ތަރިކައިން ފިރިހެނަކަށް ދެބައި، އަންހެނަކަށް ބައެއް؟ ޚުތުބާގައި ދިނީ ވަރުގަދަ ރައްދެއް
ތަރިކައިން ފިރިހެނަކަށް ދެބައި، އަންހެނަކަށް ބައެއް؟ ޚުތުބާގައި ދިނީ ވަރުގަދަ ރައްދެއް

އިސްލާމް ދީނުގައި ތަރިކަ މުދާ ބެހެމުގައި އަންހެނުންނަށް އަނިޔާވެރިވާ ކަމަށް ބުނަނީ އިސްލާމް ދީނުގެ ބުރުސޫރު ހުތުރުކުރަން ކަމަށާއި އެ ވާހަކަ ދައްކަނީ މާތްﷲގެ ހުކުމްފުޅުތަކުގެ ހިކްމަތާއި މަފްހޫމްތައް ނޭނގި ތިބެގެން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.

ތަރިކަ މުދާ ބެހުމުގައި އަންހެނުންނާއި ފިރިހެނުންނާ ދެމެދު ހަމަހަމަ ކަމެއް އިސްލާމް ދީނުގައި ނެތް ކަމަށް ބުނެ އެކަން ބަދަލު ކުރުމަށް ވަކާލާތުކުރުމަކީ އަންހެނުންގެ ހައްގުތައް ހޯދައިދިނުމުގެ ނަމުގައި ވާހަކަ ދައްކާ ބައެއް މީހުން ދައްކާ ވާހަކައެކެވެ. އެކަމަށް ރައްދު ދީ ޚުތުބާގައި ބުނީ މީހަކު މަރުވުމުން އޭނާ ދޫކޮށްފައި ދާ ތަރިކަ ބަހާނެ އުސޫލުތަކާއި ގަވައިދުތައް ކަނޑައެޅުއްވީ މާތްﷲ ކަމަށާއި އެއީ އެކަލާނގެ ވަސިއްޔަތް ކުރައްވާފައިވާ ގޮތް ކަމަށެވެ.

ވަސިއްޔަތަކީ ތަންފީޒުކުރެވެން ޖެހޭނެ އެއްޗަކަށް ވާއިރު މިއީ ސީދާ މާތްﷲ ގެ ވަސިއްޔަތްޕުޅަކަށް ވާތީ މިކަމަށް ދޭންޖެހޭ ސަމާލުކަން އިތުރުކަން ފާހަގަކޮށް ޚުތުބާގައި ބުނީ ނަމާދާއި ޒަކާތާއި ރޯދަޔާއި ހައްޖަށް ބެލިޔަސް މި ފަރުޟުތައް އަދާކުރާނެ ގޮތުގެ ތަފްސީލް ގުރުއާނުގައި ބަޔާންކުރައްވާފައި ނެތް ކަމަށާއި އެކަމަކު ތަރިކަ މުދާ ބަހާނެ ގޮތް ގުރުއާނުގައި ކަނޑައެޅިގެން ބަޔާންކުރައްވާފައި އެބަ އޮތް ކަމަށެވެ.

"ވާރުތަ މުދަލަށް ރައްކާތެރިވުން" މައުޟޫގައި ދިން ޚުތުބާގައި ބުނީ، ނިސާ ސޫރަތުގެ 11، 12 އަދި 176 ވަނަ އާޔަތުގައި ތަރިކަ ބަހާނެ ގޮތް އަންގަވާފައިވާ ކަމަށާއި މިކަން ކުރުމަކީ ހެޔޮކަމެއްގެ ގޮތުން ކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ.

"އެއީ ހެޔޮކަމެއްގެ ގޮތުގައި ކުރަންޖެހޭ ކަމެއް ނޫނެވެ. ތަރިކަމުދާ ބެހުމުގެ މައްސަލާގައި އެއްވެސް ފަރާތަކަށް އިހްތިޔާރު ލިބިގެނެއް ނުވެއެވެ. އެ މުދާ ބަހަންޖެހޭނީ، މާތްﷲ ކަނޑައަޅުއްވާފައިވާ ގޮތަށެވެ. ތަރިކަ އަކީ، މާތްﷲގެ ހައްގުތަކުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. އެކަލާނގެ ހައްގަކަށް އަރައިގަނެގެން ނުވާނެއެވެ." ތަރިކަ ބެހުމާ މެދު ބާވައިލެއްވި އާޔަތްތަކާ މެދު ވިސްނުމަށް ގޮވާލައި ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ ތަރިކައާ ބެހޭ ކޮންމެ އާޔަތެއް ނިންމަވާފައި ވަނީ މާތްﷲ އަށް ފުރިހަމަ އިލްމު ލިބިވޮޑިގެންވާކަން ބަޔާންކުރައްވަމުން ކަމަށެވެ. އެހެންވެ އެކަލާނގެ އެންގެވި ގޮތް އެއީ އިންސާނާގެ ތަބީއަތާއި މިޒާޖާއި ޖަޒްބާތުތަކަށް ރިއާޔަތްކުރައްވައި ކަނޑައެޅުއްވި އެންމެ އިންސާފުވެރި ގަވައިދު ކަމަށް ބަޔާންކުރި އެވެ.

