ސްކޫލުގައި ނަމާދުކުރުމަކީ ހަރުކަށި ފިކުރެއް ކަމުގައި ނުދެކެން: އެޑިއުކޭޝަން މިނިސްޓަރު
ސްކޫލުގައި ނަމާދުކުރުމަކީ ހަރުކަށި ފިކުރެއް ކަމުގައި ނުދެކެން: އެޑިއުކޭޝަން މިނިސްޓަރު

ސްކޫލުގައި ނަމާދު ކުރުމަކީ ދީނީ ހަރުކަށި ފިކުރުގެ އަމަލެއް ގޮތުގައި ދެކިވަޑައި ނުގަންނަވާ ކަމަށާއި ސްކޫލްތަކުން ނަމާދު ކުރަން ބާރުއަޅާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ސަރުކާރުން "ހަފްތާ ރެސް"ގެ ނަމުގައި ކުރިޔަށް ގެންދާ ވޯކްޝޮޕެއްގައި، ދަރިވަރުން ސްކޫލް ގަޑީ ނަމާދު ކުރަން ބޭނުންވުމަކީ ހަރުކަށި ފިކުރު ހުންނަ ކަމުގެ އަލާމާތެއް ކަމަށް ބުނެ މައްސަލައެއް މީޑިއާތަކުން ރިޕޯޓުކޮށްފައި ވަނިކޮށެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވަނީ އެ މައްސަލާގައި ސަރުކާރުން އަޅާ ފިޔަވަޅަކީ ކޮބައިތޯ ސުވާލުކުރައްވައިފަ އެވެ.

އައިޝަތު އަލީ ވިދާޅުވީ އެފަދަ ކަމެއް ހިނގި ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށާއި ނަމަވެސް ސްކޫލުތަކުގައި ހުންނާނީ ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައި ކަމަށެވެ. އަދި ނަމާދުކުރަން ސްކޫލްތަކުން ބާރު ވެސް އަޅާނެ ކަމަށާއި އެއީ ހަރުކަށި ކަމެއް ގޮތުގައި ނުބަލާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑިމެންގެ ކަރިކިއުލަމްގެ މައިގަނޑު އަސާސަކީ ޕްރެކްޓިސިން އިސްލާމް. ކަރިކިއުލަމް ތެރެއިން އިސްލާމް ދީނަށް އަމަލުކުރާ ދިވެހި ގައުމަށް ލޯބިކުރާ ހުނަހުރި ދަރިވަރެއް ބިނާ ކަންތައް ކުރަމުން މިދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުން ކުރިޔަށް ގެންދާ "ހަފްތާ ރެސް" ޕްރޮގްރާމަކީ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ޑިޕާޓްމަންޓާ ގުޅިގެން ކުރިޔަށް ގެންދާ ވޯކްޝޮޕެކެވެ.

އެ ވޯކްޝޮޕްގައި ހަރުކަށި ފިކުރާ ގުޅޭ ގޮތުން ދެއްކި ކަމަށް ބުނާ ބައެއް ވާހަކަތަކާ ގުޅިގެން އެކި ފަރާތްތަކުން އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.