12 ޖޫން 2022 - 23:54

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ޕީޕީއެމުން ހިންގާ ކެމްޕޭނުގެ "އިންޑިއާ އައުޓް" ސްލޯގަން ތިން ވަޒީރެއްގެ ކާރުކޮޅުގައި ސްޕްރޭކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.
ގްރީން ޒޯނުގައި ހުންނަ ވެލާނާގޭގެ ޕާކިން ޒޯނުގައި ޕާކުކޮށްފައި އޮއްވައި ތިން ކާރަށް ސްޕްރޭކޮށް ގެއްލުން ދިން މައްސަލާގައި މީހަކު ހައްޔަރުކުރީ މިރޭ ކަމަށް ވަނީ އެނގިފަ އެވެ.
ވެލާނާގެއަކީ ގްރީން ޒޯނުގައި ހުންނަ ތަނަކަށް ވިޔަސް އެތަނުގެ ސެކިއުރިޓީ ބަލަހައްޓަނީ ވަރަށް އާދައިގެ ގޮތަކަށް، އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްގެން ކަމަށް ވަނީ އެނގިފަ އެވެ.
ސޯޝަލް މީޑިއާގައި އާއްމުވި ފޮޓޯތަކުން ފެންނަ ގޮތުގައި، ވަޒީރުންގެ ކާރުކޮޅުތަކުގެ ކުރީގައި ވަނީ ނޫ ކުލައިގެ ސްޕްރޭއިން އިންޑިއާ އައުޓް ޖަަހައިފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު"އަށް ވިދާޅުވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީގެ އިތުރުން ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަންގެ ކާރުކޮޅަށް ގެއްލުން ދީފައިވާ ކަމަށެވެ. މި މައްސަލަ ރިޕޯޓްކުރީ މިއަދު ހެނދުނު 7:30 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ކުރިމަތީގައި އޮންނަ ޕާކިން ޒޯނުގައި ޕާކުކޮށްފައި އޮތް ކާރަކަށް ވެސް ރޭ ވަނީ ގެއްލުން ދީފަ އެވެ. ހަތަރު ކާރަށް ގެއްލުން ދީފައިވާ ކަމަށް ބުންޏަސް ތަފްސީލެއް ފުލުހުން ނުދެ އެވެ.
މާލެ އާއި އަތޮޅުތަކުގައި އިންޑިއާ އައުޓް ހަރަކާތް ޕީޕީއެމާއި ޕީއެންސީން ހިންގަނީ އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވަ އެވެ. އެ މަނިކުފާނު ވިދާޅުވާ ގޮތުގައި ގައުމީ ސަލާމަތަށް ނުރައްކާވާ ދަރަޖައަށް ރާއްޖޭގައި އިންޑިއާ ސިފައިން ތިބެ މިނިވަންކަން އެ މީހުންގެ އަތްމައްޗަށް ދޫވާ ކަންކަން މި ސަރުކާރުން ދަނީ ކުރަމުންނެވެ.
މި ތުހުމަތު ދޮގުކުރަމުން، ސަރުކާރުން ބުނަނީ ރާއްޖޭގައި ޔާމީންގެ ވެރިކަމުގައި ނުކުރާ ކަމެއް އިންޑިއާ ސިފައިންގެ ބައިވެރިވުމާ އެކު ނުކުރާ ކަމަށާއި މިނިވަންކަމަށް ބުރޫއަރާ ފަދަ އެއްވެސް ކަމެއް ހިނގަން ފުރުސަތު ނުދޭނެ ކަމަށެވެ. އަދި އިންޑިއާއާ ދެކޮޅު ކެމްޕޭނުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ކަންތައް ގޮސްފައިވާ ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައަޅައި އެކަން ހުއްޓުވަން ރައީސްގެ ގަރާރެއް ވެސް ވަނީ ނެރުއްވައިފަ އެވެ.
އެކަމަކު އެ ގަރާރަކީ ގާނޫނުއަސާސީން ލިބިދޭ ހިޔާލު ފާޅުކުރުމުގެ ހައްގުތަކަކަށް ހުރަސްއަޅާ، ބާތިލް އެއްޗެއް ކަމަށް އިދިކޮޅުން ވަނީ ބުނެފަ އެވެ.