12 ޖޫން 2022 - 18:46

މުޅި ރާއްޖެ ހައި ސްޕީޑް ލޯންޗުން ގުޅާލާ ޓްރާންސްޕޯޓް ލިންކާއެކު ރަށްތައް ގުޅި އިގްތިސޯދު ކުރިއަރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ނިޒާމާ އެކު އިޖުތިމާއީ އަދި އިގްތިސޯދީ އެކަހެރިކަން ފިލައި، ހުރިހާ ރަށެއްގެ އިގްތިސޯދު ގައުމީ އިގްތިސޯދާ ލާމެހި ތަނަވަސްވެގެން އަންނާނެ ކަމަށެވެ.
މުޅި ރާއްޖެ ހައި ސްޕީޑް ލޯންޗުން ގުޅުވައިދޭ "ރާއްޖެ ޓްރާންސްޕޯޓު ލިންކް" (އާރުޓީއެލް) މިއަދު ފެށީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ދަތުރުތައް ފަށާފައިވަނީ ފޭސް އެކެއްގައި ހިމެނޭ ހދ. އަތޮޅުންނެވެ.
"މިއީ އަޅުގަނޑުމެން އެދޭ ލާމަރުކަޒީ ތަރައްގީގެ މައިބަދަ،" ރައީސް ވިދާޅުވި އެވެ.
އެ މަޝްރޫއަށް 800 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ހަރަދެއް ހިނގާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
އާރުޓީއެލްގެ ޕެސެންޖާ ފެރީ ގުޅާލާނީ ތިން ގޮތަކަށެވެ. އެއީ ކޮމިއުޓް ލިންކާއި ނަން-ކޮމިއުޓް ލިންކް އަދި ހައިވޭ ލިންކެވެ.
ކޮމިއުޓް ލިންކަކީ ކައިރި ރަށްތައް ގުޅުވައިދޭ ކުރު ދަތުރުތަކަށް ހާއްސަކޮށްފައިވާ ނިޒާމެވެ. އެއީ އާއްމުކޮށް ކުރަންޖެހޭ މަސައްކަތްތައް ނުވަތަ ޒަރޫރީ ބޭނުންތަކަށް ކުރާ ދަތުރެވެ. އަދި އެ ދުވަހު ހިދުމަތް ހޯދުމަށް ފަހު އެނބުރި ރަށަށް އައުމަށް މަގުފަހިވާނެ އެވެ. ނަން-ކޮމިއުޓް ލިންކަކީ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ މަގެވެ. އެ ދަތުރުތައް ދިގުވެފައި ދުރު ރަށްތަކަށް ދެވޭނެ އެވެ. އެ ލިންކުގައި ހިމެނޭ ރަށްތަކުގައި އެއާޕޯޓު އަދި ވިޔަފާރި ހަބްތައް ހިމެނޭނެ އެވެ. އެއީ ކޮންމެ ދުވަހަކު ދަތުރުކުރަން ނުޖެހި، ޒޯންގައި ހިމެނޭ ރަށްތަކުން ފަސޭހައިން ހިދުމަތް ހޯދޭނެ މަގެކެވެ. ހައިވޭ ލިންކަކީ އެއް ރީޖަންގެ ދަތުރުފަތުރުގެ ހަބާ، އަނެއް ރީޖަންގެ ދަތުރުފަތުރުގެ ހަބް ގުޅުވައިދޭ ލިންކެވެ.
ދެ ވަނަ ޒޯނުގައި ނ، ރ، ބ، އަދި ޅ އަތޮޅެވެ. ތިން ވަނަ ޒޯނުގައި ކ، އއ، އދ، އަދި ވ. އަތޮޅެވެ. ހަތަރު ވަނަ ޒޯނުގައި މ، ފ، ދ، ތ، އަދި ލ އަތޮޅެވެ، ފަސް ވަނަ ޒޯނުގައި ގއ، ގދ އަތޮޅު އަދި ހަ ވަނަ ޒޯނުގައި ފުވައްމުލަކާއި އައްޑު އެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ ތިން އަހަރުން ދަށުގެ ކުޑަކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެ ލޯންޗުގައި ހިލޭ ދަތުރުކުރެވޭނެ ކަމަށެވެ. އަދި އާރްޓީއެލްގެ މޮބައިލް އެޕްލިކޭޝަނުން ދަތުރާ ގުޅޭ އިތުރު ތަފްސީލް ލިބޭނެ ކަމަށެވެ.