އެމްޑީޕީން ނެރޭ ވިޕްލައިންތަކާ ދެކޮޅަށް 18 މެމްބަރަކު ތެދުވެއްޖެ
އެމްޑީޕީން ނެރޭ ވިޕްލައިންތަކާ ދެކޮޅަށް 18 މެމްބަރަކު ތެދުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ނެރޭ ވިޕްލައިން އާ އެއްގޮތަށް ވޯޓު ދޭން ބޭނުން ނުވާ ކަމަށް 18 މެމްބަރަކު އިއުލާން ކުރައްވައިފި އެވެ.

އެމްޑީޕީ ޕީޖީގެ ވަޓްސްއެޕް ގްރޫޕަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް މިއަދު ފޮނުވި މެސެޖެއްގައި ވިދާޅުވީ ޕީޖީން ކަންކަން ނިންމަމުން ގެންދާ ގޮތަށް ބަލައި ކޮންމެ ފަހަރަކު ވިޕްލައިނާ އެއްގޮތަށް ވޯޓު ލާން ބޭނުން ނުވާ މެމްބަރުން ނަން ނޯޓު ކުރުމަށް އެދޭ ކަމަށެވެ.

"..އާންމު މެމްބަރުންނަށް ސާފު ވާނެ އަޅުގަނޑުމެން އެގޮތަށް ވޯޓުލާ ސަބަބު. އަޅުގަނޑުމެން އުންމީދު ކުރަން އާންމު މެމްބަރުން އަޅުގަނޑުމެން ޕާޓީން ވަކި ނުކުރާނެ ކަމަށް،" ހަސަން ލަތީފް ފޮނުވި މެސެޖެއްގައި ވިދާޅުވި އެވެ.

އެކަމަށް ތާއީދު ކުރައްވައި 18 މެމްބަރަކު ނަން ނޯޓު ކުރެއްވި އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ހިމެނެ އެވެ.

ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް

ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން

ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު

މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު

ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު

ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު

ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް

މަޑަވެލި ދާއިރާގެ މެމްބަރު މުހައްމަދު ފިރުޝާން

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް

ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް

އެމްޑީޕީގެ ތެރޭގައި ވަނީ ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވާދަވެރިކަމުގެ ތެރެއިން ދެ ފެކްޝަން އުފެދިފަ އެވެ. އެމްޑީޕީގެ މެޖޯރިޓީ އޮތީ އެމަނިކުފާނާ އެކުގައި ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. ރައީސަށް ތާއީދު ކުރައްވާ މެމްބަރުންގެ ތެރޭގައި ޕީޖީގެ ޗީފް ވިޕް އަދި ވައިކަރަދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޒިޔާދު (ފިއްޓޭ) ވެސް ހިމެނެ އެވެ.

އެ ޕާޓީން ނެރޭ ވިޕާ ދެކޮޅުވުމަށް އެއްބަސްވެފައި ވަނީ ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުންނެވެ.

މަޖިލީހުގައި އިދިކޮޅު ފަރާތްތަކުން ހުށަހަޅާ ކުއްލި މައްސަލަތަކާއި ގަރާރާ މެދު އެމްޑީޕީން ވިޕް ނެރެނީ އެ ގަރާރާއި ކުއްލި މައްސަލަތައް ބޭރު ކޮށްލުމަށެވެ. މި ފަހުން ނެރުނު ބައެއް މައްސަލަތަކުގައި ނަޝީދަށް ތާއީދު ކުރައްވާ ބައެއް މެމްބަރުން ވިޕާ ހިލާފަށް ވެސް ވޯޓު ދެއްވި އެވެ.