16 ޖޫން 2022 - 16:21

ސޮނީ ސްޕޯޓްސް ފެޝަން ފިހާރަ އަށް އާ ނަމެއް ހޯދުމަށް ހިންގި ހަރަކާތަށް ފަހު، އެ ފިހާރައިގެ ނަން "ރާޅު ބައި ސޮނީ ސްޕޯޓްސް"ގެ ނަމަށް ބަދަލުކުރަން ނިންމައިފި އެވެ.

މި ނަން ހޮވާފައި ވަނީ ސޮނީ ސްޕޯޓްސްގެ ފޭސްބުކް ޕޭޖުގައި ސޯޝަލް މީޑިއާ ޗެލެންޖެއް ގޮތަށް ކުރިއަށް ގެންދިޔަ ހަރަކާތަކުން ގިނަ ނަންތަކަކާ ވާދަކޮށްގެންނެވެ.
އެ ހަރަކާތުގެ ބައިވެރިންގެ ތެރެއިން އެއްވަނަ އަށް ދިޔަ ނަން ހުށައަޅާފައިވަނީ އެޑްސަން އަޑޭ ކިޔާ ފޭސްބުކް އައިޑީ އަކުންނެވެ. އެއްވަނަ އަށް ސޮނީ އިން 25،000ރ. ދިނުމަށް ވަނީ ނިންމައިފަ އެވެ.
"ރާޅު ބައި ސޮނީ ސްޕޯޓްސް" ނަން ހޮވާފައިވަނީ އެންމެ މަތިން ނެގި "ސްވެލް ބައި ސޮނީ ސްޕޯޓްސް" އަދި "ރިޕްޓައިޑް ބައި ސޮނީ ސްޕޯޓްސް" އާ ވާދަކޮށްގެންނެވެ.
ސޮނީ ސްޕޯޓްސްގެ ފޭސްބުކް ޕޯސްޓަށް ނަން ކޮމެންޓް ކުރުމުން ބައިވެރިވާ ގޮތަށް ކުރިއަށް ދިޔަ އެ ހަރަކާތުގައި ޖުމްލަ 2700 އަށް ވުރެ ގިނަ ނަން ލިބިފައިވެ އެވެ. އޭގެ ތެރެއިން ނަމެއް ހޮވަން ވަރަށް އުނދަގޫވި ކަމަށް ވެސް ސޮނީ ސްޕޯޓްސް އިން ބުންޏެވެ.
ސޮނީ ސްޕޯޓްސް ފެޝަން ފިހާރަ އަށް އާ ނެމެއް ހުށައެޅުމަށް ފުރުސަތު ހުޅުވާލައިފައި ވަނީ އެތަނުން ވިއްކާ މައިގަނޑު ބްރޭންޑްތައް ކަމަށްވާ ކުއިކް ސިލްވާ، ރިޕްކާލް އަދި ރޮކްސީ ގެ ޕްރޮޑަކްޓްތައް ރަމްޒުކޮށްދޭ ނަމެއް ހޯދުމަށެވެ. އެ ފިހާރަ ހުންނާނީ މަޖީދީމަގު ހެންވޭރުގަ އެވެ.
އެ ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ އޭޕްރިލް މަހުގެ 12 އިން 30 ވަނަ ދުވަހާ ހަމައަށެވެ.
ނަން ހޯދުމަށް ހިންގި އިވެންޓަކީ ސޮނީ ސްޕޯޓްސް އިން ހިންގާ 'ބެކް ޓު ބޭސިކްސް' ކެމްޕޭނުގެ ދަށުން ކުރިއަށް ދިޔަ ހަރަކާތެކެވެ. އެ ކެމްޕޭނަކީ ކުރީގަ އޮތް ގޮތަށް ދިރިއުޅުން ބަދަލުކުރުމުގެ އަމާޒުގައި ކުރިއަށް ގެންދާ ކެމްޕޭނެކެވެ.