މި ގަވައިދާއި އުސޫލާ ދެކޮޅަށް ވާހަކަ ދައްކަނީ، ޚުތުބާގައި ބުނި ގޮތުގައި، އިސްލާމް ދީނުގެ އަދުއްވުންނާއި އެ މީހުންގެ ދަލުގައި ޖެހިފައިވާ މީހުންނާއި އެ މީހުން ކޮޕީކޮށްގެން ބައިނަލްއަގުވާމީ މިންބަރުތަކަށް އަރާ މީހުންނާއި އިސްލާމީ ޝަރީއަތުގައި މާތްﷲ ބަޔާންކުރައްވާފައިވާ ހުކުމްތަކުގެ ހިކްމަތާއި މަފްހޫމްތައް ނޭނގޭ މީހުންނެވެ. ތަރިކަ މުދަލުގެ މައްސަލާގައި އިސްލާމް ދީނުގައި އަންހެނުންނަށް އަނިޔާވެރިވެރިވެފައިވާ ކަމަށް ދުޝްމަނުން ބުނާއިރު އެކަމަށް އެއްބަސްވާ މުސްލިމުން ވެސް އުޅޭކަން ފާހަގަކޮށް ޚުތުބާގައި ބުނީ ވާރިސުންނަށް ތަރިކަ މުދަލުން ލިބޭ މިންވަރު ތަފާތުވަނީ އަންހެނަކަށް ނުވަތަ ފިރިހެނަކަށް ވެގެން ނޫން ކަމަށެވެ.

"ތަރިކަ މުދާ ބެހުމުގައި އޮތް އިސްލާމީ ފަލްސަފާއަށް ބަލާއިރު، އޭގައި އިލާހީ ހިކްމަތްތަކެއްވެ އެވެ. ވާރުތަ މުދަލާ ބެހޭ އިލާހީ ގަވައިދުތަކާ މެދު ފުންކޮށް ވިސްނައިގެން މެނުވީ، ﷲގެ މި ނިންމެވުންތަކުގެ އަމާޒުތައް ވިސްނައެއް ނުގަނެވޭނެ އެވެ. ފިރިހެނަކަށް ދެބައި، އަންހެނަކަށް ބައެކޭ ކިޔާފައި ފާޑު ކިޔިދާނެ އެވެ. އެކަމަކު މި ފާޑުކިޔުމުން ބޭޒާރުވާނީ ހަމަ ތިމާ އެވެ." ތަރިކަ ބެހުމުގައި އޮތް ހަމަތައް ނޭނގޭ މީހުންގެ ފާޑުކިޔުމަށް ރައްދު ދީ ޚުތުބާގައި ބުންޏެވެ.

● ފިރިހެނަކަށް ލިބޭ މިންވަރުގެ ދެބައިކުޅަ އެއްބައި އަންހެނަކަށް ލިބޭނީ އެންމެ ހަތަރު ހާލަތެއްގައި. މި ހަތަރު ހާލަތަށްވުރެ މާގިނަ ހާލަތްތަކުގައި އަންހެނުންނާއި ފިރިހެނުންނަށް ލިބޭ މިންވަރު އެއްވަރުވޭ.

● ދިހަ ވަރަކަށް ހާލަތުގައި ފިރިހެނުންނަށް ވުރެ ގިނައިން އަންހެނުންނަށް ލިބޭ.

● ތިރީހަކަށް ހާލަތުގައި އަންހެނުންނާއި ފިރިހެނުންނަށް ލިބޭ މިންވަރު ހަމަހަމަވޭ ނުވަތަ އަންހެނުންނަށް އިތުރުވޭ އަދި އަންހެނާ އަށް ލިބި ފިރިހެނާ އަށް ނުލިބޭ.

މީހަކު މަރުވުމާ އެކު އެ މީހެއްގެ ދަރަންޏެއް ނުވަތަ ވަސިއްޔަތެއް އޮތް ނަމަ އެކަން އަދާކުރުމަށް ފަހު ވާރުތަ މުދާ ބެހުން އަވަސްކުރުމުގެ މުހިންމުކަން ޚުތުބާގައި ވަނީ ފާހަގަކޮށްފަ އެވެ. ވަސިއްޔަތަކީ، ލިޔެ، ކަމާބެހޭ އިދާރާތަކުގެ އިޖުރާއަތުތަކާ އެއްގޮތަށް ރަޖިސްޓްރީވެފައިި އޮންނަންޖެހޭނެ އެއްޗެއް ކަމަށާއި ތަރިކަ މުދަލުން ވަސިއްޔަތް ކުރެވޭނީ އެ މުދަލެއްގެ ތިންބައިކުޅަ އެއްބަޔަށްވުރެ އިތުރުނުވާ ގޮތަށް ކަމަށް ޚުތުބާގައި ކިޔައިދީ އެކަމުގައި އޮންނަ ހަމަތައް ބަޔާންކޮށްދިނެވެ.

ތަރިކަ މުދާ ބެހުމުގައި ކަނޑައަޅުއްވާފައިވާ އުސޫލުތަކާ ހިލާފުވެ މީހުންގެ މުދާ ނުހައްގުން ކެއުމުގެ ނުބައިކަން ބަޔާންކޮށް ޚުތުބާގައި ނަސޭހަތްތެރިވީ މާތްﷲ އެންގެވި ކޮންމެ ކަމެއްގައި ދެ ދުނިޔޭގެ ހަޔާތް ބާއްޖަވެރިވުމުގެ ހިކުމަތްތައް ހިމެނިގެންވާކަން ހަނދާންކޮށްދެމުންނެވެ.