ވިކްޓަރީގެ ޗެއާޕާސަން އިންތިހާބުކުރުން އަންނަ ހަފުތާގައި
ވިކްޓަރީގެ ޗެއާޕާސަން އިންތިހާބުކުރުން އަންނަ ހަފުތާގައި

ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ޗެއާޕާސަންގެ މަގާމަށާއި ބޯޑުގެ ދެ ޑިރެކްޓަރުންގެ މަގާމަށް މެމްބަރުން އިންތިހާބު ކުރުމަށް އަންނަ ހޯމަ ދުވަހުގެރޭ އާއްމު ޖަލްސާއެއް ބާއްވަން އެ ކްލަބުން ހަމަޖައްސައިފި އެވެ.

ވިކްޓަރީގެ ޗެއާޕާސަންގެ މަގާމް ހުސްވީ އެ މަގާމަށް އެންމެ ފަހުން އިންތިހާބުކުރި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް، އިންތިހާބުކުރަން ބޭއްވި ޖަލްސާ ހޯމް މިނިސްޓްރީން ބާތިލްކުރުމުންނެވެ. މުހައްމަދު އިސްމާއިލް އެ މަގާމަށް އިންތިހާބުކުރީ، ކުރިން އެ މަގާމް ފުރުއްވި ރައްޔިތުންގެ މަޖިލީގުގެ ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އައްސަދު އިސްތިއުފާ ދެއްވާފައިވާތީ އެވެ.

އެ ޖަލްސާގައި ވިކްޓަރީގެ ހިންގާ ކޮމިޓީން ހުސްވެފައިވާ ދެ މަގާމަށް ކުރީގެ ކުޅުންތެރިއާ އަހުމަދު އަރީޝް (ޕަޓޭ) އަދި އަންހެން ފުޓްބޯޅަ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ މަރިޔަމް މުހައްމަދު (މާޔަން) އިންތިހާބުކުރި ނަމަވެސް އެ ޖަލްސާ ބާތިލްކުރުމުން އަލުން އެ ދެ މަގާމަށް ވެސް އިންތިހާބުކުރަން ޖެހުނީ އެވެ.

ވިކްޓަރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ މަގާމް ތަކަށް ކުރިމަތި ލައްވަވާ ބޭފުޅުން ހޯމަ ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން އެފް.އޭ.އެމްގައި ހުންނަ އެ ކްލަބުގެ އޮފީހަށް ސިޓީ ފޮނުވަން އެދޭ ކަމަށެވެ.

ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އަދި އެންމެ ކާމިޔާބު އެއް ކްލަބް 2012 ގެ ފަހުން އަޑިއަޅާލާފައިވާއިރު މި އަހަރުގެ ކުރީކޮޅު ހަވާލުވި މެނޭޖްމަންޓާ އެކު އެދެވޭ ބަދަލުތަކެއް އަންނަނީ ފެންނަމުންނެވެ. އެކަމަކު މި ފަހަރު އެ ޓީމަށް އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަޔަކުން ފުރުސަތު ނުލިބުމުން، ފުރަތަމަ ޑިވިޝަނުގެ ޖާގަ ކަށަވަރުކުރަން ޕްލޭއޮފް ވަނީ ކުޅެން ޖެހިފަ އެވެ.