13 ޖޫން 2022 - 14:59

ރ. އުނގޫފާރުގައި ބޭއްވި ހަފްތާރެސް ޕްރޮގްރާމުގެ ތެރެއިން، ވަގުތަށް ނަމާދުކުރުމަކީ ހަރުކަށި ފިކުރުގެ ކަމެއް ކަމަށް ބުނެ ދައުރުވަމުންދާ ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް ޔޫތު މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ހަފްތާރެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާތާ ތިން އަހަރު ވެފައިވާއިރު، އެފަދަ އެއްވެސް ކަމެއް ހިނގާފައިނުވާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ. އަދި މިހާ ހިސާބަށް، އެއްވެސް ރަށަކުން އެފަދަ ޝަކުވާއެއް އައިސްފައި ނުވާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.
އުނގޫފާރުގައި ބޭއްވި ހަފްތާރެސް ޕްރޮގްރާމުގައި ކިޔައިދިން ހަރުކަށި ފިކުރަށް މަގުފަހިވާ ކަންތައްތަކުގެ ތެރޭގައި ސްކޫލު ވަގުތުގައި ނަމާދުކުރަން އިސްކަންދިނުން ހިމަނައިފައިވާ ކަމަށް މީޑިއާގައި އިއްޔެ އަޑު ފެތުރުނެވެ. އެކަމަކު، މިނިސްޓްރީން ބުނީ އެއީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ.
އެ ވާހަކަތަކާ އެކު ދައުރުވި ފޮޓޯގައި، ބޯޑުގައި ލިޔެފައި ހުރީ ހަރުކަށި ފިކުރަށް މަގުފަހިވާ ކަންކަމެވެ. އެހެން ނަމަވެސް، ޔޫތު މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެއީ ސެޝަންގައި ކިޔަވައިދިނުމުގެ ކުރިން ޑިސްކަޝަންއެއްގެ ތެރެއިން ނޯޓުކޮށްފައި ހުރި ޕޮއިންޓުތައް ކަމަށެވެ.
"ފުރަތަމަ ގުރޫޕުތައް ހަދައިފަ ޑިސްކަޝަނެއް ކުރިއަށް ދިޔައީ. [ފޮޓޯގައި އެ ފެންނަނީ] ހަރުކަށިކަން ކަމަށް ބައެއް މީހުން ދެކޭ ގޮތްތައް. ފަހުން ރަނގަޅު ގޮތް ވެސް ކިޔައިދީފައި ހުންނާނީ. އެއްވެސް ގޮތަކަށް ހަރުކަށި ފިކުރަށް ހިތްވަރުދޭ ކަމެއްގެ ގޮތުގައި ނަމާދުކުރުން ސިފައެއް ނުކުރޭ،" އޭނާ ވިދާޅުވި އެވެ.
މިިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވަނީ ހަފްތާރެސް ޕްރޮގްރާމުތަކަކީ އިސްލާމްދީނުގެ ރިވެތި އުސޫލުތަކާ ދިރިއުޅުމުގެ ރީތިއާދަތައް މުޖުތަމައުގައި އަށަގެންނެވުމަށް ހިންގާ ޕްރޮގްރާމެއް ކަމަށެވެ. އަދި އެފަދަ ރަނގަޅު މަގުސަދެއްގައި މުޖުތަމައަށް ފައިދާވާގޮތަށް ހިިންގާ ޕްރޮގްރާމުތަކުގެ އިތުބާރު ގެއްލޭފަދަ އަސްލެއް ނެތް ވާހަކަ ނުފެތުރުމަށް އިލްތިމާސްކޮށްފައި ވެއެވެ.