ކޮންމެ ދިހަ މީހަކުން އެކެއްގެ ލޭގައި މައިކްރޯ ޕްލާސްޓިކް ހުންނަ ކަމަށް ކޮމަންސީޒްގެ ދިރާސާ އަކުން ދައްކައިފި އެވެ.

ކޮމަންސީޒް އަކީ ކަނޑުތައް ރައްކާތެރިކުރުމާއި ޕްލާސްޓިކް ޕޮލިޔުޝަން އާއި ޕްލާސްޓިކުން ލިބޭ ގެއްލުންތަކަށް ހޭލުންތެރި ކުރުވުމަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމާއަތެކެވެ. މި ޖަމާއަތުގެ ގޮތްޕެއް ރާއްޖޭގައި ވެސް މަސައްކަތް ކުރެ އެވެ.

އިންސާނުންގެ ލޭގައި މައިކްރޯ ޕްލާސްޓިކް ހުރޭތޯ ބަލަން ކޮމަންސީޒް އިން ދާދިފަހުން ހެދި ދިރާސާގެ އެނިމޭޓެޑް ވީޑިއޯއެއް މިހާރު ވަނީ ނެރެފަ އެވެ. މި ވީޑިއޯގައި، ޕްލާސްޓިކުން އިންސާނުންނަށް ލިބޭ ގެއްލުން ދައްކައިދެ އެވެ.

ކޮމަންސީޒް އިން ކުރި މި ދިރާސާ އަކީ އިންސާނުންނަށް ޕްލާސްޓިކުން ލިބޭ ގެއްލުން ހޯދުމަށް ކުރި ފުރަތަމަ ދިރާސާ އެވެ. ކޮމަންސީޒްގެ ސީއީއޯ ޖޯ ރޯޔަލް ވިދާޅުވީ، މައިކްރޯ ޕްލާސްޓިކުން އިންސާނުންގެ ހަށިގަނޑު ބޮޑެތި ނުރައްކާތަކަށް ހުށައެޅޭ ކަމަށެވެ. މައިކްރޯ ޕްލާސްޓިކުން ހަށިގަނޑު ދުޅަވެދާނެ ކަމަށާއި އަދި މާބަނޑު އަންހެނުންގެ ރަހިމުގައި އޮންނަ މަހުގެ ތެރެއިން މި ތަކެތި ދައުރުކޮށް ހަށިގަނޑުގެ އެކި ގުނަވަންތަކަށް ޕްލާސްޓިކު އެއްވާކަން ހޯދިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމަންސީޒްގެ އަމާޒަކީ މައިކްރޯ ޕްލާސްޓިކުން ސިއްހަތަށް ކުރާނެ ގެއްލުންތައް ދެނެގަނެ މި ގެއްލުންތައް ކުޑަ ކުރުމަށް ކުރެވެން ހުރި ކަންކަން ދެނެގަތުމެވެ. އެގޮތުން ޕްލާސްޓިކުން ސިއްހަތަށް އަސަރުކުރާ ކަންކަމުގެ ދިރާސާ ފަންޑެއް ހޯދުމަށް "ލޭގައި ހުންނަ ޕްލާސްޓިކު"ގެ ނަމުގައި ކެމްޕެއިންނެއް ވަނީ ފަށައިފަ އެވެ.

