30 ޑިސެމްބަރ 2016 - 06:31

ޝާހްރުކް ޚާނާއި އާމިރު ޚާން ފިޔަވައި ބޮލީވުޑްގެ ނަން މަޝްހޫރު ހުރިހާ އެކްޓަރުން ސަލްމާން ޚާންގެ 51 ވަނަ އުފަން ދުވަހުގެ ޕާޓީގައި ބައިވެރިވި އެވެ.

ސަލްމާންގެ ޕާންވެލް ފާމްހައުސްގައި ޑިސެމްބަރު 27 ވަނަ ދުވަހު ބޭއްވި މި ޕާޓީގައި "ބީން ހިއުމަން" ޖަހާފައިވާ ވަރަށް ބޮޑު ކޭކެއް ސަލްމާން ވަނީ ފަޅާފަ އެވެ. މި ކޭކު ފެޅުމުގައި ބައިވެރިވި ސަލްމާންގެ ގާތް މީހުންގެ ތެރޭގައި އޭނާގެ ކޮއްކޮ އަރްޕިތާގެ އެއް އަހަރުގެ ދަރިފުޅު އާހިލް އާއި އެއްބަނޑު އެއްބަފާ ކޮއްކޮއިން އަދި ކުރީގެ ލޯބިވެރިޔާ ސަންގީތާ ބިޖިލާނީ އާއި މިހާރުގެ ލޯބިވެރިޔާ އޫލިއާ ވައްތޫރު ހިމެނުނެވެ.
ޕާޓީ އަށް ދިޔަ ކޮންމެ މީހަކަށް، ސަލްމާންގެ "ބީން ހިއުމަން" ފައުންޑޭޝަނުން ދާދިފަހުން ލޯންޗުކުރި ޖުވެލަރީ ކަލެކްޝަންގެ ތެރޭގައި ހިމެނޭ ރަން ފަށްތަކުގެ ފަށެއް ސަލްމާން ހަދިޔާކުރި އެވެ.
މި ޕާޓީއަށް ދިޔަ ފިލްމީ ތަރި ބިޕާޝާ ބާސޫ ވަނީ ސަލްމާނާ އެކު އެ ޕާޓީގައި ނަގާފައިވާ ފޮޓޯއެއް ޓުވީޓްކޮށްފަ އެވެ. އަދި ބިޕާޝާ ވަނީ ސަލްމާންގެ "ރީތި ހަދިޔާ" ވެސް އެންމެންނަށް ދައްކާލާފަ އެވެ.
"ސަލްމާނަށް އުފާވެރި އުފަން ދުވަހަކަށް އެދެން. ބީން ހިއުމަން ޖުވެލަރީގެ ރީތި ހަދިޔާއަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. ސަލްމާންގެ އުފަން ދުވަހުވެސް ހަދިޔާ ލިބުނީ އަހަންނަށް. އަބަދުވެސް އުފަލުގައި ހުރޭ،" ބިޕާޝާގެ ޓުވީޓްގައި ބުނެފައި ވެއެވެ.
ސަލްމާން މެހެމާންދާރީ އަދާކުރީ ޕާޓީގައި ބައިވެރިވި މީހުންނަށް އެކަންޏެއް ނޫނެވެ. އޭނާގެ ފާމް ހައުސްގެ ބޭރުގައި ވެސް 2000 ވަރަކަށް މީހުންނަށް ކެއުން ތައްޔާރުކޮށްފައި ހުއްޓެވެ. އެއީ އޭނާއަށް ތަހުނިޔާ ކިޔަން ދިޔަ އާންމުންނަށް ޚާއްސަކުރި ކެއުމެކެވެ.