ޝާހިދަށް ޑޮމިނިކަން ރިޕަބްލިކްގެ އެންމެ މަތީ ނިޝާންގެ އިއްޒަތް
ޝާހިދަށް ޑޮމިނިކަން ރިޕަބްލިކްގެ އެންމެ މަތީ ނިޝާންގެ އިއްޒަތް

ޑޮމިނިކަން ރިޕަބްލިކްގެ އެންމެ މަތީ ނިޝާންގެ އިއްޒަތް، އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދަށް މިއަދު އަރުވައިފި އެވެ.

ޝާހިދަށް ޑޮމިނިކަން ރިޕަބްލިކްގެ އެންމެ މަތީ ނިޝާންގެ އިއްޒަތް
ޝާހިދަށް ޑޮމިނިކަން ރިޕަބްލިކްގެ އެންމެ މަތީ ނިޝާންގެ އިއްޒަތް

‎ޑޮމިނިކަން ރިޕަބްލިކްގެ ވެރިރަށް، ސަންޓޮޑޮމިންގޯގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޝާހިދަށް އެ އިއްޒަތް އެރުވީ އެ ގައުމުގެ ފޮރިން މިނިސްޓަރު ރޮބާޓޯ އަލްވެރެޒް އެވެ.

ފޮރިން މިނިސްޓްރީން ބުނީ ޝާހިދަށް އެ ޝަރަފް ދެއްވާފައިވަނީ "އދ.ގެ އުންމީދުގެ ރިޔާސަތު" ގެ ތެރެއިން ކޮވިޑް ހާލަތުން ދުނިޔެ އަރައިގަތުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ދުނިޔެ އަލުން އާރާސްތުކުރުމާއި ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދުމަށް އަދި އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށާއި އެ ޖަމާއަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރައްވަމުންގެންދަވާ މަސައްކަތުގެ އަގުވަޒަން ކުރުމަށެވެ.

‎ޝާހިދު މިދިޔަ ބުރާސްފަތި ދުވަހު ޑޮމިނިކަން ރިޕަބްލިކަށް ވަޑައިގެން އެ ގައުމުގެ ރައީސް ލުއިސް އަބިނަދެއާ ބައްދަލުކުރައްވައި އެ ގައުމާއި އދ.ގެ އާއްމު މަޖިލީހާ ދެމެދު އޮތް ގުޅުން ހަރުދަނާކުރުމާއި ކޮވިޑްގެ ހާލަތުން އަރައިގަތުމުގައި އެ ގައުމުން ހޯދާފައިވާ ކާމިޔާބީއާ ގުޅޭގޮތުން އެ ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.

އޭގެ ފަހުން ފޮރިން މިނިސްޓަރު ރޮބާޓޯއާ ބައްދަލުކުރައްވައި ދެމެހެއްޓެނިވި ތަރައްގީ ހާސިލްކުރުމަށާއި ތިމާވެއްޓަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ.

ބައިނަލްއަގްވާމީ ދުނިޔޭގައި ރާއްޖެ އަށް ހޯދައި ދެއްވި ފަހުރާއި ހާރިޖީ ދާއިރާގެ ކުރިއެރުމަށްޓަކައި ޝާހިދު ކޮށްދެއްވި މަސައްކަތުގެ އަގުވަޒަންކޮށް މި ސަރުކާރުން ވަނީ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު ވެސް އޭނާއަށް އަރުވައިފަ އެވެ.

އެ ލަގަބަކީ ގައުމީ އަދި ބައިނަލްއަގްވާމީ ހިދުމަތްތައް ފާހަގަކުރުމުގެ ގޮތުން ދައުލަތުގެ ފަރާތުން އަރުވާ މަތީ އިއްޒަތެކެވެ.