ރޯޔަލް ވިދާޅުވީ ދުނިޔެ އާއި، ވެއްޓާއި ހައްޓަށް ޕްލާސްޓިކުން ބޮޑެތި ގެއްލުންތަކެއް ލިބެމުން ދާއިރު، ޕްލާސްޓިކް ބޭނުން ކުރާ މިންވަރު މަދުކުރުމަކީ މިހާރު ކޮންމެހެން ވެސް ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ. އެހެންވެ، ގައުމުތަކުގެ ވެރިންނާއި ވިޔަފާރިވެރިން މި ކަންކަމަށް އިސްކަންދީގެން، ޕްލާސްޓިކުގެ ބަދަލުގައި ބޭނުން ކުރެވޭނެ އެހެންތަކެއްޗަށް އިސްކަންދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ. އަދި ރައްޔިތުން ވެސް މި ފަދަ ޕޮލިސީތައް ގާއިމުކުރުމަށް ސަރުކާރަށް ބާރުއަޅާ، މިކަމުގައި ސަރުކާރު ޖަވާބުދާރީ ކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ. ޕްލާސްޓިކު މަދު ކުރުމަކީ އެންމެންގެ މަސައްކަތެއް ކަމަށާއި މިހާރު އޮތް ހާލަތުން ރައްކާތެރި ހާލަކަށް ދުނިޔެ ގެންދިޔުމަކީ އެންމެންގެ ވާޖިބެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހުޅަނގުގެ ގައުމުތަކާ އަޅާ ބަލާއިރު ރާއްޖޭގައި ޕްލާސްޓިކު ބޭނުންކުރާ މިންވަރު ނިސްބަތުން ގިނަ އެވެ. ކުނީގެ ގޮތުގައި ކަނޑަށް އަޅާ ޕްލާސްޓިކުން ބޮލަކަށް، 3.7 ކިލޯ ޖެހެއެވެ. ޔޫރަޕުގައި ބޮލަކަށް ޖެހެނީ 0.3 ކިލޯ އެވެ. ދިވެހިރާއްޖޭގެ އިގުތިސާދުގެ މައި ބައެއް ކަނޑުތަކަށް ބަރޯސާ ވާއިރު މިއީ ދިވެހިން ކަންބޮޑުވެ ވިސްނަން ޖެހޭ ކަމެއް ކަމަށް ކޮމަންސީޒް އިން ބުނެ އެވެ. ހާއްސަކޮށް 2018 ވަނަ އަހަރު 2000 އެއްހާ ކިލޯގެ ކުނި ކަނޑުން ނެގުމަކީ ދިވެހިން ކަންބޮޑުވާން ޖެހޭނެ ކަމެއް ކަމަށާއި ޕްލާސްޓިކުން މަސްމަހާއި މެއްސާއި ކަނޑުތަކަށް ލިބޭ ގެއްލުމުގެ އަސަރު އާއްމުންނަށް ވެސް ކުރާނެ ކަމަށް އެ ޖަމާއަތުން ބުނެ އެވެ.

ކޮމަންސީޒް ދިވެހިރާއްޖޭގެ ޕޮލިސީ ލީޑް ހައްވާ ނަޝްވާ ވިދާޅުވީ ޕްލާސްޓިކު ގިރި، ކުދިކުދި ވެގެން ގޮސް އިންސާނުން ކާ ކާނާ އާ އެކުވެ ހަށިގަނޑަށް އެ ތަކެތި އެތެރެވުމަކީ ނުހަނު ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ. ހާއްސަކޮށް ރާއްޖޭގައި ކާނާ އާއި އިގުތިސާދުގެ ބޮޑުބައެއް ކަނޑުތަކަށް ބަރޯސާވާއިރު، ޕްލާސްޓިކުން ކަނޑުތަކަށް ލިބޭ ގެއްލުންތައް ކުޑަ ކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖޭގައި ޕްލާސްޓިކް މަދުކުރުމުގެ މަސައްކަތްތަކެއް މިހާރު ވަނީ ފަށައިފަ އެވެ. އެ ޕްރޮގްރާމްގެ ދަށުން 500 އެމްއެލް އަށް ވުރެ ކުދި ޕްލާސްޓިކް ފެންއަޅާ ފުޅި އުފެއްދުން މިހާރު ވަނީ މަނާކޮށްފަ އެވެ. މިއީ އުކާލެވޭ ކުދި ޕްލާސްޓިކު މަދު ކުރުމަށް އެޅި ފިޔަވަޅެކެވެ. ޕްލާސްޓިކު މަދު ކުރުމަށް މި ފަދަ ފިޔަވަޅުތައް އިތުރު ކުރަން ޖެހެއެވެ.