30 ޑިސެމްބަރ 2016 - 06:32

ލަވަ ކިޔުންތެރިޔާ ޖެނިފާ ލޮޕޭޒާއި ރެޕާ ޑްރޭކްގެ ގުޅުމާ ބެހޭ ގޮތުން ތަފާތު ވާހަތަކެއް ދެކެވޭތާ މިހާރު ދުވަސްތަކެއްވެއްޖެ އެވެ.
ދެ މީހުން އެކުގައި ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ވެސް އާންމު ކުރަމުން ދާތީ ގިނަ ބަޔަކު ގަބޫލު ކުރަނީ މި ދެ މީހުން އުޅެނީ ސީރިއަސް ލޯބީގެ ގުޅުމެއްގެ ތެރޭގައި ކަމަށެވެ.
ޑްރޭކް، 30، ވަނީ އިހަށް ދުވަހު ވެސް ޖެނިޕާ، 47، ގެ ގައިގައި ބައްދާލައިގެން އޮވެ ނަގާފައިވާ ފޮޓޯއެއް އިސްޓްގްރާމްކޮށްފަ އެވެ. އެކަމަކު މި މަންޒަރު ބަލާކަށް ލަވަ ކިޔުންތެރިޔާ ރިހާނާއަކަށް ކެތެއް ނުވި އެވެ. ސަބަބަކީ އޭނާ އާއި ޑްރޭކަކީ އެއް ދުވަސްވަރެއްގައި ވަރަށް ގަދަ އަށް ހިތާވެގެން އުޅުނު ދެ މީހުންނަށްވުމެވެ. އެހެންވެ އެހެން އަންހެނަކާ އެކު، ޑްރޭކް ފެނުމަކީ ރިހާނާ އަށް ކެތްކުރެވޭ ވަރުގެ ކަމަކަށް ނުވީ އެވެ.
ދެން އޭނާ އަށް ކުރަން ފެނުނު އެންމެ މޮޅު ކަމަކީ އިސްޓަގްރާމުން ޖެނިޕާ ބޭރުކޮށްލުމެވެ. ޑްރޭކާއި ޖެނިފާއަކީ ވެސް ރިހާނާގެ ފޮލޯވަރުންނެވެ.
ކުރިން ޖެނިފާއާ ގާތް ވަރަށް ގުޅުމެއް ބާއްވަމުން ދިޔަ ރިހާނާ ކުއްލިއަކަށް، އިސްޓަގްރާމުން ޖެނިފާ ބޭރުކޮށްލި ސީދާ ސަބަބެއް މިހާތަނަށް ސާފެއް ނުވެ އެވެ. އެކަމަކު މިކަން ފާހަގަ ކުރެވިގެން ބައެއް މީހުން ވަނީ އެ ވާހަކަ ދައްކަން ފަށައިފަ އެވެ.
އެެއް ބަޔަކު ބުނަނީ ޖެނިފާ އާއީ ޑްރޭކް އެކުގައި ފެނުމުން ރިހާނާ އަށް އުނދަގޫވަނީ ކަމަށެވެ. އަދި އެކަމާ އޭނާ ހަސަދަ ލަނީ ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.
ޖެނިފާއަކީ މީގެ ކުރިން ތިން ކައިވެންޏެއްކޮށް، ދެ ދަރިން ލިބިފައި ހުރި މީހެކެވެ. އޭނާ އެންމެ ފަހުން ކައިވެނިކޮށްގެން އުޅުނީ ލަވަ ކިޔުންތެރިޔާ މާކް އެންތަނީއާ އެވެ. އެ ދެ މީހުން 2004 ގައި ކުރި ކައިވެނި ރޫޅުނީ 2014 ގަ އެވެ.
ބައެއް ފިލްމްތަކުގައި އެކްޓް ވެސް ކޮށްފައިވާ ޖެނިފާ ކުރިން ރައްޓެހިވި މީހުންގެ ތެރޭގައި މަޝްހޫރު އެކްޓަރު ބެން އެފްލެކް ވެސް ހިމެނެ އެވެ.