17 ޖޫން 2022 - 13:56

އައިޓީއެފް ދެކުނު އޭޝިއާ 12 އަހަރާއި 12 އަހަރުން ދަށުގެ ކޮލިފައިން މުބާރާތުގައި، ބޫޓާންގެ މައްޗަށް ކާމިޔާބު ހޯދައި އަންހެން ޓީމުން ބޮޑު ކުރިއެރުމެއް ހޯދައިފި އެވެ.
މިއަދު ބޫޓާންގެ މައްޗަށް އަންހެން ޓީމުން ކާމިޔާބު ހޯދީ 3-0 ސެޓުންނެވެ.
ސިންގަލްސްގެ ފުރަތަމަ ސެޓަށް ރާއްޖެއިން ނުކުތީ މަންހާ މުހައްމަދު އަލީ އެވެ. އޭނާ ދެ ގޭޟް ވެސް ގެންދިޔައީ 6-0، 6-0 ންނެވެ. ސިންގަލްސްގެ ދެވަނަ ސެޓަށް ރާއްޖެއިން ނުކުތީ ނަބާ ނިޝާން އެވެ. އޭނާ ވެސް ދެ ގޭމް ގެންދިޔައީ 6-0، 6-0 ންނެވެ.
ޑަބަލްސް ގޭމަށް ނުކުތީ އިމާނީ މޫސާ ކަލީމާއި ނަބާ ނިޝާންގެ ޕެއާ އެވެ. ޑަބަލްސް ސެޓު ވެސް ރާއްޖެއިން ގެންދިޔައީ 6-0، 6-0 ންނެވެ.
މުބާރާތުގައި ރާއްޖެއިން ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބު ކުރި އެވެ. ފުރަތަމަ މެޗުގައި މުބާރާތް ބާއްވާ ގައުމު، ނޭޕާލްގެ މައްޗަށް ރާއްޖެއިން ކުރި ހޯދީ ސީދާ 3-0 ސެޓުންނެވެ. އަދި ބަންގްލަދޭޝް މައްޗަށް ވެސް ކުރި ހޯދީ 3-0 ސެޓުންނެވެ. ރާއްޖެ ބަލިވީ އިންޑިއާ އަދި ލަންކާ އަތުންނެވެ.
ފިރިހެން ޓީމު ވަނީ ބޫޓާން ބަލިކޮށްފަ އެވެ.
އައިޓީއެފް އޭޝިއާ މުބާރާތައް، ދެކުނު އޭޝިއާ ޒޯނުން ކޮލިފައި ވަނީ ފައިނަލަށް ދާ ދެޓީމެވެ. ފައިނަލަށް ދާނީ ކޮންމެ ގުރޫޕަކުން ވެސް އެއްވަނަ އަށް ދާ ދެޓީމެވެ. ރާއްޖޭގެ ޓީމު ދިޔައީ ގުރޫޕްގެ ތިންވަނަ އަށެވެ.