ކައިވެނި ޕާޓީގައި ސަޔާއި ކޮފީ ވިއްކައިފި
ކައިވެނި ޕާޓީގައި ސަޔާއި ކޮފީ ވިއްކައިފި

އިންޑިއާގައި ބޭއްވި ކައިވެނި ހަފުލާ އަކަށް ގޮސް އެތަނުން ސައި ބުއިމުން ފައިސާ ދައްކަން ޖެހުނު ކަމަށް ބުނެ އިނގިރޭސި ވިލާތުގެ އަންހެނަކު ޝަކުވާކޮށްފި އެވެ.

"މަމްސްނެޓް" ގައި މި ވާހަކަ ދެއްކި މީހާ ބުނެފައި ވަނީ އިންޑިއާގައި އެކުވެރިއެއްގެ ކައިވެނި ޕާޓީއަކަށް ދާން ލިބުނު ދައުވަތުގައި އެތަނަށް ގޮސް ސައި ތައްޓެއް ބުއިމުން 208 ރުޕީސް ދައްކަން ޖެހުނު ކަމަށެވެ. މިއީ އިންޑިއާގައި ބާއްވާ ކައިވެނީގެ ހަފުލާތަކުގައި ކޮށް އުޅޭ ކަމެއްތޯ ނުވަތަ އާދަޔާ ޚިލާފު ކަމެއްތޯ، މިކަން ދިމާވި ކަމަށް ބުނާ އަންހެން މިހާ ސޯޝަލް މީޑިއާގައި ސުުވާލުކޮށްފައިވެ އެވެ.

މިފަދަ ކަމެއް އެއްވެސް މީހަކަށް ދިމާވިތޯ ސުވާލުކުރި މީހާ ބުނެފައި ވަނީ އެއީ ވަރަށް އާދައިގެ ޕާޓީއެއް ކަމަށާއި ސައި ތައްޓަކަށް އަގު ނެގިޔަސް ނަގާފައި ވަނީ އެކަށީގެންވާ ވަރަށް ވުރެ ވެސް ބޮޑު އަދަދެއް ކަމަށެވެ. މި ވާހަކަޔާ އެކު އޭނާ ވަނީ ޕާޓީގައި ބަހައްޓާފައި ހުރި އިސްތިހާރެއްގެ ފޮޓޯއެއް ވެސް އާންމުކޮށްފަ އެވެ. އެ ފޮޓޯއިން އެނގޭ ގޮތުގައި ޕާޓީގައި ހޮޓް ޗޮކެލެޓް ބާއެއް ހުއްޓެވެ. އެތަނުން ހޮޓް ޗޮކެލެޓާއި ސައި އަދި ކޮފީ ލިބެން ހުއްޓެވެ. އަގަކީ 2.5 ޕައުންޑެވެ.

ދައުވަތަށް ޕާޓީ އަށް ދާ މީހުން އެތަނުން ކައި ތަކެއްޗަށް ފައިސާ ނެގުމަކީ ހުތުރު ކަމެއްގެ ގޮތުގައި، މިކަމާ ބެހޭ ގޮތުން ވާހަކަ ދެއްކި ބައެއް މީހުން ބުނެފައިވެ އެވެ. ނަމަވެސް ބައެއް މީހުން ބުނެފައި ވަނީ މިކަން ދިމާވި އަންހެން މީހާ މިކަން މާބޮޑު ކޮށްލައިގެން އުޅެނީ ކަމަށެވެ. ވަކި އެއްޗަކަށް ފައިސާ ދައްކަން ޖެހޭ ގޮތަށް، އަދި ފައިސާ ނަގާނެކަން ވެސް ސާފުކޮށް ބުނެފައި ވަނިކޮށް އެ ނެގުމަށް ފަހު އަގު ބޮޑުވެގެން ޝަކުވާކުރުން މާ ހުތުރު ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.

އަނެއް ބަޔަކު ބުނެފައި ވަނީ ފައިސާ ނެގުމަކީ ކައިވެނިކުރި މީހުންގެ މައްސަލައެއް ކަމަށް ނުވެދާނެ ކަމަށާއި އެއީ ޕާޓީގެ އިންތިޒާމްތަކާ ހަވާލުވި ބަޔަކު އަމިއްލަ ގޮތުން ކުރި ކަމަކަށް ވެސް ވެދާނެ ކަމަށެވެ.