15 ޖޫން 2022 - 07:05

ހާލުގައި ޖެހިފައިވާ ސްރީ ލަންކާގައި އުފެއްދުންތެރިކަން އިތުރުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ދަނޑުވެރިކަމަށް ހިތްވަރު ދިނުމަށް ހުކުރު ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފި އެވެ.
ހުކުރު ދުވަސް ޗުއްޓީ ދުވަހެއްގެ ގޮތުގައި ލަންކާގެ ކެބިނެޓުން ނިންމީ ސަރުކާރު މުވައްޒަފުންނަށް ހަފުތާއަކު މަސައްކަތު ހަތަރު ދުވަސް ހަމަޖެއްސުމަށް އައި ހުށަހެޅުމަކަށެވެ. މިގޮތަށް ނިންމުމުގެ އިތުރުން ސަރުކާރުގެ ވަޒީފާތަކުގައި އުޅޭ މީހުންނަށް، އެހެން ގައުމުތަކުގައި އެހެން ވަޒީފާތައް އަދާކުރުމަށް ފުރުސަތު ދިނުަށް، މުސާރަ ނުލިބޭ ގޮތަށް ފަސް އަހަރުގެ ޗުއްޓީ ދޭ ގޮތަށް ވެސް ވަނީ ފާސްކޮށްފަ އެވެ.
"މަސައްކަތް ނުކުރާ ތިން ދުވަސް ސަރުކާރު މުވައްޒަފުންނަށް ލިބޭ ގޮތަށް ހަމަޖެއްސުމުގެ ބޭނުމަކީ މި ޗުއްޓީގައި ދަނޑުވެރިކަމުގެ މަސައްކަތްކޮށް ގައުމުގެ އުފެއްދުންތެރިކަން އިތުރުކުރުން" ކަމަށް ކެބިނެޓްގެ ނިންމުމުގައިވެ އެވެ.
އިގްތިސާދު ހުއްޓުމަކަށް އައިސްފައިވާ ސްރީ ލަންކާގައި ކާބޯތަކެތީގެ ދަތިކަން ބޮޑުވަމުން އަންނަ ކަމުގެ އިންޒާރު ބޮޑުވަޒީރު ރަނިލް ވިކްރެމަސިންހާ ވެސް ދާދި ފަހުން ވަނީ ދެއްވައިފަ އެވެ. އަދި ދާއިރާގެ އެހެން ތަޖުރިބާކާރުން ވެސް ވަނީ ހަނޑުލާއި އެފަދަ އެހެން އާންމު ކާނާގެ ބާވަތްތައް ލިބުން ވަރަށް ބޮޑަށް ދަތިވެދާނެ ކަމުގެ އިންޒާރު ދީފަ އެވެ.
ލަންކާގެ ބޭރު ދަރަނި ނުދެއްކި ބަނގުރޫޓު ވެފައި ވާއިރު އަލުން އިގްތިސާދު ކޮޅަށް ޖެހުމަށް އަންނަނީ އެކި ދާއިރާތަކުން މަސައްކަތްކުރަމުންނެވެ.