވެ. ވާދަވެރިކަށް ބޮޑުވި ދެވަނަ ސެޓް ވެމްކޯ ކާމިޔާބު ކުރީ 26-24 ންނެވެ. ތިންވަނަ ސެޓާއި ހަތަރުވަނަ ސެޓް ވެމްކޯއިން ގެންދިޔައީ ތަފާތު ބޮޑުކިށެވެ. ތިންވަނަ ސެޓް ހޯދީ 25-18 އިންނެވެ. އަދި ހަތަރު ސެޓް 25-14 އިން ކުރި ހޯދައި މެޗު ކާމިޔާބު ކުރި އެވެ.
ތިންވަނަ ހޯދުމުގެ ފުރުސަތު އެންމެ ބޮޑަށް ފަހި ވެފައި ވަނީ ޕޮލިހާއި ދިވެހި ސިފައިންގެ ކްލަބަށެވެ.