12 ޖޫން 2022 - 16:36

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި މާބްލް ޝީޓްތަކެއްގެ ތެރޭގައި މިއަދު ތާށިވި ބިދޭސީންގެ ތެރެއިން އެކަކު މަރުވެއްޖެ އެވެ.
ފުލުހުން މިކަން ކަށަވަރުކޮށްދެ އެވެ. އަނިޔާވި އެހެން ބިދޭސީއަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
ފުލުހުން ބުނީ ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ ޑިންގީ ޖެޓީ ސަރަހައްދުގައި ކޮންޓެއިނަރަކުން މާބްލް ޝީޓުތަކެއް ހުސްކުރަން އުޅުމުގެ ތެރޭގައި ބިދޭސީންތަކެއް ތާށިވެފައިވާ ކަމަށެވެ. އެތަނުން އެކަކު މަރުވެފައިވާ އިރު އަނިޔާވެގެން ހޮސްޕިޓަލުގައި އެކަކަށް ފަރުވާދެމުން އަންނަ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ސީރިއަސް ޒަހަމްތަކެއް ލިބި އޭނާއަށް ފަރުވާދެމުން އަންނަނީ އައިސީޔޫގަ އެވެ.
ބިދޭސީން ތާށިވީ ރިސޯޓަކަށް ގެންދަން އުޅުނު މާބްލްތަކެއްގެ ތެރޭގައި ކަަމަށް ވެ އެވެ. ދެ ފަރާތުގައި ބަހައްޓާފައިވާ ޝީޓްތަކުގެ ދެމެދަށް ވަދެވި ތާށިވީ ކަމަށް މައުލޫމާތު އެނގޭ މީހަކު ބުންޏެވެ. ދެ މީހުން އެތަނުން ނެރުނީ އެކްސްކަވޭޓަރު ބޭނުންކޮށްގެންނެވެ.
މި ހާދިސާ ހިނގި ގޮތް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.