17 ޖޫން 2022 - 06:32

ހަޔާތުގެ ބައިވެރިއެއް ހޯދަން މިހާރު މާ ބޮޑަށް ލަސްވެއްޖެ ކަމަށާއި އެކަމާ ވަރަށް ހިތާމަކުރާ ކަމަށް ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ކަރަން ޖޯހަރް ބުނެފި އެވެ.
"ފިލްމު ކޮމްޕޭނިއަން" އަށް ދިން އިންޓަވިއުއެއްގައި ކަރަން ޖޯހަރު ވަނީ އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅޭ ވަރަށް ގިނަ ވާހަކަތައް ދައްކައިފަ އެވެ. އޭނާ ބުނި ގޮތުގައި، ޕްރޮފެޝަނަލް ލައިފަށް ވުރެ ބޮޑަށް އެންމެ ދެރަވާ ކަމެއް އޮތީ ޕާސަނަލް ލައިފްގައި ކަމަށެވެ.
އެއީ އުމުރުން އެހާ ދުވަސްވީއިރު ވެސް މީހަކާ ނީނދެވުން ކަމަށް ބުންޏެވެ.
ކަރަންގެ އުމުރުން މިހާރު 50 އަހަރެވެ. މިހާތަނަށް އޭނާ އެއްވެސް މީހަކާ ކައިވެންޏެއް ނުކުރެ އެވެ.
"އަހަރެން ހިތަށް އަރާ އަހަރެންގެ ޕާސަނަލް ލައިފަށް ވެސް ފޯކަސް ކުރެވުން ނަމައޭ. ފިލްމީ މަސައްކަތްތަކުގައި އުޅުމުގެ ސަބަބުން އަހަރެން ފާސަނަލް ލައިފަށް އޮތީ އެހާ ބޮޑަށް ސަމާލުކަމެއް ނުދެވި،" ކަރަން ބުންޏެވެ.
ކަރަން ގަބޫލުކުރާ ގޮތުގައި ބައިވެރިއަކު ހޯދަން މިހާރު މާ ލަސްވެއްޖެ އެވެ. އޭނާގެ އަތުގައި ހިފާލާނެ ބައިވެރިއަކު ނެތުމުން މިހާރު ވަރަށް ދެރަވާ ކަމަށް ވެސް ބުންޏެވެ.
އެހެންވެ، ބެލެވޭ ގޮތުގައި ކަރަން ދެން މީހަކާ ނީންނާނެ އެވެ. އެކަމަކު އޭނާ ވާހަކަ ހުރީ އަދިވެސް ހަޔާތަށް ބައިވެރިއަކު ލިބިއްޖެ ނަމަ، ކައިވެންޏަކާ މެދު އޭނާ ވިސްނާނެ ކަހަލަ ގޮތަކަށެވެ.
ކަރަން އަށް ވަނީ 2015 އަހަރު، ސަރޮގެސީ މެދުވެރިކޮށް ދެ ކުދިން ލިބިފަ އެވެ. އެ އިންޓަވިއުގައި ކަރަން ވަނީ އެކަމާ ގުޅިގެން ވެސް ވާހަކަދައްކައިފަ އެވެ. އަދި ތަންކޮޅެއް ކުރިން އެކަން ވެސް ކުރެވުނު ނަމައޭ ހިތަށް އަރާ ކަމަށް ބުންޏެެވެ.
ކަރަން ބުނެފައިވާ ގޮތުގައި ކުއްޖަކު ލިބުނަސް، ބައިވެރިއަކު ނެތްތަން ފޫނުބެއްދޭނެ ކަމަށެވެ.
ކަރަން ޖޯހަރު މި ދުވަސްވަރު ވެސް އުޅެނީ އޭނާގެ ފިލްމީ މަސައްކަތުގައި އަވަދިނެތި އެވެ. އޭނާގެ ކުރިއަށް އޮތް ފިލްމު ރޮކީ އޯރް ރާނީ ކީ ޕްރެމް ކަހާނީގެ މަސައްކަތުގެ އިތުރުން މިފަހުން އޭނާ ވަނީ "ކޮފީ ވިތު ކަރަން" ގެ ހަތް ވަނަ ސީޒަންގެ ޝޫޓިންތައް ވެސް ފަަށައިފަ އެެވެ.