ބަންގްލަދޭޝް ބަލިކޮށް ގައުމީ އަންހެން ޓެނިސް ޓީމުން އުންމީދު ބޮޑުކޮށްފި
ބަންގްލަދޭޝް ބަލިކޮށް ގައުމީ އަންހެން ޓެނިސް ޓީމުން އުންމީދު ބޮޑުކޮށްފި

ނާޕޭލްގައި މިހާރު ކުރިއަށްދާ، އައިޓީއެފް ދެކުނު އޭޝިއާ 12 އަހަރާއި 12 އަހަރުން ދަށުގެ ކޮލިފައިން މުބާރާތުގައި ބަންގްލަދޭޝްގެ މައްޗަށް ކާމިޔާބުަ ހޯދައި، މުބާރާތުގައި ކުރިއަށް ދިއުމުގެ އުންމީދު ގައުމީ އަންހެން ޓީމުން ދަމަހައްޓައިފި އެވެ.

މިއަދު ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗު ރާއްޖެއިން ކާމިޔާބު ކުރީ ސީދާ ގޭމުންނެވެ. މިިދޔަ ހޯމަ ދުވަހު ފެށި މުބާރާތުގައި އަންހެން ޓީމު ކުޅުނު މެޗުގައި ނޭޕާލްގެ މައްޗަށް ކުރި ހޯދީ 3-1 ގޭމުންނެވެ. އެކަމަކު އިއްޔެ އިންޑިއާ އަތުން ބަލިވިޔަސް މިއަދު ބަންގްލަދޭޝްގެ މައްޗަށް ކާމިޔާބު ހޯދުމުން ރާއްޖެ އަށް އަނެއްކާ ވެސް ވަނީ އުންމީދެއް ލިބިފަ އެވެ.

އައިޓީއެފް އޭޝިއާ މުބާރާތައް، ދެކުނު އޭޝިއާ ޒޯނުން ކޮލިފައި ވަނީ ފައިނަލަށް ދާ ދެޓީމެވެ.

ބަންގްލަދޭޝްއާ ދެކޮޅަށް މިއަދު ކުޅުނު މެޗުގެ ސިންގަލްސް ފުރަތަމަ މެޗަށް ދިވެހި ޓީމުން ނުކުތީ މަންހާ މުހައްމަދު އަލީ އެވެ. 2-1 ސެޓުން އޭނާ ގޭމް ކާމިޔާބު ކުރި އެވެ. އޭނާ އަތުން ގެއްލުނީ ދެވަނަ ސެޓެވެ. ސެޓްތައް ނިމިގެން ދިޔައީ 6-4, 6-7 އަދި 6-1 ންނެވެ.

ސިންގަލްސް ދެވަނަ މެޗުގައި ރާއްޖޭގެ އެއްވަނަ ކުޅުންތެރިޔާ ނަބާ ނިޝާން ނުކުމެ ސީދާ ތިން ސެޓުން ގޭމް ކާމިޔާބު ކުރި އެވެ. އޭނާ ސެޓްތައް ގެންދިޔައި 6-0، 6-0 ންނެވެ. ޑަބަލްސް ގޭމްގައި ނަބާ އަދި އިމާނީ މޫސާ ކަލީމްގެ ޕެއާ ކުޅެން ނުކުމެ ބަންގްލަދޭޝް އަތުން މޮޅުވީ ސީދާ ދެސެޓުން 6-0، 6-0 ންނެވެ.

ރާއްޖޭގެ ފިރިހެން ޓީމު މިއަދު އިންޑިއާ އަތުން ބަލިވީ ސީދާ ތިން ގޭމުންނެވެ. އިއްޔެ ބޫޓާންގެ މައްޗަށް ފިރިހެން ޓީމު ހޯދި މޮޅަކީ، ރާއްޖޭގެ ޓެނިހުގެ ތާރިހުގައި 12 އާއި 12 އަހަރުން ދަށުގެ އުމުރުފުރާގެ ފިރިިހެން ޓީމަކުން ހޯދި ފުރަތަމަ މޮޅެވެ.

އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގައި ރާއްޖޭގެ އަންހެން ޓީމު މާދަމާ ނުކުންނާނީ ލަންކާ އާ ދެކޮޅަށެވެ. ފިރިހެން ޓީމު ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ.