އެކްސިޑެންޓުގައި އަނިޔާވި ހާޝިމްގެ ސާޖަރީއެއް ހަދައިފި، އޮތީ އައިސީޔޫގައި
އެކްސިޑެންޓުގައި އަނިޔާވި ހާޝިމްގެ ސާޖަރީއެއް ހަދައިފި، އޮތީ އައިސީޔޫގައި

މާލޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ހެރިޓޭޖް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު އަހުމަދު ހާޝިމް (ޓިންޓިން) ގެ ބޮލުގެ ސާޖަރީއެއް ހަދާފައިވާ ކަމަށާއި އޭނާ އަދިވެސް އޮތީ އައިސީޔޫގައި ކަމަށް އާއިލާ އިން ބުނެފި އެވެ.

ހދ. ވައިކަރަދޫ ކައުންސިލްގެ ކުރީގެ މެމްބަރު އަދި އެމްޑީޕީގެ ހަރަކާތްތަކުން ފެންނަ، ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ހާޝިމް އެކްސިޑެންޓުވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި ޓޯޔާޑް ކައިރިން މަގު ހުރަސްކުރަނިކޮށެވެ.

އެ އެކްސިޑެންޓުގައި ހާޝިމްގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވި އެވެ.

އޭނާގެ އާއިލާގެ މީހަކު "މިހާރު" އަށް މިއަދު ބުނީ ސިކުނޑިއަށް ލޭ އެޅިފައި ހުރުމުގެ ސަބަބުން އިއްޔެގެ ވަގުތެއްގައި ހާޝިމްގެ ބޮލުގެ ސާޖަރީއެއް ހަދާފައިވާ ކަމަށެވެ. އެކަމަކު އޭނާ މި ވަގުތު ވެސް އޮތީ އޭޑީކޭގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ކަމަށް އާއިލާ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

"މިއަދު އަދި ޑޮކްޓަރުން ނާންނާތީ ހާލު ސާފެއް ނުވޭ."

ހާޝިމް އެކްސިޑެންޓުވި ވަގުތު އެތަނުން ދިޔަ ޓްރީޓޮޕް ހޮސްޕިޓަލުގެ އެމްބިއުލާންސެއްގައި އޭނާ އެންމެ ފުރަތަމަ ގެންދިޔައީ އެ ހޮސްޕިޓަލަށެވެ. ޓެސްޓްތައް ހެދުނު ނަމަވެސް ސާޖަރީ ކުރެވެން ނެތިގެން އެރޭ ދަންވަރު އޭޑީކޭއަށް ބަދަލުކުރީ އެވެ.