ޗައިނާ އެމްބަސީން ދައުވަތު ދިނަސް ބަންގްލާދޭޝްގެ އާ ބްރިޖަކީ ޗައިނާގެ އެހީއެއް ނޫން
ޗައިނާ އެމްބަސީން ދައުވަތު ދިނަސް ބަންގްލާދޭޝްގެ އާ ބްރިޖަކީ ޗައިނާގެ އެހީއެއް ނޫން

މި މަހުގެ 25 ދުވަހު ބަންގްލާދޭޝްގައި ހުޅުވާ "ޕަދްމާ ބްރިޖް" އަކީ ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ދަށުން ޗައިނާގެ އެހީގައި ހެދި ތަނެއް ކަމަށް ބުނާތީ އެ ވާހަކަ ދޮގުކޮށް ބަންގްލާދޭޝްގެ ފޮރިން މިނިސްޓްރީން ބަޔާނެއް ނެރެފި އެވެ.

ޕަދްމާ ބްރިޖަކީ ދެކުނު އޭޝިއާގައި ޗައިނާގެ ނުފޫޒު ގަދަކުރުމަށް ހިންގާ މަޝްރޫއުތަކުގެ ބައެއް ކަމަށް ތުހުމަތުކޮށް ވާހަކަ ދައްކާތީ ނެރުނު ބަޔާނުގައި ބުނީ މި ބްރިޖަށް ޗައިނާއިން އަދި އެހެން ގައުމަކުން ވެސް ފައިސާ ދީފައި ނުވާ ކަމަށާއި މިއި ބަންގްލާދޭޝް ސަރުކާރުން ހަަރަދުކޮށްގެން ހެދި ތަނެއް ކަމަށެވެ.

މި ބްރިޖަކީ ބަންގްލާދޭޝް ސަރުކާރުން ހަރަދުކޮށްގެން ހެދި ތަނެއްކަމުގެ ޔަގީންކަން ދިނުމުގެ ކުރިން ބަންގްލާދޭޝް-ޗައިނާ ސިލްކް ރޯޑް ފޯރަމް އާއި ބަންގްލާދޭޝްގައި ހުންނަ ޗައިނާ އެމްބަސީން ވަނީ މި މަހުގެ 22 ވަނަ ދުވަހު ބާއްވާ، ޕަދްމާ ބްރިޖްގެ މީޑިއާ އިވެންޓަކަށް ނޫސްވެރިންނަށް ދައުވަތު ދީފަ އެވެ. އެ ދައުވަތުގައި "ދަ ޕަދްމާ ބްރިޖް: އެން އެގްޒާމްޕަލް އޮފް ބަންގްލާދޭޝް-ޗައިނާ ކޯޕަރޭޝަން އަންޑަ ބެލްޑް އެންޑް ރޯޑް އިނިޝިއޭޓިވް" ލިޔެފައި އޮތެވެ.

ނަމަވެސް ބަންގްލާދޭޝް ފޮރިން މިނިސްޓްރީން ބުނީ ބްރިޖާ ޗައިނާއާ ގުޅުމެއް ނެތް ކަމަށެވެ.

"ޕަދްމާ މަލްޓިޕާޕަސް ބްރިޖަކީ ބަންގްލާދޭޝް ސަރުކާރުން ހުރިހާ ހަރަދެއް ކޮށްގެން ހެދި ތަނެއް ކަމުގެ ޔަގީންކަން ދެމެވެ. އަދި މި މަޝްރޫއަށް ދޭދޭ ގައުމުތަކުން ނުވަތަ ބައިނަލްއަގުވާމީ އެޖެންސީތަކުން އެއްވެސް އެހީއެއް ހޯދައިފައެއް ނުވާނެ އެވެ." ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ބްރިޖުން އެ ގައުމުގެ ހުޅަނގު ދެކުނު ސަރަހައްދުގެ 19 ޑިސްޓްރިކްޓެއްގެ އެކަހެރިކަން ނިމުމަކަށް ގެނެސްދީ ގައުމުގެ އިގްތިސާދާ ގުޅާލާނެ ކަމަށެވެ. އެތައް މިލިއަން ބައެއްގެ އުންމީދާ ގުޅިފައިވާ މި މަޝްރޫއު ކާމިޔާބުކަމާ އެކު ނިންމާލެވުނީތީ އަވަށްޓެރި އެހެން ގައުމުތަކުން ވެސް މި އުފަލުގައި ބައިވެރިވާނެ ކަމަށް އުންމީދުކުރާ ކަމަށާއި މިއީ ބަންގްލާދޭޝް ރައްޔިތުންނާއި ސަރުކާރުގެ މަޝްރޫއަކަށް ވާތީ ކަމުގެ ހާއްސަކަން ބޮޑު ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ޕަދްމާ ބްރިޖްގެ މަސައްކަތް ފެށީ ނޮވެމްބަރު 24، 2014 ގަ އެވެ. މި ބްރިޖްގެ ދިގުމިނުގައި 6،150 މީޓަރު އަދި ފުޅާމިނުގައި 18.18 މީޓަރު ހުރެ އެވެ. ޕަދްމާ ކޯރު ހުރަސްކޮށް ޗައިނާ މޭޖާ ބްރިޖް އިންޖިނިއަރިން ކޮމްޕެނީން ހެދި މި ބްރިޖަށް 3.6 ބިލިއަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށް އަންދާޒާކުރެވެ އެވެ.