ގަބުރު ފެންނާތީ ދަފްތަރުން އެ މިސްކިތް އުވާލިތާ ހަތަރު އަހަރުވެއްޖެ: ދަރަނބޫދޫ ކައުންސިލް
ގަބުރު ފެންނާތީ ދަފްތަރުން އެ މިސްކިތް އުވާލިތާ ހަތަރު އަހަރުވެއްޖެ: ދަރަނބޫދޫ ކައުންސިލް

މިސްކިތެއްގައި ބިދޭސިންތަކެއް ދިރިއުޅެމުންދަނީ ކަމަށް ބުނެ ވީޑިއޯ އާއްމުކުރި އިމާރާތަކީ ގަބުރުމަތީގައި އަޅާފައި ހުރި މިސްކިތެއްކަން އެނގިގެން ނަމާދުކުރުން ހުއްޓާލައި، މިސްކިތްތަކުގެ ދަފްތަރުން ވެސް 2017 ގައި އުވާލާފައިވާ ތަނެއް ކަމަށް ފ. ދަރަނބޫދޫ ކައުންސިލުން މިއަދު ބުނެފި އެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ޓުވީޓް ކުރެއްވި ވީޑިއޯއަކުން ފެންނަނީ މިސްކިތުގެ ނަމާދު ކުރާ ބައިގައި ބިދޭސީން ގޮދަޑި އަޅައިގެން ތިބި ތަނެވެ. މިސްކިތުގެ ފެންޑާ ތެރެ އާއި ގޯތި ތެރޭގައި ރޯނު ދަމައިގެން އަންނައުނު ހިއްކަން އަޅާފައި ހުރިއިރު، ތުވާލި އަނދެގެން ބައެއް ބިދޭސީން އުޅޭ މަންޒަރު ވެސް ފެނެ އެވެ.

މުއިއްޒު އެ ވީޑިއޯ ޓުވީޓްކުރެއްވީ ކޮން ރަށެއްކަން ވެސް ވިދާޅުނުވެ، މިސްކިތެއް ބިދޭސީންތަކެއް ދިރިއުޅެން ދޫކޮށްލާފައިވާ ކަމަށް ދޭހަވާ ގޮތަށެވެ. މި ވީޑިއޯއާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުންފާޅުކުރަން ފެށުމުން ދަރަނބޫދޫ ކައުންސިލާއި އިސްލާމިކް މިނިސްޓްރީން ބަޔާނެއް ނެރެ، އެކަން ހިނގާފައިވާ ގޮތް ވަނީ އޮޅުންފިލުވައިދީފަ އެވެ.

ދަރަނބޫދޫ ކައުންސިލްގެ ރައީސް އަބްދުލްހަމީދު އާދަމް "މިހާރު" އަށް ވިދާޅުވީ އެ ރަށުގައި ނަމާދުކުރަމުން ދިޔަ 300 މީހުންގެ ޖާގައިގެ މިސްކިތުގައި 2017 އިން ފެށިގެން ނަމާދުކުރުން ހުއްޓާލީ މިސްކިތުން ގަބުރު ފެންނާތީ ރައްޔިތުންގެ ޝަކުވާތަކާ ހެދި ކަމަށެވެ. ނަމާދުކުރަން އާ މިސްކިތެއް ހެދުމަށް ފަހު، ގަބުރު ފެނުނު ތަން މިސްކިތުގެ ދަފްތަރުން ވެސް އުވާލާފައިވާތާ ހަތަރު އަހަރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ނަމާދުކުރުން ހުއްޓާލައި އެތަން ބޭނުންކުރަން މަސައްކަތްކުރީ، ގުރުއާން ކްލާހެއްގެ ގޮތުގަ އެވެ. އެކަމަކު، އެ އަތޮޅު ނިލަންދޫން މީހަކު ގެންގޮސްގެން ވެސް ދެމެހެއްޓެނިވި ގޮތެއްގައި އެކަން ގެންދެވޭ ގޮތެއް ނުވުމުން، އެކި ބޭނުންތަކަށް ބާ މިސްކިތުގެ އިމާރާތް ބޭނުންކުރަން ފެށީ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކި ބޭނުންތަކަށް އެތަން ބޭނުންކުރަމުންދާއިރު ރަށުގެ ރައްޔިތުންގެ ފަރާތުން ކައުންސިލަށް ޝަކުވާ ހުށަހަޅާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. މައްސަލައަކަށް ވީ ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއާ ގުޅިގެން ކަމަށް ކައުންސިލުން ބުންޏެވެ.

