29 ޑިސެމްބަރ 2016 - 11:31

ލަންޑަން (ޑިސެމްބަރު 29) - ބެންފީކާ އަށް ކުޅެމުން އަންނަ ސްވިޑަންގެ އުއްމީދީ ޑިފެންޑަރު ވިކްޓަ ލިންދެލޯފަށް މެންޗެސްޓާ ޔުނައިޓެޑުން ބިޑް ނުކުރާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފާއިތުވި ދުވަސްތަކުގައި ސްކައި ސްޕޯޓްސް އިން ރިޕޯޓްކުރި ގޮތުގައި ޔުނައިޓެޑުން ވަނީ ލިންދެލޯފް ގެނައުމަށްޓަކައި އޭނާ ކުޅެމުން އަންނަ ޕޯޗުގަލްގެ ބެންފީކާގެ ރައީސް ލުއިސް ފިލިޕް ވިއެއިރާއާ އެކު މަޝްވަރާތައްކޮށް އޭނާ އަށް 28 މިލިއަން ޕައުންޑްގެ ބިޑެއް ކޮށްފަ އެވެ.
ނަމަވެސް ޕޯޗުގަލްގެ މީޑިއާ ތަކާ ހަވާލާދީ ބީބީސީން ރިޕޯޓްކުރި ގޮތުގައި ލިންދެލޯފަށް ޔުނައިޓެޑުން އަދި ބިޑެއް ނުކުރެ އެވެ. ފާއިތުވި މެޗުތަކުގައި ޔުނައިޓެޑްގެ ފަހަތުގައި މާކޮސް ރޯހޯ އާއި ފިލް ޖޯންސް ދެއްކި މޮޅު ކުޅުމުގެ ސަބަބުން ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ވަނީ އަންނަ މަހުގެ ޓްރާންސްފާ މާކެޓްގައި އިތުރު ޑިފެންޑަރަކު ނުގެންނަން ނިންމައިފަ އެވެ.
ލިންދެލޯފަށް މީގެ ކުރިން އިޓަލީގެ ވަރުގަދަ ކްލަބްތަކުން ފާރަލި އެވެ. ނަމަވެސް ޔުނައިޓެޑުން އެނާ ގެންނަން ވާހަކަ ދައްކަން ފެށުމުން އެ ކްލަބްތަކުން ފަހަތަށް ޖެހުނެވެ. ޔުނައިޓެޑުން ލިންދެލޯފަށް ބިޑް ނުކުރާނެ ކަމަށް ބެލެވުމުން އިޓަލީގެ ކްލަބްތަކުން ވަނީ އޭނާ ހޯދަން މަސައްކަތް ފަށައިފަ އެވެ.
އުމުރުން 22 އަހަރުގެ ލިންދެލޯފް ހޯދަން ޝައުގުވެރިކަން ފާޅުކޮށްފައިވާ އިޓަލީގެ ކްލަބްތަކުގެ ތެރޭގައި އިންޓަ އާއި ނަޕޯލީ، މިލާން އަދި ޔުވެންޓަސް ހިމެނެ އެވެ.
ބެންފީކާއާ 2012 ވަނަ އަހަރު ގުޅި އެ ޓީމުގެ މުހިއްމު ކުޅުންތެރިޔަކަށް ލިންދެލޯފް ވެފައިވާއިރު އޭނާ ވަނީ މި އަހަރުގެ ޔޫރޯގައި ސްވިޑަން ގައުމީ ޓީމަށް ތިން މެޗު ކުޅެދީފަ އެވެ.