"ކިޔާ ހުވާ ތޭރާ ވާދާ"ގެ ތާރިގު ގެއްލުނީ ކީއްވެ؟
"ކިޔާ ހުވާ ތޭރާ ވާދާ"ގެ ތާރިގު ގެއްލުނީ ކީއްވެ؟

އާރް.ޑީ. ބަރްމަންގެ މިއުޒިކަށް ލޯބިކުރާ ފަރާތްތަކުން އޭނާ އުފެއްދި އެންމެ ރީތި ލަވަތަކުގެ ހަނދާން މިއަދުވެސް ހުންނާނެ އެވެ. "ކިޔާ ހުވާ ތޭރާ ވާދާ"، "ތުމް ކިޔާ ޖާނޯ މުހައްބަތު ކިޔާ ހޭ"، "އާޕްކީ ކަމްރޭމެ ކޯއީ ރެހެތާހޭ"، "ލޭކަރް ހަމް ދީވާނާ ދިލް" އަދި "ޔާދޯން ކީ ބާރާތު" ފަދަ ލަވަ ތަކެވެ.

"ކިޔާ ހުވާ ތޭރާ ވާދާ"ގެ ތާރިގު ގެއްލުނީ ކީއްވެ؟
"ކިޔާ ހުވާ ތޭރާ ވާދާ"ގެ ތާރިގު ގެއްލުނީ ކީއްވެ؟

ނަމަވެސް ނާސިރު ހުސެއިން އުފެއްދި މި ރީތި މިއުޒިކް ހިމެނޭ ފިލްމުތަކުގައި ހިމެނޭ އަދި މި ލަވަތަކުގެ ހަރަކާތްތެރިވި އެކްޓަރުގެ މަތިން ހަނދާން އެބަހުރި ހެއްޔެވެ؟ އެއީ ނާސިރު ހުސެއިން އަށް ބޮޑުބޭބެ ކިޔާ ތާރިގު ޚާން އެވެ. މަޝްހޫރު ބަތަލު އާމިރު ޚާންގެ ދެބެންގެ ދެ ދަރި ތޯރިގު އެވެ.

ތާރިގު ވަނީ 70 ގެ އަހަރުތަކުގައި ގިޓާ ކުޅެމުން ކިޔާފައި އެތައް ލަވައަކުން ގިނަ ބައެއްގެ ހިތް އަތުލައިފަ އެވެ. އޭނާ އެ ދުވަސްވަރުއެޅި އަވިއައިނުތަކަކީ ވެސް ވަރަށް ޚާއްސަ ގޮތެއްގައި ފާހަގަކޮށްލެވުނު އެއްޗެކެވެ. އޭނާގެ މަޝްހޫރުކަން އޭރު ބޮޑުވެގެން ދިޔަ ވަރުން "ތާރިގު ނައިޓްސް"ގެ ނަމުގައި އޭނާ ބޭއްވި ލައިވް މިއުޒިކް ޝޯތައް ހައުސްފުލް ވެފައިވެ އެވެ.

އެދުވަސްވަރުގެ އާދަޔާޚިލާފު ރަނގަޅަށް ހިނގި ވަރަށް ކާމިޔާބު ހަތް ފިލްމު ކުޅުމަށްފަހު ކުއްލިއަކަށް ތާރިގު ގެއްލުނީ އެވެ. ވަރަށް ގޮތް ނޭނގޭ ގޮތަކަށެވެ. އޭގެ ފަހުން ތިރީހަކަށް އަހަރު ވީއިރުވެސް އޭނާގެ ހިލަމެއް ވެސް ނެތެވެ. ބައެއް މީހުން ހީކުރީ އޭނާ މަރުވީ ކަމަށެވެ. ނަމަވެސް މަރުވި ނަމަ އެ ޚަބަރު ވެސް ނޫސްތަކުން ފެނުނީސްތާ އެވެ.

ތާރިގު ގަދަވެ ސަލާމަތުން އެބައުޅެ އެވެ. އޭނާ މަސައްކަތްކުރަނީ ޝިޕިން ކުންފުންޏެއްގައި މުދާ ފޮނުވައިދޭ ސުޕަވައިޒިން އެގްޒެކެޓިވްއެއްގެ މަގާމުގަ އެވެ.

އުމުރުން 50ގެ އަހަރުތައް ގުނަމުންދާ ތާރިގުގެ ކިބައިގައި މިހާރު އެއް އިރެއްގެ މަޝްހޫރު ފިލްމީ ތަރިއެއްގެ އެއްވެސް އަލާމާތެއް ނެތެވެ. ބޭނުންޖެހޭ ފަހަރު ފަހަރު އޮޓޯ ރިކްޝާގައި ދަތުރުކޮށް އުޅޭ ހިތްތިރި ހިތްހެޔޮ މީހެކެވެ.

