ސަފާރީއެއްގައި ރޯވެ އެއްކޮށް އަޑިއަށް؛ މީހުން ސަލާމަތްކުރެވުނު
ސަފާރީއެއްގައި ރޯވެ އެއްކޮށް އަޑިއަށް؛ މީހުން ސަލާމަތްކުރެވުނު

ޖުމުލަ ނުވަ މީހުންނާ އެކު ދަތުރުކުރި ސަފާރީއެއްގައި ރޯވެ، ރޭ ދަންވަރު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި އެންމެން ސަލާމަތްކޮށްފި އެވެ.

އެމްއެންޑީއެފުން ބުނީ ކ. ގާފަރުގެ ހުޅަނގުން 13 މޭލު ބޭރުން ދަތުރުކުރި "އަވި" ނަމަކަށް ކިޔާ ސަފާރީގައި ރޯވެ އަނދަމުންދާ ކަމުގެ ރިޕޯޓްކުރީ ރޭ 10:51 ގައި ކަމަށެވެ. އޭގައި ތިބި މީހުން ސަލާމަތްކުރެވުނު އިރު، ސަފާރީ ވަނީ އެއްކޮށް އަޑިއަށް ގޮސްފަ އެވެ.

އެ ވަގުތު އެ ސަފާރީގައި ތިބީ ތިން ޓޫރިސްޓަކާއި ހަ ފަޅުވެރިއެކެވެ.

އަލިފާންގަނޑު ރޯވުމާއެކު، އެ އެންމެން ވަނީ އެ ސަފާރީގެ ޑައިވިން ދޯންޏަށް އަރައިފައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި އެ އެންމެންގެ ހާލު ރަނގަޅު ކަމަށް ވެސް ބުންޏެވެ.

އެ ހާދިސާގެ ރިޕޯޓް ލިބުމުން އެމްއެންޑީއެފްގެ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ފަޔާ ލޯންޗާއި ހާބާކްރާފްޓް އަދި ސީ އެމްބިއުލެންސް ވަނީ އޭގައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކޮށްފަ އެވެ. އަދި ރޭ ދަންވަރު އެ އެންމެން ވަނީ ގާފަރަށް ގެންގޮސްފަ އެވެ.