29 ޑިސެމްބަރ 2016 - 17:52

އިސްލާމިކްް ޔުނިވާސިޓީ (އައިޔޫއެމް) ގައި ޓީޗިން ހަދާ ދަރިވަރުން ތަމްރީނުކުރުމަށް އެކްސެލްް އިންޓަނޭޝަނަލް ސްކޫލާ އެކު މިއަދު އެއްބަސްވުމެއް ގާއިމުކޮށްފި އެވެ.
އެ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތުގައި، އިސްލާމިކް ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލާ ހައްވާ ލަތީފު އަދި އެކްސެލް އިންޓަނޭޝަނަލް ސްކޫލުގެ އެސިސްޓެންޓް ޕްރިންސިޕަލް ހައްވާ ހަބްލާ ވަނީ އެއްބަސްވުމުގައި ސޮއިކުރައްވައިފަ އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލާ ހައްވާ ވިދާޅުވީ އެ ޔުނިވާސިޓީގައި ޓީޗިން ތަމްރީނު ހަދާ ދަރިވަރުން، ޓްރެއިނިން ހެދުމަށް ރަނގަޅު ސްކޫލެއް ހޯދުމަށް ދަތިވާ ކަމަށެވެ. އެހެންކަމުން މި އެއްބަސްވުމުގެ ސަބަބުން ދެ މަރުކަޒަށް ވެސް ފަސޭހަތަކެއް އަދި ފައިދާތަކެއް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިސްލާމިކް ޔުނިވާސިޓީގައި ޓީޗިންގެ ޑިޕްލޮމާ އަދި ޑިގްރީ އެކި ޕްރޮގްރާމްތައް ހިންގަ އެވެ. އޭގެ އިތުރުން އާލީ ޗައިލްޑްހުޑް ޓީޗިން އަކީ، ހައްވަ ވިދާޅުވިގޮތުގައި އައިޔޫއެމް އިން ހާއްސަ ސަމާލުކަމެއް ދީގެން ހިންގަމުން އަންނަ ޕްރޮގްރާމެކެވެ.
"އެކްސެލްގެ ތަޖުރިބާކާރު މޮޅު ޓީޗަރުންނާއެކީގައި އަޅުގަނޑުމެންގެ [ޓީޗިން ހަދާ] ދަރިވަރުން ތަމްރީނުވެގެން ދާނީ. އެ ސްކޫލުގައި ދަރިވަރުން ޓްރެއިނިން ހަދަން ފަށާނީ ކޯހުގެ މޮޑިއުލް ނިމުނީ... އެހެންކަމުން މިއީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ހައްވަ ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި އެކްސެލްގެ ފަރާތުން އެ ސްކޫލުގެ އެސިސްޓެންޓް ޕްރިންސިޕަލް ހަބްލާ ވިދާޅުވީ، އައިޔޫއެމްއާ އެކު ވި އެއްބަސްވުމުން އެ ސްކޫލަށް ވެސް ފަސޭހަވެގެންދާނެ ކަމަށެވެ.
އެކްސެލް އިންޓަނޭޝަނަލް ސްކޫލަކީ މިހާރު ހަމައެކަނި ޕްރީ ސްކޫލަށް ކިޔަވައިދޭ ސްކޫލެއް ނަމަވެސް މުސްތަަގުބަލުގައި މަތީ ތައުލީމް ހާސިލްކޮށްދިނުމުގެ ޕްލޭން ގެންގުޅެމުން އަންނަކަމަށް ވެސް ހަބްލާ ވިދާޅުވި އެވެ.
އެ ސްކޫޫލުގައި 1000 އެއްހާ ދަރިވަރުން ތައުލީމް ހާސިލްކުރެ އެވެ.
އެކްސެލް އިންޓަނޭޝަނަލް ސްކޫލުން ވަނީ، އިސްލާމިކް ޔުނިވާސިޓީއަށް 40 ސްކޮލަޝިޕް ވެސް ދީފަ އެވެ.