16 ޖޫން 2022 - 11:04

ބާވެ، ތަޅާލަން ނިންމާފައިވާ ދަރުބާރުގެ އާންމު އުސޫލުން މިހާރު ކުއްޔަށް ދޫނުކުރާ ކަމަށާއި އެކަމަކު ސަރުކާރުގެ އިދާރާއަކުން އެދެފި ނަމަ، އަދިވެސް އެ ތަން ދެމުން އަންނަ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

މި ސަރުކާރުން ނިންމާފައި ވަނީ 1990 ވަަނަ އަހަރު ރާއްޖޭގައި ބޭއްވި ސާކް ސަމިޓަށް ހެދި ދަރުބާރުގެ ތަޅައިލުމަށް ފަހު، އެ ތަނުގައި އާ އިމާރާތެއް ހަދާށެވެ. އެ މަސައްކަތަށް މިދިޔަ އަހަރު އެ ތަން ހުސްކުރި ނަމަވެސް އަދި އަމަލީ ގޮތުން އެއްވެސް ކަމެއް ނުކުރެ އެވެ.
އެކަމަކު، މިދިޔަ ހުކުރު ދުވަހުގެ ރޭ އެސްޓީއޯގެ "ސްޓާފް ނައިޓް" ދަރުބާރުގޭގައި ބޭއްވުމުން އަލުން އެ ތަން އާންމުކޮށް ކުއްޔަށް ދޭން ފެށީ ކަމަށް ބައެއް މީހުންނަށް ހީވެގެން އެ ސުވާލު އުފައްދަ އެވެ.
ދަރުބާރުގެ އާންމުންނަށް ކުއްޔަށް ދިނުން ހުއްޓުނީ 2020 ގެ ކުރީކޮޅު ރާއްޖެ އަށް ކޮވިޑް ބަލި ފެތުރުމުން ދަރުބާރުގޭގައި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު ހިންގަން ފެށުމުންނެވެ. އޭގެ ފަހުން ސަރުކާރުން ވަނީ ދަރުބާރުގެ ތަޅާލައި، އެ ތަނުގައި އާ އިމާރާތެއް ހަދަން ނިންމިކަން އިއުލާނުކޮށްފަ އެވެ.
ނަމަވެސް ޕާޓީތަކާއި އެކި ހަފުލާތައް ބޭއްވުމަށް އުސޫލުގެ ބޭރުން މި ފަހުން ބައެއް މީހުންނަށް އެ ތަން ކުއްޔަށް ދީފައިވާކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ.
އެކަމަކު ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ އާންމު އުސޫލުން މިހާރު ދަރުބާރުގެ ކުއްޔަށް ދޫނުކުރާ ކަމަށެވެ. އަދި އެގޮތަށް ދޫކުރުމުގެ ޕްލޭނެއް ވެސް ނެތް ކަމަށް ވިދާޅުވި އެވެ.
ނަމަވެސް، އޭނާ ވިދާޅުވީ ދަރުބާރުގެ ތަޅައިލުމުގެ ކުރިން ސަރުކާރުގެ އިދާރާއަކުން އެދިއްޖެ ނަމަ، މިހާރު ވެސް އެތަން ދޫކުރަމުން އަންނަ ކަމަށެވެ.
"މި އަހަރު އަޅުގަނޑުމެން ދަރުބާރުގެ ތަޅާލުމުގެ މަސައްކަތް ވެސް ފަށާނަން،" އޭނާ ވިދާޅުވި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 1990 ގައި ދަރުބާރުގެ ހެދި ނަމަވެސް އެކި ފަހަރު މަތިން އެ ތަން ވަނީ ބަދަލުކޮށް، މަރާމާތު ކޮށްފަ އެވެ. މި ސަރުކާރުން ދަރުބާރުގެ ތަޅާލައި އާ އިމާރާތެއް އަޅާނެ ކަމަށް ބުނީ، އެތަން ބާވެ ހަލާކުވާން ދޫކޮށްލާފައި ހުރި ކަމަށް ބުނެ އިދިކޮޅުން ސަރުކާރަށް ފާޑުކިޔަން ފެށުމުންނެވެ.