ދުވަސްވީ އެކަނިވެރިންނަށް ކައިވެނިކުރާނެ މީހުން ހޯދައިދެނީ
ދުވަސްވީ އެކަނިވެރިންނަށް ކައިވެނިކުރާނެ މީހުން ހޯދައިދެނީ

އުމުރުން ދުވަސްވީ އެކަނިވެރިންނަށް ކައިވެނިކުރާނެ މީހުން ހޯދައިދިނުމުގެ ކެމްޕޭނެއް އިންޑިއާގެ ޖަމިއްޔާއަކުން ފަށައިފި އެވެ. އެ ޖަމިއްޔާއިން ކޮށްދޭ ކަމަކީ ފިރި ނުވަތަ އަނބި މަރުވެ ނުވަތަ ވަކިވެ ދިއުމުގެ ސަބަބުން އެކަނިވެރި ދިރިއުޅުމެއް އުޅެމުންދާ މީހުންނާއި އެއްގޮތަކަށް ވެސް ކައިވެންޏެއް ނުކޮށް އުމުރުން ދުވަސްވެފައި ތިބޭ މީހުން ހޯދައި އެމީހުންގެ އުމުރާ ގުޅޭ ބައިވެރިޔަކު ހޯދައިދިނުމެވެ.

ދުވަސްވީ އެކަނިވެރިންނަށް ކައިވެނިކުރާނެ މީހުން ހޯދައިދެނީ
ދުވަސްވީ އެކަނިވެރިންނަށް ކައިވެނިކުރާނެ މީހުން ހޯދައިދެނީ

މިކަމުގައި އިސްނެގި ޖަމިއްޔާއިން ބުނެފައި ވަނީ ދުވަސްވީ މީހުންގެ ތެރޭގައި އެކަނިވެރިކަމުގެ ސަބަބުން ޑިޕްރެޝަންގެ ޝިކާރައަށް ވެފައިވާ މީހުން ވަރަށް ގިނަ ކަމަށާއި މިއީ އެކަމަށް ހައްލެއް ހޯދޭތޯ ފަށާ މަސައްކަތެއް ކަމަށެވެ.

"ސީނިއާ ސިޓިޒަން މެޓްރިމަނީ" ޕްރޮގްރާމް ލޯންޗުކޮށްފައި ވަނީ ކަލްކަތާ ސްޕޯޓްސް ޖާނަލިސްޓްސް ކްލަބުން މިދިޔަ ބުރާސްފަތި ދުވަހު އެވެ. މިއީ އަޖުމަ ބެލުމުގެ ގޮތުން ފެށި ޕްރޮގްރާމަކަށް ވާތީ އަދި ހަމަޖެހިފައި ވަނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށް މި ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށެވެ.

މި ޕްރޮގްރާމްގައި، ދުވަސްވީ އެކަނިވެރިންގެ މައުލޫމާތު އެއްކޮށް އެ މީހުންނާ ގުޅޭނެހެން ހީވާ މީހުންނާ ބައްދަލުކުރުވާނެ އެވެ.

މި އެންޖީއޯގެ ސެކްރެޓަރީ ޑރ. އަމިތަވާ ދޭވް ސަރްކާރް އަކީ ސައިކޮލޮޖިސްޓެވެ. ޕްރެސް ޓްރަސްޓް އޮފް އިންޑިއާ އަށް އޭނާ ވިދާޅުވެފައިވަނީ އެކަނިވެރިކަމުން އިންސާނާއަށް ޑިޕްރެޝަން އާއި ހިތްދަތިކަން އަދި ނަފްސާނީ ތަފާތު މައްސަލަތައް ދިމާވާ ކަމެކެވެ.

"މިއަންނަ އަހަރުގެ މިހާ ހިސާބާ ހަމައަށް އަހަރެމެން މި ޕްރޮގްރާމް ކުރިޔަށް ގެންދާނަން. މި ޕްރޮގްރާމަށް ލިބޭ ތަރުހީބަކަށް ބަލާފައި އިތުރަށް ކުރިޔަށް ގެންދާނީތޯ ނިންމާނީ،" ސަރްކާރް ވިދާޅުވެފައިވެ އެވެ.

މިއީ އިންޑިޔާގެ މުޖުތަމައުން ބަލައިގަންނާނެ ކަމެއްތޯ ބައެއް މީހުން ސުވާލު އުފައްދަ އެވެ. ޑރ. ސަރްކާރް ވިދާޅުވަނީ ހުވަފަތްވާ އަންހެނުންނާ ދޭތެރޭ މުޖުތަމައުން ދެކޭ ގޮތް ވަރަށް ގޯސް ކަމަށެވެ. އަދި މިފަދަ މީހުންގެ ދަރިން އެމީހުންގެ މަންމަ ނުވަތަ ބައްޕަ އެހެން ކައިވެންޏެއް ކުރުމަށް ގަބޫލު ނުވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ޑޮކްޓަރު ވެސް ގަބޫލު ކުރައްވަ އެވެ. ނަމަވެސް އެ ޖަމްއިއްޔާގެ ފަރާތުން މިފަދަ މީހުންގެ ދަރިންނަށް ކައުންސެލިން ސެޝަން ތަކެއް ބާއްވާނެ ކަމަށާއި އެކަމުގެ ސަބަބުން ކުދިންގެ ވިސްނުން ބަދަލު ކުރެވޭނެ ކަމަށް އުންމީދު ކުރެވޭ ކަމަށް ޑރ. ސަރްކާރް ވިދާޅުވި އެވެ.