13 ޖޫން 2022 - 12:57

މާލޭގައި މިދިޔަ މަހު ހިންގި މާރާމާރީއާ ގުޅިގެން ހޯދަން އިއުލާންކުރި ދެ މީހަކު، މަހެއް ފަހުން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވަނީ ޖަނަވަރީ މަގާއި މަޖީދީ މަގު ގުޅޭ ހިސާބުގައި މިދިޔަ މަހުގެ ދެ ވަނަ ދުވަހުގެ ހެނދުނު ހިންގި މާރާމާރީއާ ގުޅިގެން ދަފްތަރު ނަންބަރު 2260، މައުސޫމް މުހައްމަދު ދީދީ، 27، މިދިޔަ ހުކުރު ދުވަހުގެ ރޭ އަދި ސ. މަރަދޫ، ކޮރަލް އަހުމަދު ސާތިއު، 21، ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ.
ސާތިއުގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފަ އެވެ. މައުސޫމްގެ ބަންދަށް ދީފައިވަނީ 15 ދުވަހުގެ މުއްދަތެވެ.
އެ މައްސަލައާ ގުޅިގެން ހަތް މީހަކު ހޯދަން މިދިޔަ މަހު ފުލުހުން އިއުލާންކުރި އެވެ. އޭގެ ތެރެއިން ތިން މީހަކު މީގެ ކުރިން ވަނީ ހައްޔަރުކޮށްފަ އެވެ. އެހެންވެ، އެ މައްސަލައިގައި މިހާރު ހޯދަމުން ދަނީ ދެ މީހެކެވެ. އެއީ ގއ. މާމެންދޫ، ގްލޭނޫރަންމާގެ، އަހުމަދު ރަބީއު، 24، އަދި ސ. ހުޅުދޫ ނާދީ، މުނާދު ޖައުފަރު، 20، އެވެ.
ފުލުހުން ވަނީ އެ ދެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅައި ހިއްސާކުރުމަށް އެދިފަ އެވެ.
އެ މާރާމާރީއާ ގުޅިގެން ކުރިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ އެ މާރާމާރީ ހިންގީ ގްރޫޕެއްގެ ލީޑަރަކު މަގުމަތިން ހުއްޓުވުމުން އޭނާގެ ގަދަރަށް އަރައިގަތް ކަމުގެ ރުޅިވެރިކަމާ އެކު އިންޒާރުދީ ބަދަލު ހިފަން ކަމަށެވެ.