14 ޖޫން 2022 - 15:14

އައިޓީއެފް ދެކުނު އޭޝިއާ ކޮލިފިކޭޝަންގެ ކޮލިފައިން މުބާރާތުގައި ރާއްޖޭގެ 12 އަހަރުން ދަށުގެ ގައުމީ ފިރިހެން ޓެނިސް ޓީމު ބޫޓާން ބަލިކޮށް ސަރަހައްދީ ޓެނިހުގައި ތާރީހީ މޮޅެއް ހޯދައިފި އެވެ.
ބޫޓާންގެ މައްޗަށް ސީދާ ތިން ގޭމުން މިއަދު ރާއްޖޭގެ ޓީމު ހޯދި މޮޅަކީ 12 އަހަރުން ދަށުގެ ކެޓަގަރީގައި ފިރިހެން ޓީމުން އިންޓަނޭޝަނަލް މުބާރާތެއްގައި ހޯދި ފުރަތަމަ މޮޅެވެ.
އިއްޔެ ފެށި ކޮލިފައިން މުބާރާތުގައި ފުރަތަމަ މެޗުން ބަންގްލަދޭޝް އަތުން ފިރިހެން ޓީމު ބަލިވީ ސީދާ ތިން ސެޓުންނެވެ. މިއަދު ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ގޭމަށް ދިވެހި ޓީމުން ނުކުތީ އިބްރާހިމް ޒަފަޔާން އެވެ. އެ ގޭމް އޭނާ ކާމިޔާބު ކުރީ 6-0 އަދި 6-1 ންނެވެ. ދެވަނަ ގޭމްގައި އާދަމް އާލް ނިޔާޒު މޮޅުވީ 6-1 އަދި 6-1 ންނެވެ. ޑަބަލްސް ގޭމްގައި އާލް އާއި މިކާ މުހައްމަދު ކަލީމްގެ ޕެއާ ކާމިޔާބު 6-1 އަދި 6-2 ންނެވެ.
މުބާރާތް ބާއްވާ ގައުމު ނޭޕާލް އަތުން އިއްޔެ މޮޅުވި ރާއްޖޭގެ އަންހެން ޓީމު މިއަދު، ދެކުނު އޭޝިއާގެ ގަދަ ބާރު އިންޑިއާ އަތުން ބަލިވީ ތިން ގޭމުންނެވެ.
އަންހެން ޓީމުގެ ފުރަތަމަ މެޗުގައި އިމާނީ މޫސާ ކަލީމް ބަލިވީ 6-0، 6-0 ންނެވެ. ދެވަނަ ގޭމްގައި ނަބާ ނިޝާން ވެސް ބަލިވީ 6-2، 6-1 ންނެވެ. ޑަބަލްސް ގޭމްގައި މަންހާ މުހައްމަދު އަލީ އާއި އިމާނީގެ ޕެއާ ކުޅުނު މެޗުން ބަލިވީ 6-2 އަދި 6-1 ންނެވެ.
އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގައި ރައުންޑް ރޮބިން އުސޫލުން (ކޮންމެ ޓީމެއް ކޮންމެ ޓީމަކާ) ކުޅުމަށް ފަހު އެންމެ ގަދަ ދެޓީ ދަ އައިޓީއެފް އޭޝިއާ މުބާރަތަށް ކޮލިފައި ވާނެ އެވެ. މިދިޔަ އަހަރު ޕާކިސްތާންގައި ބޭއްވި ކޮލިފައިން މުބާރާތުގެ ތިންވަނަ ރާއްޖޭގެ އަންހެން ޓީމުން ހޯދި އެވެ.