29 ޑިސެމްބަރ 2016 - 15:43

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ މެނިފެސްޓޯގައި ހައުސިން މިނިސްޓްރީ އަށް މި އަހަރު ކަނޑައެޅި ބޮޑެތި ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާ އެކު ނިމިފައިވާ ކަމަށާއި އަންނަ އަހަރުގެ ތެރޭގައި ވެސް ގިނަ މަޝްރޫއުތަކެއް ނިންމައި ރައްޔިތުންނާ ހަވާލުކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ހައުސިން މިނިސްޓްރީން މި އަހަރު ނިންމި މަޝްރޫއުތަކުގެ ތަފްސީލު މީޑިއާއާ ހިއްސާކުރުމަށް އެ މިނިސްޓްރީގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މިނިސްޓަރު ވިދާޅުވީ މާލެ އާއި އަތޮޅުތަކުގައި ވެސް ގިނަ މަޝްރޫއުތަކެއް ނިމިފައިވާ ކަމަށެވެ. އޭގެ ތެރޭގައި މަގު ހެދުމާއި ބަނދަރު ހެދުމާއި ޕާކުތަކާއި ފްލެޓްތައް އަދި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އެހެން ހިދުމަތްތައް ހިމެނޭ ކަމަށް ވިދާޅުވި އެވެ.
- އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ލ. ގާދޫ ރައްޔިތުން އެ އަތޮޅު ފޮނަދު އަށް ބަދަލުކުރުން.
- މާލޭގެ ގުދަންތަކާއި ވޯކްޝޮޕްތަކަށާއި ކުނި ނައްތާލުމުގެ ނިޒާމް ހަރުދަނާ ކުރުމަށް އިންޑަސްޓްރިއަލް ވިލެޖު ތަރައްގީ ކުރަން ފެށުން.
- ރަސްފަންނު ނިންމައި އާއްމުންނަށް ހުޅުވާލުން.
- މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖުގެ އެންމެ އުނދަގޫ މަސައްކަތްތައް ނިމުން.
- މާލޭގެ އެކި ސަރަހައްދުތަކުގައި ޕާކުތައް ތަރައްގީ ކުރުން.
- ސަލްޓަންޕާކުު ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް ފެށުން.
- ގުޅީފަޅުން ފްލެޓް ގަނެ، ގޮތް ހުސްވެފައި ތިބި މީހުންނަށް ހުޅުމާލެ އިން ފްލެޓް ކަށަވަރު ކޮށްދިނުން.
- އިސްލާމީ މަރުކަޒު ހިމެނޭ ސަރަހައްދު ތަރައްގީކޮށް އަލުން ހުޅުވުން.
- ހުޅުމާލޭ 15،000 ހައުސިން ޔުނިޓް އަޅަން ފެށުން.
- ބައެއް ރަށްތަކުގައި ފްލެޓް ނިންމުމާއި ބައެއް ރަށްތަކުގައި މަސައްކަތް ފެށުން.
- މާލޭ މަގު ހެދުމުގެ ބޮޑު މަޝްރޫއެއް ފެށުން.
- ގިނަ ރަށްތަކެއްގައި ބިން ހިއްކުމާއި ބަނދަރު ހެދުމާއި މަގު ހެދުން.
މިނިސްޓަރު މުއިއްޒުު ވިދާޅުވި ގޮތުގައި މި އަހަރު ފެށި ގިނަ މަސައްކަތްތަކެއް އަންނަ އަހަރު ނިންމަން ވަނީ އަމާޒު ހިފައިފަ އެވެ. މިހާރު ކުރި އަށް ދާ ބަނދަރުތަކާއި މަގު ހެދުމާއި ބިން ހިއްކުމުގެ މަޝްރޫއުތައް ވެސް ނިމޭނެ ކަމަށް ވިދާޅުވި އެވެ.
"އަންނަ އަހަރުު ނިމެންވާ އިރަށް މިހާރު ކުރި އަށް ދާ އެއްވެސް މަޝްރޫއެއް ނުނިމިއެއް ނޯންނާނެ. އެ އަމާޒަށް އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން ވާސިލްވާނަން،" މުއިއްޒު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ހައުސިން މިނިސްޓްރީއާ ހަވާލުކުރި ހުރިހާ މަސައްކަތެއް ވެސް އެ ތަނުގެ އިސް ވެރިންނާއި މުވައްޒަފުން ކުރިއަށް ގެންދިޔައީ ވަރަށް ފަރުވާތެރިކަމާއި ތެދުވެރިކަމާ އެކުގައި ކަމަށެވެ. މިނިސްޓްރީގެ ސީދާ ބެލުމުގެ ދަށުން ނުދާ ބައެއް މަޝްރޫއުތަކުގައި މައްސަލައެއް ދިމާވި ނަމަވެސް އެ ކަންތައް ރަނގަޅުކުރަން ވެސް މިނިސްޓްރީން މަސައްކަތް ކޮށްފައިވާނެ ކަމަށް ވިދާޅުވި އެވެ.
-