އެ މިސްކިތް މިހާރު ދޫކޮށްފައި ވަނީ އެ ރަށުގެ ނަރުދަމާ އަޅާ ކުންފުންޏަށެވެ.

ހަމީދު ވިދާޅުވީ ބަނދަރު ހެދުމުގެ މަސައްކަތް ހަވާލުކުރި ކުންފުނީގެ ބަޔަކު ވެސް އެ އިމާރާތުގައި ދެ އަހަރުވަންދެން ތިބުމަށްފަހު ދިޔައީ މީގެ ދޮޅު މަހެއްވަރު ކުރިން ކަމަށެވެ. މުސްލިމުންނާއި މުސްލިމް ނޫން މީހުން ވެސް އެތަނުގައި ތިބިއިރު، އެއްވެސް ބައެއްގެ ފަރާތުން ނޭދެވޭ އަމަލެއް އަދި ރަށުގެ ބަޔަކު ހިތްހަމަނުޖެހޭ ކަމެއް މިހާތަނަށް ނުފެންނަ ކަމަށް ހަމީދު ވިދާޅުވި އެވެ.

އޭރު އެތަން ކުއްޔަށް ދިނީ މަހަކު 10،000ރ. އަށެވެ. މި ކައުންސިލުން ވެސް ވަނީ ނަރުދަމާ ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވާ އިންޑިއާގެ އެސްއެމްސީ އިންފްރަސްޓްރަކްޗާސް ކުންފުންޏަށް ހަމަ އެ އަގަށް ކުއްޔަށް ދޭން ނިންމައިފަ އެވެ. އެކަމަކު އެގްރިމެންޓުގައި އަދި ސޮއިނުކުރެ އެވެ.

ހަމީދު ވިދާޅުވީ ނަރުދަމާގެ މަސައްކަތަށް މީގެ ހައެއްކަ މަސް ކުރިން އެ ރަށަށް ދިޔަ މީހުން މިހާރު ވެސް ރަށުގެ އެކި ގޭގެ ކުއްޔަށް ނަގައިގެން އެބަތިއްބެވެ. މި މަސް ފެށުމާ އެކު 15 ވަރަކަށް މީހުން އެ އިމާރާތަށް ބަދަލުވީ މަސައްކަތް ކުރާ ސައިޓާ އެ އެތަން ކައިރިވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުންގެ އިމާރާތެއްގެ ގޮތުގައި މިހާރު ވެސް އެތަން ހިންގަނީ. ގުރުއާން ކްލާސް ނުހިންގުނީމަ، ޒުވާނުންގެ ކްލަބްގެ އިދާރާ ހިންގަން ވަކި ބައެއް އޮންނާނެ ދީފައި. އަނެއް ބައިގައި މި ބިދޭސީން ތިބީ. އެ ތަން ހަވާލުކުރީ ވެސް މިސްކިތް އިމާރާތަށް އެއްވެސް ބަދަލެއް ނުގެނެސް. ރައްޔިތުންގެ ބައްދަލުވުންތައް ވެސް ބާއްވާފައި ހުންނާނެ،" ހަމީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިސްކިތެއްގެ ގޮތުގައި އެ އިމާރާތް ކުރިން ބޭނުން ކުރުމުން ބަޔަކަށް ކުއްޔަށް ދީގެން އުޅޭއިރު ވެސް ގަވައިދާ ހިލާފު ކަމެއް ވިޔަ ނުދިނުމަށް މަސައްކަތްކުރަން ޖެހޭނެ ކަމަށް ގަބޫލުކުރައްވަ އެވެ. އެކަން ސުޕަވައިޒްކުރުމަށް ކައުންސިލްގެ މެމްބަރުން އެ ސަރަހައްދުގައި ތިބޭނެކަން ހަމީދު ފާހަގަކުރެއްވި އެވެ.

ކައުންސިލުން ވަނީ ގުރުއާން ކްލާސް ނުވަތަ ޓިއުޝަން ސެންޓަރެއް ހިންގަން ޝައުގުވެރިވާ ބަޔަކު ތިބި ނަމަ، މިހާރު ވެސް އެ ތަނުގައި ތިބި ބިދޭސީން އެހެން ތަނަކަށް ފޮނުވާލައި އެ ބަޔަކަށް ކުއްޔަށް ދޭން ނިންމައިފަ އެވެ.