10 ޖުލައި 2022 - 19:30

މުހައްމަދު އަބާން އަބްދުﷲ ރަޝީދަކީ ހދ. ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރެކެވެ. މި ފެށޭ ދިރާސީ އާ އަހަރުގެ ކިޔެވުމާ އެކު ގްރޭޑް 10 ގައި ކިޔެވުމަށް ތައްޔާރުވަމުން އަންނަ އަބާން ދަނީ މިހާރު ވެސް އޯލެވެލް އިމްތިހާނަށް ތައްޔާރުވަމުންނެވެ.

މޮޅު ނަތީޖާތަކެއް މީގެ ކުރިން ވެސް ހޯދާފައިވާ އަބާންގެ އުއްމީދަކީ އޯލެވެލްގައި ވެސް ބެލެނިވެރިން ފަހުރުވެރިވާނެ ވަނައެއް ހޯދުމެވެ. އެ އަޒުމުގައި އޭނާ މަސައްކަތް ކުރަމުން ދަނީ ގަދަ ހިތްވަރަކާ އެކު އެވެ.

އަބާން، "މިހާރު" އަށް ކިޔައިދިން ގޮތުގައި ސްކޫލު ބަންދަކީ ވެސް އޭނާ ފޮތްތަކާ ދުރަށް ދާނެ ޗުއްޓީއެއް ނޫނެވެ. ކޮންމެވެސް ވަރަކަށް ފޮތްތައް ކިޔައި ފިލާވަޅުތައް ފަރިތަކުރުމަށް އޭނާ މަސައްކަތްކުރާނެ އެވެ.

