ޕާކިސްތާނުގެ މީހުން ސައި ބުއިން މަދުކުރަން އަންގައިފި
ޕާކިސްތާނުގެ މީހުން ސައި ބުއިން މަދުކުރަން އަންގައިފި

ޕާކިސްތާނުގެ އިގުތިސާދީ ހާލަތު ދަށްވަމުން ދާތީ، އިމްޕޯޓަށް ބަރޯސާވުން ކުޑަކުރުމުގެ ގޮތުން އެ ގައުމުގައި އާންމު ރައްޔިތުން ސައި ބުއިން މަދުކުރަން ސަރުކާރުން އަންގައިފި އެވެ.

މުޅި ދުނިޔެ އަށް ބަލާއިރު ވެސް، ޕާކިސްތާނަކީ އެންމެ ގިނައިން ސައިފަތް އިމްޕޯޓްކުރާ ގައުމެވެ. މިދިޔަ އަހަރު އެކަނިވެސް އެ ގައުމަށް 600 މިލިއަން ޑޮލަރުގެ ސައިފަތް އިމްޕޯޓްކޮށްފައިވެ އެވެ.

ޕާކިސްތާނުގެ ޕްލޭނިން މިނިސްޓަރު އަހުސަން އިގްބާލް ވިދާޅުވީ ކޮންމެ ދުވަހަކު ސައި ބޯ މިންވަރު މަދުކުރެއްވިއްޖެ ނަމަ، އެ ގައުމުން އިމްޕޯޓަށް ކުރަން ޖެހޭ ހޭދަ ކުޑަވާނެ ކަމަށެވެ.

"އަޅުގަނޑު އެދެން އާންމު ރައްޔިތުންގެ ކިބައިން ކޮންމެ ދުވަހަކު އެކެއް ނުވަތަ ދެ ތަށި ސައި ބުއިން މަދުކުރަން. އެއީ އަހަރެމެން ސައިފަތް އެތެރެކުރަނީ ލޯނު ފައިސާއިން ކަމަށް ވާތީ،" އޭނާ ވިދާޅުވި އެވެ.

އެ ގައުމުގައި ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމުގެ ގޮތުން، ކޮންމެ ރެއަކު 8:30 ގައި ވިޔަފާރިތައް ބަންދުކުރަން ވެސް މިނިސްޓަރު އެދިވަޑައިގަތެވެ.

ބީބީސީގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ޕާކިސްތާނުގެ ބޭރު ފައިސާގެ ރިޒާވު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އަދި ރިޒާވުގައި މިހާރު ހުރި ފައިސާއިން އެ ގައުމަށް މުދާ އިމްޕޯޓް ކުރެވޭނީ އެންމެ ދެ މަހަށް ކަމަށެވެ.

މިދިޔަ ފެބްރުއަރީ މަހު ޕާކިސްތާނުގެ ބޭރު ފައިސާ ރިޒާވް ހުރީ 16 ބިލިއަން ޑޮލަރުގަ އެވެ. ނަމަވެސް، މި މަހު އެ އަދަދު ވަނީ 10 ބިލިއަން ޑޮލަރަށް ވެއްޓިފަ އެވެ. އެއީ ކުރިއަށް އޮތް ދެ މަހަށް އެ ގައުމުގެ އިމްޕޯޓަށް ބޭނުންވާ މިންވަރަށް ވުރެ ވެސް ކުޑަ އަދަދެކެވެ.