42 ކިލޯ ޑްރަގް ފެނުނު މ. ލަވްނެސްޓް އަަނެއްކާވެސް ފާސްކުރަނީ
42 ކިލޯ ޑްރަގް ފެނުނު މ. ލަވްނެސްޓް އަަނެއްކާވެސް ފާސްކުރަނީ

މ. ލަވްނެސްޓް ގޭގެ ތަޅުންގަނޑު އަޑީގައި ވަޅުލާފައި ހުއްޓައި ފުލުހުން ހޯދި 42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުން ކޯޓުން ދޫކޮށްލާފައިވަނިކޮށް އަނެއްކާ ވެސް އެ ގޭގައި ޑްރަގް އޮޕަރޭޝަނެއް ފުލުހުން ފަށައިފި އެވެ.

42 ކިލޯ ޑްރަގް ފެނުނު މ. ލަވްނެސްޓް އަަނެއްކާވެސް ފާސްކުރަނީ
42 ކިލޯ ޑްރަގް ފެނުނު މ. ލަވްނެސްޓް އަަނެއްކާވެސް ފާސްކުރަނީ

މިދިޔަ މާޗު މަހު ފުލުހުންގެ ޑްރަގް އެންފޯސްމަންޓް އެންޑް ކައުންޓާ ނާކޮޓިސް އިންޓެލިޖެންސުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރީ ޕީއެންސީގެ ކުރީގެ ކައުންސިލް މެމްބަރު އަހުމަދު ހުސެއިން އާއި އުމުރަށް ޖަލަށް ލާފައި ވަނިކޮށް ޕެރޯލްގެ ދަށުން ދޫކޮށްލި ފަހުން މަސްތުވާތަކެތި ޓްރެފިކިންގެ މައްސަލައެއްގައި ހައްޔަރުކުރި އަބްދުﷲ ނަޝީދު އެވެ.

ފުލުހުންގެ އަތުގައި ކޯޓު އަމުރެއް ނެތި އެ ގެއަށް ވަދެ ބަލައިފާސްކުރި މައްސަލައާ ގުޅިގެން މިމަހުގެ ދެވަނަ ދުވަހު އެ މީހުން ބަންދުން ދޫކޮށްލާފައިވަނިކޮށް ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ ފުލުހުން އެގޭ ބަލައި ފާސްކުރަމުން މިވަގުތު އެބަދާ ކަމަށެވެ. އެކަމަކު އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ނަމަވެސް އެނގިފައިވާ ގޮތުގައި އެ ގެ މިފަހަރު ވެސް ފާސްކުރަނީ ޑްރަގް ފޮރުވައިގެން ގެންގުޅޭ ކަމަށް ލިބުނު އާ މައުލުމާތަކާ ގުޅިގެންނެވެ.

ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ކުރިން ބުނެފައިވާ ގޮތުގައި އެ މައްސަލަ ތަހުގީގުކޮށް ދައުވާކުރަން ފޮނުވުމުން ދައުވާނުކުރަން ނިންމީ ތިން ސަބަބަކަށް ބެލުމަށް ފަހު އެވެ.

1- ލަވްނެސްޓްގެ ބަލައި ފާސްކުރުމަށް ކޯޓު އަމުރަކަށް އެދި ހުށަހެޅުމުގެ އެކަށީގެންވާ ވަގުތާއި ފުރުސަތު ލިބިފައި އޮއްވައި ވެސް ކޯޓު އަމުރަކާ ނުލައި ފާސްކުރުން.

- ގޭގެ ވެރިފަރާތަކީ ކާކުކަން އެނގެން އޮތްއިރު، އެ ގެ ބަލައި ފާސްކުރުމުގެ ހުއްދަ އެހެން މީހެއްގެ އަތުން ހޯދާފައިވާތީ ލަވްނެސްޓް ގެއަށް ފުލުހުން ވަދެ ބަލައި ފާސްކޮށްފައިވަނީ ގާނޫނު އަސާސީގެ 149 ވަނަ މާއްދާ އަދި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 47 ވަނަ މާއްދާއާ ހިލާފަށް

2- އެ މައްސަލައިގެ ސީންގައި ކަންވީ ގޮތާ މެދު ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަވެފައިވުން.

3- މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނާ ގުޅުން ހުރި ތަންތަން ބަލައި ފާސްކުރިއިރު އެ ތަންތަނުގައި ހުރި ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ ކަމަށް ފެންނަ ބައެއް ތަކެތި ތަހުގީގަށް ނަގައި، ތަހުލީލުކޮށްފައިވާކަން ޕީޖީ އޮފީހަށް ހުށަހެޅި ލިޔުންތަކުން އެނގެން ނެތުން.

ފުލުހުން ކޯޓުގައި ބުނެފައި ވަނީ އެ މައްސަލާގައި އެންމެ ބޮޑަށް ތުހުމަތުކުރެވެނީ އަހުމަދުއަށް ކަމަށާއި އޭނާ ވަނީ ފިލަންވެގެން ފޯނު ނަމްބަރު ވެސް ބަދަލުކޮށްފައި ކަމަށެވެ. ދެން އެ މައްސަލައިގައި ތުހުމަތުކުރެވޭ ނަޝީދުގެ އަތުން ގިނަ އަަދަދެއްގެ ފައިސާ އަދި އޭނާ މަސައްކަތްކުރާ އޮފީހުން މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކެއް ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ އޭނާގެ އެކައުންޓް ސްޓޭޓްމަންޓްތަކަށް ބަލާއިރު މައްސަލައާ ގުޅިގެން އޭނާއަށް ތުހުމަތުކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށެވެ.