13 ޖޫން 2022 - 15:58

ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތާ ގުޅިގެން އެމަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓަށް ހުށަހެޅުއްވި އިސްތިއުނާފް ބަލައިނުގަތުމަށް ނިންމައިފި އެވެ.
އާރަށް ކުއްޔަށް ދިނުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުރާ ދައުވާތަކާ ގުޅިގެން އެމަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފްކުރީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމެވެ.
ޔާމީންގެ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ކްރިމިނަލް ކޯޓުން ބަލައިނުގަތީ އެކަމަށް ދިން މުއްދަތު ހަމަވިއިރު ވެސް ހުށަނޭޅުމުންނެވެ. ދައުލަތުގެ ހުށަހެޅުންތައް ވެސް އެ ސަބަބާ ހެދި ކްރިމިނަލް ކޯޓުން ބަލައިނުގަތެވެ.
އެ މައްސަލަ އިސްތިއުނާފް ކުރަން އެމަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓަށް ހުށަހެޅުއްވީ މިދިޔަ ހަފުތާގަ އެވެ. އެ މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން ނިންމީ މިއަދެވެ.
އެ މައްސަލަ ހައި ކޯޓުގައި އޮތުމުން އާރަށް މައްސަލާގެ ޝަރީއަތް މަޑުޖައްސާލަން ޔާމީންގެ ވަކީލުން ކްރިމިނަލް ކޯޓުގައި އެދިވަޑައިގަތެވެ. އެކަމަކު ކްރިމިނަލް ކޯޓުން ނިންމީ ހައި ކޯޓުގެ އަމުރެއް ނެތީސް ޝަރީއަތް މަޑުނުޖެއްސޭނެ ކަމަށެވެ.