ތެޔޮ ހުސްވެ ލަންކާ ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފި
ތެޔޮ ހުސްވެ ލަންކާ ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފި

އިގްތިސާދު ހަލާކުވެފައިވާ ސްރީ ލަންކާގައި މިހާރު ހުރީ އެންމެ ފަސް ދުވަހަށް ބޭނުންކުރެވޭހާ ތެޔޮ ކަމަށާއި އެހެންވެ ތެލަށް އޮތް ޑިމާންޑް ކުޑަކުރުމަށް ކުރިއަށް އޮތް ދެ ހަފްތާގައި ސަރުކާރު އޮފީސްތައް ބަންދުވާނެ ކަމަށް ސަރުކާރުން މިއަދު އިއުލާނުކޮށްފި އެވެ.

ލަންކާއަށް މިނިވަންކަން ލިބުނުތާ މިވީ 70 އަހަރު ތެރޭ ކުރިމަތިވި އެންމެ ބޮޑު އިގްތިސާދީ ދަތިކަމުގައި އެ ގައުމު އޮތް އިރު ސަރުކާރުން މިއަދު ނިންމީ ސަރުކާރުގެ އޮފީސްތަކުގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރުމަށެވެ.

ބޭރު ފައިސާ ނެތުމުން ދަރަނި ނުދެއްކި އަދި އެންމެ އަސާސީ ތަކެތި ވެސް އިމްޕޯޓްކުރެވޭނެ ގޮތެއް ނެތިފައިވާ ލަންކާގައި މިއަދު ވަނީ ކާރޫބާރު ބޮޑު މަގުތައް ވެސް ފަޅުވެފަ އެވެ. ޕަބްލިކް ޓްރާންސްޕޯޓް ވެސް ހުއްޓި އަމިއްލަ މީހުންގެ ވެހިކަލް ދުއްވޭނެ ގޮތެއް ވެސް ނެތި މިހާރު އޮތީ ބޮޑު ހުއްޓުމަކަށް އައިސްފަ އެވެ.

"ތެލުގެ ސަޕްލައި މަދުވެފައިވާ މިންވަރަށް ބަލައި އަދި ޕަބްލިކް ޓްރާންސްޕޯޓަށް ކުރިމަތިވެފައިވާ ދަތިކަމާއި އާންމުންގެ ވެހިކަލްތައް ވެސް ބޭނުންކުރަން ދަތިވެފައި ވާތީ އެ ކަންކަމަށް ބަލައި ކޮންމެ އޮފީހަކުން ވެސް އެންމެ މަދު އަދަދަކަށް މީހުން ނެރެ، ހޯމަ ދުވަހުން ފެށިގެން ގޭގައި ތިބެގެން މަސައްކަތްކުރަން މިހާރު ވަނީ ނިންމާފައި،" ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް ހޯމް އެފެއާޒް މިނިސްޓްރީން ބުންޏެވެ.

ސަރުކާރުގެ މިލިއަނެއްހާ މުވައްޒަފުންގެ ތެރެއިން ސިއްހީ ދާއިރާ ފަދަ، ކޮންމެހެން ހިދުމަތަށް ބޭނުންވާ މުވައްޒަފުން ފިޔަވައި އެހެން މީހުން ދެން މަސައްކަތްކުރާނީ ގޭގައި ތިބެގެން ކަމަށް މިނިސްޓްރީގެ ސާކިއުލާގައިވެ އެވެ.

މިގޮތަށް ނިންމުމުގެ ކުރިން މިދިޔަ ހަފްތާގައި ވަނީ ހަފްތާއަކު ހަތަރު ދުވަހު މަސައްކަތްކުރާ ގޮތަށް ވެސް ބަދަލުކޮށްފަ އެވެ.

އިގްތިސާދީ ދަތިކަން ބޮޑުވުމާ އެކު ވެސް ތެލަށް ޖެހިފައި އޮތް ލަންކާގައި މީގެ ހަފްތާއެއް ކުރިން ވަނީ ތެލުގެ ދަތިކަން ވަކިން ބޮޑުވެފަ އެވެ. ތެޔޮ ވިއްކާ ތަންތަނުގެ ބޭރުގައި އެތައް ކިލޯމީޓަރެއްގެ ކިއޫތަކުގައި ބައެއް މީހުންނަށް ދިހަ ވަރަކަށް ގަޑިއިރު ވެސް ހޭދަކުރަން ޖެހުނެވެ.

ދަތިކަމުން އަރައިގަތުމަށް ލަންކާ އިން މިހާރުވެސް އަންނަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާ މަޝްވަރާކުރަމުންނެވެ. ބެއިލްއައުޓް ޕެކޭޖަކާ މެދު މަޝްވަރާކުރަމުން އަންނައިރު އަންނަ ހޯމަ ދުވަހު އައިއެމްއެފްގެ ޓީމެއް ލަންކާއަށް ދާނެ އެވެ.