ތާރިގު އެހާ ރަނގަޅު ޓްރެޑް ރެކޯޑަކާ އެކު ފިލްމު ކުޅެމުން އައިސް ކުއްލިއަކަށް ބޮލީވުޑަށް އަލްވަދާއު ކިޔަން ޖެހުނު ސަބަބަކީ ކޮބައި ހެއްޔެވެ؟ ތާރިގުއާ ވަރަށް ހަނި ގޮތަކަށް ބައްދަލުވި އިންޑިޔާގެ ނޫސްވެރިއަކު އޭނާއާ މި ސުވާލުކޮށްފައިވެ އެވެ. އޭނާ ބުނީ ނާކާމިޔާބު ވެދާނެކަމުގެ ބިރު އޭނާ އެހެން ވަޒީފާއެއް ހޯދުމަށް މަޖުބޫރުކުރުވީ ކަމަށެވެ.

ބޮލީވުޑަކީ ވަރަށް ވާނެގޮތް ނޭނގޭ ތަނެކެވެ. އެހެންވީމާ އޮފީހެއްގެ ވަޒީފާއެއް ހޯދައިފި ނަމަ ވަޒީފާގައި ދެމިހުރެވޭނެކަމުގެ ޔަގީންކަން މާބޮޑަށް އޮންނާނެކަމަށް ވިސްނުނީ ކަމަށް ވެސް ތާރިގު ބުންޏެވެ.

"އޮފީހެއްގައި މަސައްކަތްކުރާ ނަމަ އަހަންނަށް ޔަގީންކަން އޮންނާނެ މަހުން މަހަށް އެ ލިބޭ އެއްޗެއް ލިބެމުންދާނެ ކަމުގެ. އޭގެ އިތުރުން އަހަރެންނަށް ހީވީ އަހަރެންގެ ފިލްމީ ކެރިއަރުގައި އެރޭނެ އުހަށް އެރިފައޭ މިހިރީ. އިތުރަށް ދެން ފިލްމު ކުޅެން ހަދައިގެން ވެއްޓޭނީއޭ. އެހެން ހިތާ އަހަރެން ޓްރެވަލް ޓިކެޓިން އަދި ކާގޯ ފޯވަޑިންގެ ރޮނގުން ޑިޕްލޮމާ ކޯހެއް ހަދައި އެ ދާއިރާއަށް ޚާއްސަވީ،" ތާރިގު ބުންޏެވެ.

ފިލްމު ކުޅެން ހުއްޓާލިފަހުން ކައިވެނިކޮށް ތާރިގު އަށް ލިބިފައިވާ ދެ ކުދިން ވެސް މިހާރު ވަނީ ޒުވާން ވެފަ އެވެ.

އެއް އިރެއްގައި ޒުވާން އަންހެންކުދިން އޭނާއާ ކައިވެނި ކުރާހިތުން މަރުދިން ތާރިގުގެ ސިފަ މިއަދު ވަނީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. އޭނާގެ އެ ދުވަސްވަރުގެ ފޭނުންނަށް ވެސް މިއަދު ތާރިގު ފެނުނަސް ނޭނގޭނެ އެވެ.

ތާރިގު ބުނީ ފިލްމު އިވެންޓުތަކަށާއި ފިލްމީ ހަފުލާތަކަށް އޭނާ އެއްގޮތަކަށް ވެސް ނުދާ ކަމަށެވެ.

"އަހަރެން އެންމެ ފަހުން ކުޅުނީ "މޭރޭ ދާމާދު" ކިޔާ ފިލްމެއް. އޭގެ ފަހުން އަހަރެން އެއްގޮތަކަށް ވެސް ފިލްމު ކުޅޭ ހިތެއް ނުވި. މިހާރުވެސް އަހަންނަށް ފިލްމު ކުޅުމުގެ ފުރުސަތުތައް ލިބޭ. ނަމަވެސް ކެމެރާއަށް ކުރިމަތިލާން ބޭނުމެއް ނޫން. އަހަރެން މިއަދާކުރާ ވަޒީފާއާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ. ފައިސާ އެބަހުރި. ހަތަރު ބަންގްލޯ އެބަހުރި،" ތާރިގު ބުނެފައިވެ އެވެ.

ފިލްމީ ކެރިއަރުގައި އަށް ފިލްމެއް ކުޅެފައިވާ ތާރީގު ނުބުނާ ވާހަކަ އެއް އެބައޮތެވެ. އެއީ އޭނާ ލޯންޗުކޮށްދިނީ ބޮޑުބޭބެ ނާސިރް ހުސެއިން ކަމަށްވާތީ އޭނާއާ އެކު ހަދާފައިވާ ކޮންޓްރެކްޓްގެ ސަބަބުން ފިލްމު އިންޑަސްޓްރީގެ އެހެން މީހުންނާ އެކު ފިލްމު ކުޅުމުގެ ފުރުސަތު އޭނާއަށް ނެތުމެވެ. ތާރިގު ނުބުންޏަސް މިއީ އޭނާ ފިލްމު ކުޅެން ފޫހިވި ސަބަބަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.