12 ޖޫން 2022 - 15:24

ރިޔާސީ ދެ ވަނަ ދައުރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާދަކުރައްވާނެ ކަން އިއުލާންކުރެއްވުމަށް ފަހު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ ބައްދަލުކުރައްވައި ރަނިން މޭޓުގެ ވާހަކަ ދެއްކެވި ކަމަށް ފަތުރަމުންދާ ވާހަކައަކީ ދޮގެއް ކަމަށް ގާސިމްގެ ޕޮލިޓިކަލް އެޑްވައިޒަރު އިލްހާމް އަހްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ދަނގެތީ ދާއިރާގެ ކުރީގެ މެމްބަރު، އިލްހާމް "މިހާރު" އަށް ވިދާޅުވީ ރައީސް އާއި ގާސިމް ދެއްކެވި ވާހަކައިގައި، މިހާރު އަޑުފަތުރަމުންދާ ގޮތަށް ރަނިންމޭޓު، އަދި ގާސިމް ރައީސްކަމަށް ވާދަކުރެއްވުން ފަދަ އެއްވެސް ވާހަކައެއް ނުދެކެވޭ ކަމަށެވެ.
"އޮނަރަބަލް ގާސިމް އިބްރާހިމްގެ ފަހަތްޕުޅަށް އަރަންވީ ނޫންހޭ، އެކަހަލަ އެއްވެސް ވާހަކައެއް ނުދެކެވޭ. އަނެއް ކަމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިންމޭޓުގެ ވާހަކަ، 200 ޕަސެންޓް ޔަގީން، އެފަދަ އެއްވެސް ވާހަކައެއް ނުދެކެވޭ،" އިލްހާމް ވިދާޅުވި އެވެ.
މި ދެ ތުހުމަތަށް ޖަވާބު ދެއްވުމުގެ އިތުރުން ދެ ބޭފުޅުން ދެއްކެވި ވާހަކައިގެ ތަފްސީލަކަށް އިލްހާމް ވަޑައެއްނުގަންނަވަ އެވެ. ރައީސްގެ ދަތުރުފުޅުގައި، އެމްޑީޕީގެ ޗެއާޕާސަން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ބައިވެރިވެވަޑައިގަތެވެ.
ދެ ދުވަހަށް ފަހު ރައީސް މާލެވަޑައިގެންފައިވާ އިރު، އެ ބައްދަލުވުމާ ގުޅޭ ގޮތުން އެމަނިކުފާނުގެ އަރިސް ބޭފުޅުން ވެސް މިހާތަނަށް އެއްޗެއް ވިދާޅެއް ނުވެ އެވެ. ގާސިމް ވެސް މީޑިއާއަށް ވާހަކައެއް ނުދައްކަވަ އެވެ.
ރައީސް ދެ ވަނަ ދައުރަކަށް ވާދަކުރައްވާނެ ކަން އިއުލާންކުރެއްވުމަށް ފަހު، ސިޔާސީ ލީޑަރަކަށް އެންމެ ފުރަތަމަ މި ބައްދަލުކުރެއްވީ ގާސިމްއާ އެވެ. ރައީސް ކުއްލި ދަތުރުފުޅެއްގައި ގާސިމްގެ އުފަން ރަށް، މާމިގިއްޔަށް ހުކުރުދުވަހު ވަޑައިގަތީ ރިޔާސީ އިންތިހާބަށް ވާދަކުރެއްވުމާ މެދު މިހާތަނަށް ގޮތެއް ނުނިންމަވާ ކަމަށް ގާސިމް ވިދާޅުވެފައި ވަނިކޮށެވެ.
އިންތިހާބަށް ރައީސްގެ ވިސްނުންފުޅު ހާމަކުރައްވަމުން ވިދާޅުވެފައި ވަނީ، އެކަނި ވާދަކޮށްގެން އެމްޑީޕީއަށް ވެސް އިންތިހާބު ކާމިޔާބެއް ނުކުރެއްވޭނެ ކަމަށެވެ. އެމްޑީޕީއަށް ދެ ވަނަ ދައުރެއް ކާމިޔާބު ކުރެވޭނީ އެމަނިކުފާނާ އެކުގައި ކަމުގެ ކަށަވަރުކަން އޮތް ކަމަށް ވިދާޅުވި އެވެ.
ރައީސް އާއި ގާސިމްގެ ބައްދަލުވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، އެ ޕާޓީގެ މެމްބަރުންނަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ ރައީސްގެ ކެންޑިޑެސީގެ ހުރިހާ ބާރެއް މިހާރު ގާސިމަށް ލިބިވަޑައިގެންފައިވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެ ވަނަ ދައުރަކަށް ކެންޑިޑެސީ އިއުލާން ކުރެއްވީ ސަރުކާރު ކޯލިޝަންގައި މިހާރު ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ވެސް އެކުގައި ތިއްބަވާނެ ކަމަށް ނިންމަވައިގެން ކަމަށެވެ. ކުއްލިއަކަށް ގާސިމްއާ ބައްދަލުކުރެއްވުމުގެ މާނައަކީ، ނަޝީދު ވިދާޅުވި ގޮތުގައި، ޕާޓީތަކާ އެކު ގޮތެއް ނުނިންމަވައި އިއުލާން ކުރެއްވުމެވެ.