14 ޖޫން 2022 - 14:14

ގައުމީ އެއާލައިން މޯލްޑިވިއަން އަށް މިދިޔަ އަހަރު ވި ގެއްލުން 159 މިލިއަން ރުފިޔާ އަށް އަރައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި އެ ކުންފުންޏަށް މިދިޔަ އަހަރު އެންމެ ބޮޑު ގެއްލުމެއް ވެފައި ވަނީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓާގަ އެވެ. އެ ކުއާޓާގައި އެ ކުންފުންޏަށް 99 މިލިއަން ރުފިޔާގެ ގެއްލުން ވި އެވެ. އެހާ ބޮޑު ގެއްލުމެއްވީ އެ ކުއާޓަރުގައި ލިބުނު އާމްދަނީ ވަރަށް ބޮޑަށް ދަށްވުމުންނެވެ.
މިދިޔަ އަހަރު އެ ކުންފުންޏަށް 1.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ. އެންމެ ބޮޑު އާމްދަނީއެއް އެ ކުންފުންޏަށް ލިބެނީ ޑޮމެސްޓިކް ދަތުރުތަކުންނެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ތަރައްގީ ކޮށްފައިވާ 16 އެއާޕޯޓުގެ ތެރެއިން 13 އެއާޕޯޓަށް މޯލްޑިވިއަން އިން އަންނަނީ ދަތުރު ކުރަމުންނެވެ.
ކޮވިޑާ ގުޅިގެން ބޯޑަރު ބަންދުކޮށް، ދަތުރުފަތުރު ކުރުން ހުއްޓާލުމާ ގުޅިގެން 2020 ވަނަ އަހަރު ވެސް އެ ކުންފުންޏަށް ބޮޑު ގެއްލުމެއް ވި އެވެ. އެ އަހަރު 400 މިލިއަން ރުފިޔާގެ ގެއްލުން ލިބުނެވެ.
މިދިޔަ އަހަރު އާމްދަނީ ރަނގަޅުކޮށް އެ ކުންފުންޏަށް ލިބުނު ގެއްލުން ވަނީ ވަރަށް ބޮޑަށް ކުޑަކޮށްފަ އެވެ. އެ ކުންފުނީގެ އަމާޒަކީ މިއަހަރު އަނެއްކާ ވެސް ފައިދާވާ ކުންފުންޏަކަށް ހެދުމެވެ.
އެ ކުންފުންޏަށް ކުރިއަށް އޮތްތަނުގައި ފައިދާ ހޯދުމަށް ކުންފުނީގެ ހަރަދުތައް ކުޑަކުރަން ޖެހޭ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ވެސް އެ ކުންފުނީގެ ހަރަދުތައް ވަނީ 21 ޕަސެންޓް ބޮޑުވެފަ އެވެ. އެހެން ހަރަދުތައް ކުރަން ވަރަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ އައިލޭންޑް އޭވިއޭޝަން އުފެއްދީ 2000 ގަ އެވެ. ދިވެހި ގައުމީ އެއާލައިންގެ ގޮތުގައި އައިލޭންޑް އޭވިއޭޝަންސް އިން ހިންގާ މޯލްޑިވިއަން އަކީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގައި ބޮޑު ދައުރެއް އަދާކުރަމުން އަންނަ އެއާލައިނެކެވެ. އެހެން ނަމަވެސް ކުންފުނި އެއް ހަމައެއްގައި ހިފަހައްޓައި، ފައިދާވާ ކުންފުންޏެއްގެ ގޮތުގައި ހިންގުމަށް ތަފާތު އެކި ސަބަބުތަކާ ހެދި މިދިޔަ 22 އަހަރު ތެރޭ ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ.