ސަލްމާންގެ ފިލްމުން ޝްވެތާގެ ދަރިފުޅު ޕަލަކް ފެންނާނެ
ސަލްމާންގެ ފިލްމުން ޝްވެތާގެ ދަރިފުޅު ޕަލަކް ފެންނާނެ

ބޮލީވުޑްގެ ފިލްމު "ކަބީ އީދު ކަބީ ދިވާލީ" އިން ޓީވީ ތަރި ޝްވެތާ ތިވާރީގެ ދަރިފުޅު ޕަލަކް ބޮލީވުޑަށް ނުކުންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މިހާރު ކުރިއަށްދާ އެ ފިލްމުގެ ޝޫޓިންތަކާ ޕަލަކް ގުޅިފައިވާއިރު، އޭނާ އެ ފިލްމުގައި ފެންނާނީ ޖަސީ ގިލްއާ އެކު އެވެ. އެ ފިލްމުގައި ޕަލަކް ފެންނާނީ ކޮން ކަހަލަ ރޯލަކުން ކަމެއް އަދި ނޭނގެ އެވެ.

ސަލްމާންގެ ފިލްމަކުން ބޮލީވުޑަށް ނުކުތުމުގެ ފުރުސަތު ޕަލަކަށް ލިބުނުއިރު، އޭނާ ވަނީ މީގެ ކުރިން މިއުޒިކް ވީޑިއޯއަކުން ވެސް ފެނިފަ އެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރުގައި ނެރުނު ލަވަ "ބިޖްލީ ބިޖްލީ" އިން ފެނުނުއިރު، ވަރަށް ހިޓްވި އެ ލަވައިގައި ޕަލަކްގެ ހުށަހެޅުން ވަރަށް ކަމުގޮސްގެން ގިނަ ބަޔަކު އެ ވާހަކަ ވެސް ދެއްކި އެވެ.

"ކަބީ އީދު ކަބީ ދިވާލީ" އަކީ ގިނަ އަދަދެއްގެ ތަރިން ފެންނާނެ ފިލްމެކެވެ. އެ ފިލްމުގައި ސަލްމާންގެ އާއިލާގެ މީހުންގެ ރޯލުން ރާގަވް ޖުޔަލް އާއި ސިދާތު ނިގަމް ފެންނާނެ އެވެ. އަދި ޕޫޖާ ހެޖް އާއި ޝެހެނާޒް ގިލް ފަދަ ތަރިން ވެސް އެ ފިލްމުން ފެންނާނެ އެވެ.

މުމްބާއީގައި މިވަގުތު އެ ފިލްމުގެ ޝޫޓިންތައް ކުރިއަށް ދިޔަ ނަމަވެސް، އެ ފިލްމުގެ ޝޫޓިންތައް ވަރަށް އަވަހަށް ހައިދަރުއާބާދުގައި ވެސް ފަށާނެ އެވެ.

އެ ފިލްމު ރިލީޒްކުރާނީ މި އަހަރުގެ ޑިސެމްބަރުގަ އެވެ.