އޯލެވެލް އަށް ތައްޔާރުވުމުގެ ގޮތުން މިހާރު ވެސް ޓިއުޝަނަށް ގޮސް ފިލާވަޅުތައް އޮޅުންފިލުވަ އެވެ. އަދި އިތުރަށް އޮޅުން އަރާ ކަންތައްތަކެއް ހުރި ނަމަ އެހެން މީހުން ގާތު އަހައިގެން ވެސް އެކަމެއް ސާފުވަންދެން އޮޅުންފިލުވަ އެވެ.
"ކޮންމެ ދުވަހު ޓިއުޝަނަށް ދަން. މީގެ ދެތިން އަހަރެއް ކުރިން ސްކޫލު ނިމުނު ރައްޓެެއްސެއްގެ ގާތަށް ވެސް ބައެއް ދުވަސް ދުވަހު ދަން ނޭނގޭ ފިލާވަޅުތައް އޮޅުންފިލުވަން. އަޅުގަނޑު ޓީޗަރުން ކައިރި އަމިއްލައަށް ބުނެގެން ވެސް ބައެއް ފަހަރު ކްލާސް ނަގަން އިތުރަށް އެނގެން ބޭނުންވާތީ،" އަބާން އޭނާގެ އިމްތިހާނަށް ވަމުން އަންނަ ތައްޔާރީ ކިޔައިދެމުން ބުންޏެެވެ.
އަބާން ބުނި ގޮތުގައި އޭނާއަކީ ސްކޫލުގައި އޮންނަ ކޮންމެ ކުޅިވަރު ހަރަކާތެއްގައި ވެސް ބައިވެރިވާ ދަރިވަރެކެވެ. އަދި ފެށުނީއްސުރެ ވެސް ސްކައުޓް ހަރަކާތްތަކުގައި ވަރަށް އެކްޓިވްކޮށް އުޅެމުން އަންނަ ދަރިވަރެކެވެ.
އަބާން ބުނީ އޭނާއަކީ ސްކޫލު އަދަބީ މުބާރާތްތަކުގައި ބައިވެރިނުވިޔަސް ކޮންމެ ދުވަހަކު ކިޔަވަމުން ކުޅެންވެސް ދާ ދަރިވަރެއް ކަމަށެވެ.
"ކިޔެވިޔަސް ހަމަ ކުޅިވަރަށް ވެސް ވަގުތު ދެން. ކޮންމެ ދުވަހަކު ހަވީރު އަޅުގަނޑު ފުޓްބޯޅަ ކުޅެންދަން. ފިލާވަޅެއް ނެތިއްޔާ ރޭގަނޑު ވެސް ކުޅެންދަން."
އެކަމަކު ކުޅިވަރު ކުޅުނަސް އެ ހުރިހާ އަމިއްލަ ކަމެއްގައި ވެސް އަބާން އުޅެނީ މުޅި ދުވަހު ކުރިއަށް ދާނެ ގޮތުގެ ތާވަލެއް ހަދާލައިގެންނެވެ.
- ހެނދުނު 6:45 އިން 2:10 އަށް ސްކޫލުގައި.
- މެންދުރު ފަހު އާންމުކޮށް ފްރީ (އެ ވަގުތުގައި މިހާރު ގްރޫޕް ސްޓަޑީޒް ހަދަނީ).
- ހަވީރު ކުޅިވަރު ކުޅުން.
- ރޭގަނޑު އަދި ފަތިހު ފިލާވަޅުތައް ހަދައި ދަސްކުރުން.
އަބާން ބުނީ، އޭނާ އަށް ކިޔަވަން އެންމެ ފަސޭހަ ވަގުތަކީ ރޭގަނޑު އަދި ފަތިހު ވަގުތު އެއްވެސް ބައެއްގެ އަޑު ނީވޭ ކަހަލަ ހަމަހިމޭން ވަގުތެއްގައި ކަމަށެވެ. އެހެންވެ ވަރަށް ފަތިހާ ތެދުވެ ކިޔެވުމުގެ އާދައަކީ އޭނާ އެންމެ ކުޑައިރުން ފެށިގެން ވެސް ގެންގުޅޭ އާދަ އެކެވެ.
އިމްތިހާނަކަށް ތައްޔާރުވާ ނަމަ އެންމެ މުހިއްމު އެއް ކަމަކީ ރައްޓެހިންނާ އެކު ގްރޫޕް ސްޓަޑީޒް ހެދުން ކަމަށް އަބާން ދެކެ އެވެ. އޭނާ އެގޮތަށް ގަބޫލުކުރާ ސަބަބަކީ އެހެން ކުދިންނަށް ކިޔަވައިދޭ ވަގުތަކީ އޭނާއަށް ވެސް ގިނަ އާ އެެއްޗެހިތަކެއް ދަސްވާ ވަގުތަކަށް ވާތީ އެވެ.
"އަބަދުވެސް ބަލަން ގްރޫޕް ސްޓަޑީޒް ހަދަން. އެހެން ކުދިންނަށް ކިޔައިދިނީމަ އެކުދިންގެ ފަރާތުން އަޅުގަނޑަށް ވެސް އަދި އަޅުގަނޑުގެ ފަރާތުން އެކުދިންނަށް ވެސް ދަސްވޭ. އެ އެއްޗެހި ހަނދާންކުރަން ފަސޭހަވޭ ޓެސްޓުގައި،" އަބާން ބުންޏެވެ.
އަބާނަކީ އަބަދުވެސް އޭ ރިޕޯޓް ހޯދާއި ކުއްޖެކެވެ. ކިޔަވައިދޭ ވަގުތު ސަމާލުކަން ދިނުމުން އޭނާއަށް އާންމުކޮށް ވަރަށް ބޮޑަށް ފަސޭހަވެ އެވެ. އެހެންވެ އާންމުކޮށް ކިޔަވަން އުޅެވެނީ ވެސް އިމްތިހާނެއް ތަންކޮޅެއް ކައިރިވީކަމަށް އަބާން ބުނެ އެވެ.
"އަބާނަކީ ކިޔަވައިދޭ ވަގުތު ސަމާލުކަން ދިނީމަ ދަސްވާ ކުއްޖެއް އާންމުކޮށް. އެކަމަކު އެގޮތަށް ވެސް ނުވަންޏާ ވަރަށް ކުރިއާލާ ދަސްކުރަން ފަށަންވާނެ."
އަނެއްކަމަކީ ސްކޫލުގައި ކިޔަވައިދޭ ވަގުތު އެއްޗެއް ނޭނގުނަސް މަޑުން އިނުމުގެ ބަދަލުގައި އެ އެއްޗެއް އެނގެންދެން ސުވާލުކުރުމެވެ. އަބާން ބުނީ އޭނާއަށް އޮޅުން އަރާ ކަމެއް އޮތް ނަމަ ކިތަންމެ ވަރަކަށް ސުވާލު ތަކުރާރުކޮށްގެން ވެސް އޮޅުންފިލުވާ ކަމަށެވެ.
"ކިތަންމެ ވަރަކަށް ސުވާލުކުރިޔަސް ޓީޗަރުން ކިޔައިދޭތީ ވަރަށް ފަސޭހަވޭ."
އަބާންގެ ކާމިޔާބީގެ އެންމެ ބޮޑު އެއް ސިއްރަކީ ނަމާދުތަކަށް ވަރަށް ބޮޑަށް ފަރުވާތެރިވުމެވެ. އަބާންގެ ބަހުން ނަމަ ކޮންމެ ކަމަކަށް ވުރެ ވެސް ނަމާދު އިސްކުރެވެ އެވެ.
"އޭގެ ފަހުގައި ކިޔެވުމާއި ކުޅިވަރު ވެސް އަންނާނީ،" ޕައިލެޓަކަށް ވުމުގެ އުއްމީދުގައި ކިޔަވަމުން އަންނަ އަބާން ބުންޏެވެ.
އަބާން ގަބޫލުކުރާ ގޮތުގައި ކިޔެވުމާ އެއްވަރަށް ރައްޓެހިންނާ އެކު ބޭރަށް ނިކުމެލައި ކުޅިވަރުގައި ވެސް ވަގުތު ހޭދަކުރަން ޖެހެ އެވެ. އެއީ އިމްތިހާނަކަށް ތައްޔާރުވާއިރު ސިކުނޑި ހަމަޖެހިފައި ހުރުމަކީ ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި އޭނާ ދެކޭތީ އެވެ.