15 ޖޫން 2022 - 21:34

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ދެ ސްކޫލެއްގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ޖަލްސާ ޝަރަފުވެރި ކޮށްދެއްވުމަށް އުތުރުގެ ދެ ރަށަކަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަންނަ ހުކުރު ދުވަހުން ފެށިގެން އާދިއްތަ ދުވަހާ ހަމައަށް ރައީސް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ށ. ފުނަދު އާއި ނ. ހޮޅުދު އަށް ވަޑައިގަންނަވާނެ ކަމަށެވެ.
އެ މަނިކުފާނު ޝަރަފުވެރި ކޮށްދެއްވާނީ ފުނަދޫ ސްކޫލަށް 50 އަހަރު އަދި މޭނާ ސްކޫލަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ޖަލްސާ އެވެ.
މޭނާ ސްކޫލަކީ ރާއްޖޭގައި އެންމެ ދުވަސްވީ ސްކޫލްތަކުގެ ތެރޭގައި ހިމެނޭ ސްކޫލެކެވެ. ފައުންޑޭޝަނުން ފެށިގެން ގްރޭޑު 12އާ ހަމައަށް ކިޔަވައިދޭ އެ ސްކޫލްގައި މި ވަގުތު 400 އަށް ވުރެ ގިނަ ކުދިން އަންނަނީ ކިޔަވަމުންނެވެ.
ފުނަދޫ ސްކޫލްގައި މި ވަގުތު 600 އަށް ވުރެ ގިނަ ކުދިން ކިޔަވަ އެވެ.