މާޒިޔާގެ ފުރަތަމަ ބިދޭސީ ކޯޗަކަށް ސެކުލޮސްކީ ހަމަޖައްސައިފި
މާޒިޔާގެ ފުރަތަމަ ބިދޭސީ ކޯޗަކަށް ސެކުލޮސްކީ ހަމަޖައްސައިފި

މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަނުގެ ތާރީހުގައި އެ ޓީމުގެ ކޯޗަކަށް ފުރަތަމަ ފަހަރަށް ގެންނަ ބިދޭސީ ކޯޗަކަށް، މެސެޑޯނިއާގެ މަރްޔަން ސެކުލޮސްކީ ހަމަޖައްސައިފި އެވެ.

މި އަހަރުގެ އޭއެފްސީ ކަޕުގައި މާޒިޔާއާ ވާދަކުރި މިޔަންމާގެ ޔަންގޮން ޔުނައިޓެޑަށް ކޯޗުކޮށްދިން ސެކުލޮސްކީއާ އެކު މާޒިޔާ އިން އެއްބަސްވުމަކަށް އައިސްފައިވާއިރު އެ ޓީމާ ހަވާލުވާން އޭނާ އަންނަ މަހުގެ 5 ވަނަ ދުވަހު ރާއްޖެ އަންނާނެ އެވެ.

މާޒިޔާ އިން 2006 ވަނަ އަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށި ފަހުން މިހާތަނަށް ކޯޗުކޮށްދީފައިވަނީ ދިވެހި ދެ ކޯޗުން ކަމަށްވާ އިސްމާއިލް މަހަފޫޒް (އިންމަ) އާއި އަލީ ސުޒޭނެވެ. މީގެ ތެރެއިން ސުޒޭން މި ސީޒަނަށް ފަހު އިސްތިއުފާ ދިން ހިސާބުން މާޒިޔާގެ ބޯޑުން ވަނީ ބިދޭސީ ކޯޗެއް ގެންނަން ނިންމައިފަ އެވެ.

"އަޅުގަނޑުމެންގެ ޓޮޕް މެނޭޖްމަންޓުން ނިންމީ މި ފަހަރު ބޭރުގެ ކޯޗެއް ގެންނަން. އަޅުގަނޑުމެން މިހާތަނަށް ވެސް ދިވެހި ކޯޗުންނާ އެކު ހުސް މަސައްކަތްކުރީ. އެކަމަކު ބަދަލެއް ގެނައުމުގެ ގޮތުން ބޭރު ކޯޗަކު ގެންނަން ބޯޑުން ނިންމީ،" މާޒިޔާގެ ސީއީއޯ ހުސެއިން ޝާފިއު (ކޮއްކީ) ވިދާޅުވި އެވެ.

ޝާފިއު ވިދާޅުވީ އެ ކްލަބުން ބިދޭސީ ތިން ކޯޗުންނަށް ބެލި ކަމަށާއި ސެކުލޮސްކީ ގެންނަން ނިންމީ އޭނާ އަށް އޭޝިއާގެ ފުޓްބޯޅަ އެނގޭތީ އާއި އޭއެފްސީ ކަޕުގައި ކޯޗުކޮށްދީ އަދި ދިވެހި ފުޓްބޯޅައިގެ ވެސް ފެންވަރު އެނގޭނެތީ ކަމަށެވެ.

ސެކުލޮސްކީގެ ކޯޗުކަމުގެ ދަށުން ޔަންގޮން ޔުނައިޓެޑުން މި އަހަރުގެ އޭއެފްސީ ކަޕުގައި މާޒިޔާއާ ދެކޮޅަށް ކުޅުނުއިރު މިދިޔަ ސީޒަނުގައި އޭނާ ކޯޗުކޮށްދިން މިޔަންމާގެ އަޔެޔަވާދީ ޔުނައިޓެޑް ވަނީ ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅެފަ އެވެ. އޭގެ ކުރިން 2013 ވަނަ އަހަރުގެ މުބާރާތުގައި މާޒިޔާއާ ދެކޮޅަށް، ސެކުލޮސްކީގެ އަޔެޔަވާދީ ނުކުތެވެ. ރާއްޖޭގެ ޓީމުތަކާ ދެކޮޅަށް ސެކުލޮސްކީ ވަނީ ހަ މެޗުގައި ކޯޗުކޮށްދީފަ އެވެ.

"މި ހަތަރު އަހަރަށް ބަލާއިރު ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިން ކުޅެފައި ތިބި ދެ ޓީމާ ދެކޮޅަށް އޭނާ މިވަނީ އޭއެފްސީ ކަޕުގައި ކޯޗުކޮށްދީފައި. އެހެންކަމުން އޭނާ އަށް ދިވެހި ފުޓްބޯޅަ އެނގޭނެ. އަދި މިދިޔަ ހަތަރު އަހަރު އޭއެފްސީ ކަޕުގައި ކޯޗުކޮށްދީފައިވުމުން އޭޝިއާގެ ފުޓްބޯޅަ އާއި ކްލަބް ލެވެލް ވަރަށް ބޮޑަށް އެނގޭނެ. އެހެންވެ އޭނާ ގެންނަން ނިންމީ،" ޝާފިއު ވިދާޅުވި އެވެ.

އުމުރުން 43 އަހަރުގެ ސެކުލޮސްކީ މިދިޔަ ފަސް އަހަރު ކޯޗުކޮށްދިނީ އޭޝިއާގަ އެވެ. އެގޮތުން އޭނާ ވަނީ މިދިޔަ އަހަރު މިޔަންމާގެ ގައުމީ މުބާރާތާއި ސުޕަ ކަޕް އަޔެޔަވާދީ އަށް ކާމިޔާބުކޮށްދީ އެ ޓީމު އޭއެފްސީ ކަޕުގެ ކުއާޓާ ފައިނަލަށް ގެންގޮސްދީފަ އެވެ.

މެސެޑޯނިއާގެ ބައެއް ޔޫތު ޓީމުތަކާއި ފުރަތަމަ ޑިވިޝަނުގެ ޓީމުތަކަށް ކާމިޔާބީ ހޯދައިދީފައިވާއިރު އޭނާ ވަނީ 2012 ވަނަ އަހަރު އެ ގައުމުގެ ޕެލިސްޓާ އަށް ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދައިދީފަ އެވެ. ސެކުލޮސްކީ ވަނީ 2014 ވަނަ އަހަރު މެސެޑޯނިއާ ފުޓްބޯޅަ ފެޑެރޭޝަނުން ހޮވި ބޭރު ގައުމުތަކުގައި މަސައްކަތްކުރާ މެސެޑޯނިއާގެ އެންމެ މޮޅު ކޯޗުގެ އެވޯޑް ހޯދައިފަ އެވެ.

މި އަހަރުގެ ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކުރި މާޒިޔާ އިން މިހާތަނަށް އެއްވެސް ކުޅުންތެރިޔެއްގެ ސޮއި ހޯދާފައި ނުވެ އެވެ. އެކަމަކު އެ ޓީމުގެ މެޖޯރިޓީ ކުޅުންތެރިން ވަނީ ކްލަބުގައި މަޑުކޮށްފަ އެވެ. ކްލަބް ދޫކޮށް ގޮސްފައިވަނީ ގޯލްކީޕަރު އިމްރާން މުހައްމަދާއި އަހުމަދު ނަޝީދު (ނައްޓޭ) އެވެ.