16 ޖޫން 2022 - 10:20

ގާނޫނާ ހިލާފަށް ލަންކާއިން ފިލައިގެން ދާ މީހުންގެ އަދަދު އިތުރުވެ، އިއްޔެ ވެސް އިތުރު 64 މީހަކު ކަނޑުމަތިން އަތުލައިގެންފި އެވެ.
ލަންކާގެ ކަނޑުގެ ސިފައިން މީޑިއާ އަށް ބުނީ މި 64 މީހުން ހައްޔަރުކުރީ ލަންކާގެ އިރުމަތީ ސަރަހައްދުން ފުރައިގެން ދަނިކޮށް ކަމަށެވެ. މި މީހުން ދަތުރުކުރީ މަސް ބޯޓެއްގައި ކަމަށާއި އޭގައި ތިބީ ޓްރިންކޮމަލީ، މުއްލައިޓިވޫ އަދި ޖަފްނާގެ މީހުން ކަމަށް ސިފައިން ބުންޏެވެ.
ބޯޓުގައި ތިބި މީހުންގެ ތެރޭގައި 11 އަންހެނުންނާއި ތިން ކުޑަކުދިން ހިމެނެ އެވެ. މި މީހުންގެ އުމުރު އުޅެނީ 2-55 އަހަރާ ދެމެދުގަ އެވެ.
ސިފައިން ބުނި ގޮތުގައި މި މީހުންނަކީ އޮސްޓްރޭލިއާ އަށް ދާން އުޅުނު ބައެކެވެ.
"ބޯޓު ފާސްކުރުމަށް ފަހު، ގާނޫނާ ހިލާފަށް ގައުމުން ދާން އުޅުނު ކަމަށް ބެލެވޭ 64 މީހަކު ވަނީ ހިފަހައްޓާފައި. އަދި މި މީހުން ދަތުރުކުރި ބޯޓު ވެސް ވަނީ ހިފަހައްޓާފައި،" ކަނޑުގެ ސިފައިން ނެރުނު ބަޔާނުގައި ބުންޏެވެ.
ލަންކާގެ އިގްތިސާދީ ހާލަތު ގޯސްވި ފަހުން، އެ ގައުމު ދޫކޮށް ދާ މީހުން ވަނީ ގިނަވެފަ އެވެ. އިންސާނުން ޓްރެފިކްކުރާ މީހުންގެ ގްރޫޕްތަކާ ގުޅިގެން ލަންކާއިން ފިލައިގެން ދާން ކުރާ މަސައްކަތުގެ ނުރައްކާ ބޮޑުކަމުގެ އިންޒާރު ސިފައިން ދިން ނަމަވެސް މިގޮތަށް ދާން އުޅޭ މީހުންގެ އަދަދު މަދެއް ނުވެ އެވެ.
ލަންކާއިން ފިލައިގެން ދާން އުޅުނު 300 އަށް ވުރެ ގިނަ މީހުން ވަނީ މިދިޔަ ދެތިން ހަފްތާ ތެރޭ އަތުލައިގެންފަ އެވެ.