ސ. ފޭދޫގެ އަމާންކަން ނަގާލަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުން ދޫކޮށްލައިފި
ސ. ފޭދޫގެ އަމާންކަން ނަގާލަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުން ދޫކޮށްލައިފި

އައްޑޫ ފޭދޫގެ އަމާންކަން ނަގާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ތިން މީހުން ދޫކޮށްލައިފި އެވެ.

އެ ރަށުގައި ހިންގި މާރާމާރީތަކަކާއެކު، ފުލުހުން ވަނީ ފޭދޫގެ އަމާންކަން ނަގާލަން އުޅުނު ކަމުގެ ތުހުމަތުގައި މި މަހުގެ ފަސް ވަނަ ދުވަހު ބަޔަކު ހައްޔަރުކޮށްފަ އެވެ.

އެ މައްސަލައިގައި އުމުރުން 18 އަހަރުގެ ދެ މީހަކާއި އުމުރުން 29 އަހަރުގެ މީހަކު ހައްޔަރުކޮށް، ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރަން ކޯޓުން ފަސް ދުވަސް ދިން ނަމަވެސް އެ މުއްދަތު ހަމަވުމުން ކޯޓުން އެ މީހުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މި މަހުގެ އެއް ވަނަ ދުވަހުގެ ރޭ މެންދަމު ފޭދޫގައި ހިންގި މާރާމާރީގައި ޒަހަމްވެ، ފަރުވާދެމުންދަނިކޮށް އުމުރުން 21 އަހަރުގެ މީހަކު ވަނީ މަރުވެފަ އެވެ.

އެ މާރާމާރީގެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ އުމުރުން 16 އަހަރާއި 15 އަހަރުގެ ކުއްޖެކެވެ. އެ ދެކުދިން އަދިވެސް ތިބީ ހައްޔަރުކޮށްފަ އެވެ.

ފޭދޫގައި މިދިޔަ މަހުގެ ފަހުކޮޅުގައި ވެސް މާރާމާރީ ހިންގި އެވެ. އެ މާރާމާރީގައި 19 އަހަރުގެ ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން ފަރުވާއަށް މާލެ ގެނަ އެވެ.

ސިލްސިލާކޮށް ފޭދޫގައި ހިންގަމުންދިޔަ މާރާމާރީތަކާ ގުޅިގެން ރަށުގެ އަމާންކަން ގާއިމުކޮށްދިނުމަށް އެދި އައްޑޫ ސިޓީ ކައުންސިލުން ވެސް ކަމާ ބެހޭ އިދާރާތަކަށް ގޮވާލާފައި ވެ އެވެ.