16 ޖޫން 2022 - 18:23

ރާއްޖޭގައި ރިޓަޔަމަންޓް ޕެންޝަން ސްކީމް ދެމުން އަންނަ ގޮތް އިންސާފުވެރި ނޫން ކަމަށް ބުނެ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސް ދައުލަތުގެ ޕެންޝަން ސިޔާސަތު ތަރުތީބުކޮށްދިނުމަށް އެދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅުއްވައިފި އެވެ.
ޕެންޝަން ސްކީމާ ބެހޭ ގޮތުން ހެދި ދިރާސާއަކުން ފާހަގަވި މައްސަލަތައް އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ރިޔާޒު ވަނީ މިދިޔަ މެއި މަހުގެ 16 ގައި އޮތް މަޖިލީހުގެ ޖަލްސާއަށް ވެސް ހުށަހަޅުއްވައިފަ އެވެ. އެކަމަކު އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ އެ މައްސަލަ ބޭރުކޮށްލައިފަ އެވެ.
އެމްއެންޕީން ނެރުނު ބަޔާނެއްގައި ޕެންޝަން ސިޔާސަތު ތަރުތީބުކޮށް ދެއްވުމަށް އެދި ރައީސްއަށް މިއަދު ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ.
އެ ބަޔާނުގައި ބުނީ ޕެންޝަނާ ގުޅޭ ކަންކަމަކީ އެކަމުގެ ސަބަބުން ދައުލަތުގެ މާލިއްޔަތަށް އަސަރުކުރާނެ ކަމަކަށްވާތީ އެފަދަ ބިލު ހުށަހެޅޭނީ ސަރުކާރަށް ކަމަށެވެ. އަދި ޕެންޝަން ގާނޫނާ ގުޅިގެން އެ ޕާޓީން ކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި އެ ގާނޫނު ވުޖޫދުވެ ތަންފީޒުކުރެވެން ފެށިގެން މިއަދާ ހަމައަށް ގާނޫނުގެ މަގްސަދުތަކާއި ލާޒިމްކޮށްފައިވާ ޒިންމާތަކާއި އެ ގާނޫނުން ކަނޑައަޅާފައިވާ ކަންކަން އެންމެ އެދެވޭ ގޮތެއްގައި ބައެއް ޕެންޝަން ހައްގުވެރިންނަށް ލިބެމުން ނުދާ ކަމަށް ބަޔާނުގައި ބުންޏެވެ.
އެ މައްސަލައާ ގުޅިގެން މަޖިލީހުގައި ކުރިން ރިޔާޒު ވިދާޅުވި ގޮތުގައި އެ ގާނޫނަށް ހުށަހަޅައިގެން އަމަލު ކުރަމުން ގެންދާ އިސްލާހެއްގައިވާ ގޮތުން އެހެން ޕެންޝަން ސްކީމަކުން ލިބޭ ފައިސާގެ އަދަދު އަސާސީ ޕެންޝަން ސްކީމަކަށް ވުރެ ކުޑަ ނަމަ އަސާސީ ޕެންޝަނަށް ލިބެން ޖެހޭނީ އެ ޕެންޝަނުން ލިބޭ އަދަދުގެ 50 ޕަސަންޓު ކެނޑުމަށް ފަހުގަ އެވެ.
އެއީ ރިޓަޔަމަންޓް ޕެންޝަންގެ ގޮތުގައި 3000ރ. ލިބޭ ނަމަ މިހާރު ލިބޭނީ އުމުރުން ދުވަސްވީ މީހުންނަށް ދޭ އިނާޔަތުން އެ 3000ރ. ކެނޑުމަށް ފަހު ބާކީ 2000ރ. އާއި ރިޓަޔަމަންޓުގެ ގޮތުގައި ލިބޭ 3000ރ. އާއެކު ޖުމުލަ 5000ރ. އެވެ.
އެ މާއްދާ އެހެން އޮތުމުގެ ސަބަބުން ގިނަ ދުވަހު ވަޒީފާ އަދާކޮށްގެން ރިޓަޔާވެފައިވާ މީހުންނާއި ވަޒީފާ އަދާނުކޮށް އުމުރުން ދުވަސްވުމުން އިނާޔަތް ލިބޭ މީހުންނާ މާބޮޑު ތަފާތެއް ނޯވެ އެވެ.