ތިން ވަޒީރެއްގެ ކާރުގައި "އިންޑިއާ އައުޓް" ޖަހައިފި
ތިން ވަޒީރެއްގެ ކާރުގައި "އިންޑިއާ އައުޓް" ޖަހައިފި

އިދިކޮޅު ޕީޕީއެމުން ހިންގާ ކެމްޕޭނުގައި ބޭނުންކުރާ ސްލޯގަން، "އިންޑިއާ އައުޓް"، ތިން ވަޒީރެއްގެ ކާރުކޮޅުގައި ސްޕްރޭކުރި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

އެނގިފައިވާ ގޮތުގައި ވަޒީރުންގެ ކާރުކޮޅުތަކުގައި އިންޑިއާ އައުޓް ސްޕްރޭކުރީ ވެލާނާގޭގެ ޕާކިން ޒޯނުގައި ޕާކުކޮށްފައި އޮއްވަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު"އަށް ވިދާޅުވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީގެ އިތުރުން ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަންގެ ކާރުކޮޅަށް ގެއްލުން ދީފައިވާ ކަމަށެވެ. މި މައްސަލަ ރިޕޯޓްކުރީ މިއަދު ހެނދުނު 7:30 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ކުރިމަތީގައި އޮންނަ ޕާކިން ޒޯނުގައި ޕާކުކޮށްފައި އޮތް ކާރަކަށް ވެސް ރޭ ވަނީ ގެއްލުން ދީފަ އެވެ. ހަތަރު ކާރަށް ގެއްލުން ދީފައިވާ ކަމަށް ބުންޏަސް ތަފްސީލެއް ފުލުހުން ނުދެ އެވެ.

ސޯޝަލް މީޑިއާގައި އާއްމުވި ފޮޓޯތަކުން ފެންނަ ގޮތުގައި، ވަޒީރުންގެ ކާރުކޮޅުތަކުގެ ކުރީގައި ވަނީ ނޫ ކުލައިގެ ސްޕްރޭއިން އިންޑިއާ އައުޓް ޖަަހައިފަ އެވެ. ވެލާނާގެ އާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ ހުންނަ ސަރަހައްދަކީ ހައި ސެކިއުރިޓީ ޒޯނެކެވެ. ގިނަ އަދަދެއްގެ ސީސީޓީވީ ކެމެރާ ހުރެ އެވެ.

އެކަމަކު މިހާތަނަށް ސްޕްރޭ ކުރި މީހަކު ދެނެގަނެވުނު ކަމަކަށް ފުލުހުން ނުބުނެ އެވެ.

މާލެ އާއި އަތޮޅުތަކުގައި އިންޑިއާ އައުޓް ހަރަކާތް ޕީޕީއެމާއި ޕީއެންސީން ހިންގަނީ އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވަ އެވެ. އެމަނިކުފާނު ވިދާޅުވާ ގޮތުގައި ގައުމީ ސަލާމަތަށް ނުރައްކާވާ ދަރަޖައަށް ރާއްޖޭގައި އިންޑިއާ ސިފައިން ތިބެ މިނިވަންކަން އެ މީހުންގެ އަތްމައްޗަށް ދޫވާ ކަންކަން މި ސަރުކާރުން ދަނީ ކުރަމުންނެވެ.

މި ތުހުމަތު ދޮގުކުރަމުން، ސަރުކާރުން ބުނެފައި ވަނީ ރާއްޖޭގައި މިހާރު ވެސް ތިބީ ޔާމީންގެ ވެރިކަމުގައި ގެނައި އިންޑިއާ ސިފައިން ކަމަށެވެ. މިނިވަންކަމަށް ބުރޫއަރާ ފަދަ އެއްވެސް ކަމެއް ހިނގަން ފުރުސަތު ނުދޭނެ ކަމަށް ތަކުރާރުކޮށް ބުނުމަށް ފަހު އިންޑިއާ އައުޓް ހަރަކާތް ހުއްޓުވަން ސަރުކާރުން ދަނީ ފިޔަވަޅުތަކެއް ވެސް އަޅަމުންނެވެ.

އިދިކޮޅުން ކުރާ އިންޑިއާ އައުޓް ކެމްޕޭނަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން މިދިޔަ އޭޕްރީލް މަހު ވަނީ ކަނޑައަޅައިފަ އެވެ.

އެކަމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރުގައި ވިދާޅުވެފައި ވަނީ އިންޑިއާއާ މެދު ނަފްރަތު އުފައްދަން ހިންގާ އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ހަރަކާތެއްކަން ސާފުކޮށް އެނގޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮތް އަމާންކަމާއި ދާހިލީ ހަމަޖެހުން ނަގާލައި، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ވެސް ގެއްލުވައިލާ ކަމަށް ވިދާޅުވެފައިވެ އެވެ.

އެކަމަކު ގަރާރަކީ ގާނޫނުއަސާސީން ލިބިދޭ ހައްގުތަކަކަށް ހުރަސްއަޅާ، ބާތިލް އެއްޗެއް ކަމަށް އިދިކޮޅުން ވަނީ ބުނެފަ އެވެ.