16 ޖޫން 2022 - 12:05

ކޮވިޑް ކޮންޓްރޯލްކުރުމަށް ސައޫދީ އަރަބިއްޔާއިން އަޅާފައިވާ ފިޔަވަޅުތަކަށް، ހައްޖު މޫސުމާ ދިމާކޮށް އިތުރު ލުޔެއް ދީފި އެވެ.
އަންނަ މަހު އެއް މިލިއަން މީހުން ހައްޖުގެ އަޅުކަމުގައި ބައިވެރިވާން ސައޫދީން ކަނޑައެޅުމުގެ ކުރިން ވެސް ވަނީ ކޮވިޑާ ދެކޮޅަށް ހުރި ގިނަ ފިޔަވަޅުތައް އުވާލައިފަ އެވެ. އެކަމަކު ބަންދު ތަންތަނުގައި އުޅޭއިރު މާސްކް އަޅަން އޮތީ އަންގައިފަ އެވެ.
މިހާރު ވަނީ ބަންދު ތަންތަނަށް ވަންނައިރު މާސްކް އެޅުން މަޖުބޫރުކޮށްފައި އޮތް އޮތުމަށް ވެސް ލުއި ދީފަ އެވެ. އެކަމަކު މައްކާ އާއި މަދީނާގެ ހަރަމްފުޅަށް ވަންނައިރު އަދިވެސް މާސްކް އަޅަން ޖެހޭނެ އެވެ. މީގެ އިތުރުން، ބަންދު ތަންތަނަށް ވަންނަ އިރު، ވެކްސިން ޖަހާފައިވާ ކަމުގެ ލިޔުން ދެއްކުމަށް އޮތް އޮތުން ވެސް ވަނީ އުވާލައިފަ އެވެ. މި ނިންމުމާ އެކު މަތިންދާބޯޓުން ދަތުރުކުރާއިރު އެއީ ވެކްސިން ޖަހާފައިވާ މީހުންކަން ކަށަވަރުކުރާކަށް ވެސް ނުޖެހެ އެވެ.
ނަމަވެސް ހައްޖުގެ އަޅުކަމަށް އަންނަ އެންމެން ވެސް ކޮވިޑް-19 ވެކްސިން ފުރިހަމަކޮށްފައިވާ ކަމުގެ ލިޔުން ހުށަހަޅަން ޖެހޭނެ އެވެ.
އިންޓީރިއާ މިނިސްޓްރީން ބުނީ މި ލުއިތައް ދިނީ ސައޫދީގެ އާބާދީގެ ގިނަ މީހުން ކޮވިޑް ވެކްސިން ފުރިހަމަކޮށްފައި ވާތީ ކަމަށެވެ.
ސައޫދީން މިފަަހަރު ނިންމާފައި ވަނީ އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ހައްޖުގެ އަޅުކަމުގައި ބައިވެރި ނުވެވޭ ގޮތަށެވެ. މިއީ ވެސް ކޮވިޑްގެ ނުރައްކާ އުމުރުން ދުވަސްވީ މީހުންނަށް ބޮޑުކަމުން ކަނޑައެޅި ގޮތެކެވެ. ސައޫދީން އެންމެ ފަހުން ހާމަކުރި މައުލޫމާތުން ދައްކާ ގޮތުގައި މިހާރު ވެސް ވަނީ ހައްޖުގެ އަޅުކަމުގައި ބައިވެރިވާން އެ ގައުމަށް 100،000 އަށް ވުރެ ގިނަ މީހުން ގޮސްފަ އެވެ.