14 ޖޫން 2022 - 12:22

ފުވައްމުލަކު ހުކުރު މިސްކިތުގައި އޮންނަ އާސާރީ ގަބުރުސްތާނުގެ މަހާނަ ގާތަކެއް ބިންދައި އެތަނަށް ގެއްލުން ދިނުމުން އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ.

މިހާރު ރާއްޖޭގައި ފެންނަން ހުރި އާސާރީ ގަބުރުސްތާނުތަކުގެ ތެރެއިން އެންމެ ދުވަސްވީ އެއް ގަބުރުސްތާނަށް ގެއްލުން ދިނީ، ހެރިޓޭޖް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑައިރެކްޓަރު އިސްމާއިލް ނާއިލް ވިދާޅުވި ގޮތުގައި މިދިޔަ އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.
މިކަން ފުވައްމުލަކު ސިޓީ ކައުންސިލުން މިނިސްޓްރީގެ ސަމާލުކަމަށް އިއްޔެ ގެނައުމާ އެކު ފުލުހުންނަށް މައްސަލަ ހުށަހެޅީ އެވެ.
"ގާތަށް ތާޅާލައިފައި، އަތިރިމައްޗަށް އުކާލައިފައި ހުރި ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބުނީ،" އޭނާ ވިދާޅުވި އެވެ.
"އެކަމާ ގުޅޭ އިތުރު މައުލޫމާތު ހެރިޖޭޓަށް ފޮނުވަން ފުވައްމުލަކު ސިޓީ ކައުންސިލަށް ވެސް ވާނީ އަންގާފައި."
ނާއިލް ވިދާޅުވި ގޮތުގައި، ގަބުރުސްތާނުގެ ދެ މަހާނަ ގަލެއް ބިންދާލާފައި އޮތެވެ. އޭގެ ތެރޭގައި ކުރީގެ ރަސްކަލެއް ކަމަށް ބެލެވޭ ބޭފުޅެއްގެ މަހާނަ ގަލެއް ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ. ހިރިގަލުން ހަދާފައިވާ އެ މަހާނަގާތަކުގައި ހަތަރު ފޫޓްގެ އުސްމިން ހުރެ އެވެ. ބައެއް ގާތަކުގައި ޑިޒައިންތަކުގެ އިތުރުން ކަނޑައި ނަގައިގެން އަރަބި ބަހުން ލިޔެފައި ވެސް ހުރެ އެވެ.
އާންމުވެފައިވާ ފޮޓޯޓަކުން ފެންނަ ގޮތުގައި އެ މަހާނާ ގާތައް ވަނީ މެދުން ބިންދާލައިފަ އެވެ.
މިކަމާ ގުޅޭ ގޮތުން ފުވައްމުލަކު ސިޓީ ކައުންސިލްގެ ބަހެއް ނުލިބުނެވެ.
ރާއްޖޭގެ ސަގާފަތާއި ތަރިކައިގެ ގާނޫނުގެ ދަށުން، ތަރިކަ އަށް ގެއްލުން ދިނުމަކީ ބޮޑު އަދަބެއް ލިބޭ ކުށެކެވެ. އެއީ ބޮޑެތި އަދަދުތަކުން ޖޫރިމަނާ އާއި ޖިނާއީ ދައުވާ ވެސް އަންނަ ކުށެކެވެ.
ގާނޫނު ބުނާ ގޮތުން، ތަރިކަ އަށް ގެއްލުންދިނުމުގެ ކުޑަބޮޑު މިނަށް ބަލައި، 10،000ރ. އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.